Roadha Mihaaru
ރަނިން މޭޓަކަށް މާލޭ ބޭފުޅަކު ނުނަގާނަން: ނަޝީދު

ރަނިން މޭޓަކަށް މާލޭ ބޭފުޅަކު ނުނަގާނަން: ނަޝީދު

26 މެއި 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް މާލޭ ބޭފުޅަކު ހަމަނުޖައްސަވާނެ ކަމަށާއި އެ މަގާމު ދޭނީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް މާލޭ ބޭފުޅަކު ހަމަނުޖައްސަވާނެ ކަމަށާއި އެ މަގާމު ދޭނީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް، ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ނައިބު ރައީސަކަށް ރާއްޖެތެރޭ ބޭފުޅެއް ކަނޑައެޅުން ވަރަށް މުހިއްމު ކަމަށެވެ. އަދި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކީ މާލެ ބޭފުޅަކަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މާލޭ ނޫން މީހެއް ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެހެންވީމަ އެ މަގަށް އަޅުގަނޑު ގެންދާނަން. ނައިބު ރައީސަކަށް ލާނީ އެކަށީގެންވާ ރަނގަޅު، އިހްލާސްތެރި ބޭފުޅެއް،" ރަނިންމޭޓަކަށް އައްޔަން ކުރާނީ ކާކުތޯ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވި އެވެ.

ރަނިންމޭޓަކަށް އައްޔަން ކުރައްވާނީ ކޮން ބޭފުޅެއް ކަމެއް އަދި އެކަމާ މެދު ގޮތެއް ނިންމަވާފައިވާ ކަމެއް ވެސް ނަޝީދު ވިދާޅެއް ނުވެ އެވެ.

ނަޝީދުގެ އެންމެ ފުރަތަމަ ރަނިންމޭޓަކީ ޑރ. މުހައްމަދު ވަހީދެވެ. އެމަނިކުފާނާއެކު ނިކުންނަވައި 2008 ގެ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ފެބުރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެ ވަޑައިގަތީ ޑރ. ވަހީދެވެ. އެކަމަކު، ނަޝީދާއި އިދިކޮޅު އެމްޑީޕީން ސިފަކުރި ގޮތުގައި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތީ ބަޣާވާތް ކުރައްވައިގެންނެވެ.

އޭގެ ފަހުން، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނަޝީދު ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވީ އެމަނިކުފާނު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.މުސްތަފާ ލުތުފީ އެވެ. އެ އިންތިހާބުން ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

ނަޝީދު މިހާރު ހުންނެވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ގޮތަށް، އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނާއި، ސަރުކާރުން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ނަޝީދު ހިމެނޭ ގޮތަށް ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން، މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ވާތީ ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އަދި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ، ގައިދީން މިނިވަންކުރުމަށް އަމުރުގައި އޮތް ބައި ބާތިލްކޮށްފަ އެވެ.

ނަޝީދު މިއަދުވެސް ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށާއި އެކަން ވާނީ ރައްޔިތުންގެ ޖޯޝާއި ފޯރި ނެރުނު ވަރަކުން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑަށް (އިންތިހާބުގައި) ވާދަކުރެވޭނެ. އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ އިން އިންތިހާބު އިންސާފުވެރިކޮށް ދިނުމަށް އެބޭފުޅުންނަށް އެހީތެރިވެދެވެން އޮތް އެންމެ ފުޅާ މިނެއްގައި އެހީތެރިވެދޭނެ، އަދި އެ މަސައްކަތް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފެނިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ނަޝީދު ވިދާޅުވި އެވެ.