Roadha Mihaaru

ނަޝީދުގެ ވާހަކަފުޅު ފުލުހުން ދޮގުކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ ދިވެހިން، ފުލުހުންގެ ތެރޭގައި ވެސް އުޅޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ނަޝީދުގެ ވާހަކަފުޅު ފުލުހުން ދޮގުކޮށްފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

10 ފެބުރުއަރީ 2018

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ ދިވެހިން، ފުލުހުންގެ ތެރޭގައި ވެސް އުޅޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ، "ދަ ޓައިމްސް އޮފް އިންޑިއާ"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިރާގާއި ސީރިއާއިން އައިއެސްގެ ހަނގުރާމަވެރިން ފަހާލުމުން، އޭގެ ތެރޭގައި ތިބި ބައެއް ދިވެހިން އެނބުރި ރާއްޖެ އައިސް، ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ ތެރޭގައި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެހެންވެ، ދިވެހި ދައުލަތުގެ ތެރޭގައި މިހާރު އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީށް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީށް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނަޝީދުގެ މި ތުހުމަތު ދޮގުކުރައްވައި ފުލުސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެއީ ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން އެމަނިކުފާނު ދެއްކެވި އެއްވެސް ހަގީގަތެއް ނެތް ވާހަކަފުޅުތަކެއް ކަމަށެވެ. އަދި އެއީ ފުލުހުންނާ މެދު ދެކޭ ގޮތް ބަދަލުކޮށް، ކުރާ އިތުބާރު ގެއްލުވާލަން، ނަޝީދުގެ އަމިއްލަފުޅު އެދުމެއްގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އެހެންވެ، ފުލުހުންގެ އިދާރާއާ ގުޅޭ ގޮތުން މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަމެވެ،" ފުލުހުން ލިއެފައިވެ އެވެ.

ފުލުހުން ބުނީ ފުލުހުންނާ ގުޅޭ ގޮތުން މި ފަދަ ވާހަކަ ފަތުރާ ނަމަ، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ދިވެހިންގެ ގިނަ ބަޔަކު ސީރިޔާ ފަދަ ގައުމުތަކުގައި ހަނގުރާމަ ކުރަމުން ދާ އިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު ސަރުކާރުން ބުނީ ބޭރު ގައުމުތަކަށް ހަނގުރާމައަށް ދާ މީހުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.