Roadha Mihaaru
ރައީސް ވިދާޅުވަނީ ހަރުކަށި ފިކުރަށް ދޫދެއްވުމެއް ނެތް ކަމަށް

ހަރުކަށި ފިކުރަށް ދޫ ދިނުމެއް ނެތް، ހައްލުކުރާނަން: ރައީސް

16 ޑިސެމްބަރ 2019

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ވާގިވެރިވެ، ރާއްޖޭގައި އެ އަމަލުތައް ހިންގާ މީހުން ހުއްޓުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ވާގިވެރިވެ، ރާއްޖޭގައި އެ އަމަލުތައް ހިންގާ މީހުން ހުއްޓުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ދައުވަތު ދީގެން ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ "ފިއަވަތި" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ހަރުކަށި ފިކުރުު އޮތް މިންވަރު ދައުލަތުގެ ސިއްރެއްގެ ގޮތުގައި ބާއްވައިގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

އެމަނިކުފާނު މި ގޮތަށް މި ވިދާޅުވީ ހަރުކަށި ފިކުރުގެ ތެރެއިން މީހުން މަރަން ޖެހިލުން ނުވާ 1،400 އެއްހާ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ބަޔަކު ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި އައިސް އެ ފިކުރު ކުރިއެރުވުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދާ ކަމަށް ފުލުހުންނާއި ސިފައިން މިއަދު އާއްމުކުރި މައުލޫމާތުތަކަށް އިޝާރާތް ކުރައްވަ އެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލު ކޮށްފީމު ރާއްޖޭގައި ހަރުކަށި ފިކުރު އޮތް ކަން. ޖިހާދުގެ ނަމުގައި ހަނގުރާމަ އަށް ސީރިއާ އަށާއި އިރާގަށާއި އަފްގާނިސްތާނަށް މީހުންދާ ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ މިކަމަށް [ހަރުކަށި ފިކުރާ] ކުރިމަތިލައި ހައްލު ހޯދުން. --ރައީސް

ގައުމަށް ދިމާވެފައިވާ ހަރުކަށި ފިކުރުގެ ނުރައްކަލުން ސަލާމަތް ވާނީ، ރައީސް ވިދާޅުވި ގޮތުގައި، ސަލާމަތީ ޚިދުމަތްތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

ކައުންސިލަރުންނަށް ރައީސް: ރައްޔިތުންނާ މަޝްވަރާ ކުރައްވާ

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ދެ ދުވަހަށް ކުރިއަށް ގެންދިޔަ މަހާސިންތާ އިން ބޭނުންތެރި، އަތޮޅާއި ރަށަށް އަދި ސިޓީތަކަށް ފައިދާ ހުރި ނަތީޖާތަކެއް ނެރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެންމެ ބޮޑު އެދިވަޑައިގަތުމަކީ ކައުންސިލްތަކުން ޚިދުމަތް ދިނުމާއި ތަރައްގީގެ މަޝްރޫއުތަކާއި ނިންމުންތައް ނިންމުމުގައި ވެސް ރައްޔިތުންގެ ލަފަ އާއި މަޝްވަރާ ހޯދުމެވެ. އެއީ، ކައުންސިލް އިދާރާ އަޅާނެ ބިމެއް ކަނޑައެޅުން ފަދަ ކަމެއްގައި ނަމަވެސް ރައްޔިތުން ނުރުހުންވާ ގޮތަކަށް އެކަން ނުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން ރައީސް އެދިވަޑައިގަތެވެ.

"ކޮންމެ ކަމެއް ކުރިއަސް ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ވިންދު އޮތް ގޮތް ބަލަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުން ކައުންސިލްތަކަށް ބާރު ދޫކޮށްލީ، އެމަނިކުފާނު މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާތީ އެވެ. އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއް ކަމަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ބާރުތަކެއް ކައުންސިލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދޫކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.

ގާނޫނަށް ގެނައި ބޮޑު ބަދަލާ އެކު ޚިދުމަތް ފަށާއިރު ކުރިމަތިވެދާނެ ގޮންޖެހުންތަކެއް ހުރެދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފައިދާހުރި މަޝްވަރާތަކެއް މަހާސިންތާގެ ތެރޭގައި ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް 2011 ގައި އަމަލުކުރަން ފެށި ފަހުން އަންނަ އަހަރަކީ ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ދައުލަތުން ދޭ އަހަރެވެ. ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.

ކައުންސިލްތަކުގެ އަތްމައްޗަށް ދޫކޮށްލާ އެ ބަޖެޓް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުންކުރުމާ މެދު ބައެއް ކައުންސިލަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަށައިގަންނަ އިރު އުނދަގޫތަކާ ދިމާވި ނަމަވެސް އެ ކަންކަމަށް ހައްލު ހޯދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އެ ދަތިތައް ހައްލުކުރަން، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވެދެވެން އޮތް އެހީތެރިކަމެއް ދޭނެ އެވެ.