Roadha Mihaaru
11 އަހަރަށް ފަހު ނަޝީދާއި ވަހީދު އެއްމޭޒަކުން!

11 އަހަރަށް ފަހު ނަޝީދާއި ވަހީދު އެއްތަނަކުން، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ!

07 އެޕްރީލް 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ 11 އަހަރު ކުރިން މަގާމުން އިސްތިއުފާ ދެއްވި ފަހުން، އެ މަނިކުފާނުގެ އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދާ ރޭ ފުރަތަމަ ފަހަރަށް އެއްތަނަކުން ފެނި، އެ ދެ ބޭފުޅުންގެ ފޮޓޯ އަށް ގިނަ ބައެއްގެ ލޯ ހުއްޓިއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ 11 އަހަރު ކުރިން މަގާމުން އިސްތިއުފާ ދެއްވި ފަހުން، އެ މަނިކުފާނުގެ އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދާ ރޭ ފުރަތަމަ ފަހަރަށް އެއްތަނަކުން ފެނި، އެ ދެ ބޭފުޅުންގެ ފޮޓޯ އަށް ގިނަ ބައެއްގެ ލޯ ހުއްޓިއްޖެ އެވެ.

ފެބްރުއަރީ 7، 2012 ގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގައި ނަޝީދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން ދެން ވެރިކަމުގެ ހުވާ ކުރެއްވީ ވަހީދެވެ. އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު ފަހުން ހުންނެވި ވަހީދުގެ އެ ނިންމެވުމާ ގުޅިގެން ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަޝީދާއި އެމްޑީޕީގެ މެމްބަރުން ސިޔާސީ ގޮތުން އެންމެ ހިތްހަމަނުޖެހޭ އަދި އެންމެ "ނަފްރަތު" ކުރާ ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރިއަށް ވެސް ވަހީދުގެ ނަން އެރި އެވެ. ވަހީދަށް ހަޑިހުތުރު ބަހުން ގޮވައި، ވަނަންތައް ވެސް އެމްޑީޕީގެ މެމްބަރުންގެ އެ ރުޅީގައި ތައާރަފު ކުރި އެވެ. މިހާރު ވެސް އެ ނަންތަކުން ގޮވަ އެވެ.

ނަޝީދުގެ ވިސްނުންފުޅު އޭރު ހުރީ އެ މަނިކުފާނު އިސްތިއުފާ ދެއްވުމުން އޭގެ ފަހަތުން ވަހީދު ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ. ބޮޑަށް ގޯސްވީ، އެ ކަންކަމަށް ރިއާޔަތް ކުރެއްވުމެއް ނެތި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސްކަމުގެ މަގާމާ ނައިބު ރައީސްގެ ހައިސިއްޔަތުން ވަހީދު ހަވާލުވެވަޑައިގެންނެވުމުންނެވެ. ދެން ނަޝީދާއި އެމްޑީޕީގެ މެމްބަރުން މަގުތަކަށް ނުކުމެ ކެނޑިނޭޅި ގެންދިޔައީ އެ ވަހީދާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އޭގެ ފަހުން ނަޝީދާއި ވަހީދު އެއް ތަނަކުން ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުވީ ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމެއްގެ ތެރެއިންނެވެ. ޖެން ހޮޓަލުގައި ބޭއްވި ރޯދަވީއްލުމުގައި މޭޒުތަކާއި ގޮނޑިތައް ތަރުތީބު ކޮށްފައިވާ ގޮތުން ނަޝީދާއި ވަހީދު ތިއްބެވި ޖެހިގެންނެވެ. ދެ ބޭފުޅުން ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދައްކަވައި ސަމާސާ ކުރެއްވި ތަން ފެނުނެވެ.

ނަޝީދާއި ވަހީދުގެ އެކުގައި ހިނިފުޅުވަޑުވައިގެން ތިއްބެވި ފޮޓޯފުޅު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ރޭ އާންމުކުރުމާއެކު، ބައެއް މީހުން އެކި ގޮތްގޮތަށް އެ އަށް އިންސާފުކުރި އެވެ. އެއްބަޔަކަށް ނަޝީދު ދައްކަވައި ދެއްވީ ހިތްތިރިކަމުގެ ނަމޫނާއެކެވެ. އަނެއް ބަޔަކު ބުނީ ތެލާއި ފެން ވެސް މިހާރު އެއްކުރެވޭ ކަމަށެވެ. އަދި ނަޝީދު މިހާރު އެމްޑީޕީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރުގެ ދިރުން" ގެ އެއްވެސް މީހަކު މީގެ ފަހުން ވަހީދާ ދިމާލަށް އެއްޗެހި ނުގޮވުމަށް ބައެއް މީހުން ގޮވާލި އެވެ.

އެކަކު ބުނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ޓިކެޓް ވަހީދަށް އަދި ރަނިންމޭޓްކަން ނަޝީދަށް ދިނުމުން ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދު ހުންނެވީ ގާސިމްގެ ފަހަތުގަ އެވެ.

ސައޫދީ ސަފީރުގެ ރޯދަވީއްލުމުގައި ނަޝީދާއި ވަހީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ބައެއް ވަޒީރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރާއްޖޭގައި ތިއްބަވާ ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގަތެވެ.