ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ކްރެޑިޓް ނަގަން އެއްވެސް ބަޔަކު އުުޅުމަކީ ބޮޑު އަޖައިބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
08 ޖުލައި 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ކްރެޑިޓް ނަގަން އެއްވެސް ބަޔަކު އުުޅުމަކީ ބޮޑު އަޖައިބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓް "އަނެއް ދިވެހިރާއްޖެ"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ޓާމިނަލް ހަދައި ނިންމުމުގެ ކްރެޑިޓް ނަގަން އުޅޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދު މިގޮތަށް ޕޯސްޓްކުރެއްވީ އެމްޑީޕީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެއާޕޯޓުގެ ބޮޑު ބައި ނިންމީ އެމްޑީޕީގެ ސަރުކާރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަަކަ ދައްކަވާފައި ވަނިކޮށެވެ.
"ދެ ބިލިއަން ޑޮލަރުން ރާއްޖެ ދަރައި، އަދި 15 އަހަރު ގެއްލިގެން ދިޔަ ކަމަކަށް ކްރެޑިޓް ނަންގަވާން އުޅުއްވަންވީ ސަބަބެއް ނުވިސްނޭ،" ނަޝީދު ވިދާޅުވި އެވެ.
ދެ ބިލިއަން ޑޮލަރު ކަމަށް ނަޝީދު މާނަކުރެއްވީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އަނބުރާ ދައްކަން ޖެހޭ، އެކި ޕްރޮޖެކްޓުތަކަށް ނަގާފައިވާ ދަރަންޏަށެވެ. ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރީ ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރު (138 ބިލިއަން ރުފިޔާ)ގަ އެވެ.
އާ ޓާމިނަލް މަޝްރޫއުގައި، 15 އަހަރު ގެއްލިގެން ދިޔަ ކަމަށް ނަޝީދު އެ ވިދާޅުވަނީ ބެލެވޭ ގޮތުގައި، އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެއާޕޯޓު ހިންގަން ހަވާލުކުރި މުއްދަތަށް އިޝާރާތް ކުރައްވަ އެވެ. އެއާޕޯޓު ހިންގުން ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގަ އެވެ.
އެ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލީ ދައުލަތަށް ގެއްލުވާ ގޮތަށް އޮތުމުންނެވެ. އެ އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދައްކައި ހަލާސްކުރި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ކްރެޑިޓް ނަގަން އެއްވެސް ބަޔަކު އުުޅުމަކީ ބޮޑު އަޖައިބެއް ކަމަށް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުގައި ވިދާޅުވިއިރު، އެ އެއާޕޯޓް ހިންގުން އެ މަނިކުފާނުގެ ވެރިިކަމުގައި ޖީއެމްއާރަށް ދޫކުރި ދޫކުރުން ދިފާއުކުރައްވައި، ޓޫރިޒަމް ދާއިރާގެ އިސްބޭފުޅުން ތިއްބަވާ ގުރޫޕެއްގައި މިިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެ ފިޔަވަޅު އޭރު އެޅި ނަމަ ނުވަތަ ޖީއެމްއާރު އަތުން އެއާޕޯޓް އަތުނުލި ނަމަ "ދެ ބިލިއަން ޑޮލަރުގެ ދަރަނި ނޭޅި އާ އެއާޕޯޓު އޮޕަރޭޓް ކުރާތާ 10 އަހަރު މިހާރު އޮންނާނީ ވެފަ" އެވެ.
ނަޝީދު އެހެން ވިދާޅުވީ، އިންޑިއާގެ އަދާނީ ގުރޫޕަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު "ވިއްކާލަން" އުޅޭ ކަމަށް ބުނެ ފެތުރި ވާހަކަތައް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރެއްވުމުންނެވެ. ހަނިމާދޫ އެއާޕޯޓު އެއާލައިނަކުން ހިންގައިފި ނަމަ، ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވާ ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް އަވަސްކޮށް، އާ ޓާމިނަލް މި މަހު ހުޅުވަނީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުންނެވެ. އަދި ރައީސް މުއިއްޒު އެ ޕްރޮޖެކްޓް އަވަސްކުރަން ދެއްވި ހާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންނެވެ.
ކުރީގެ ސަރުކާރު ނިމުނުއިރު، ލޯނު ލިބުން ލަސްވެގެން މަސައްކަތް މަޑުޖެހިފައި އޮތް އެއާޕޯޓު ނިންމައި ބައިބަޔަށް ނަމަވެސް ހުޅުވުމަކީ އެންމެ އިސްކަން ދެއްވި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެއާޕޯޓާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި ވަނީ ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓުގެ ބޮޑު ބައި ނިންމީ އިބޫގެ ވެރިކަމުގަ އެވެ. ޔަމީންގެ ވެރިކަން ބަދަލުވުމާއެކު "ހުއްޓިފައި އޮތް" އެ ޕްރޮޖެކްޓް ޖެހުނީ "އަލުން ބަލުން ފަށަން" ކަމަށް އަމީރް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ ގޮތެއްގައި ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.
އެންމެ ބޮޑު ހިޔާނާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން
ޓާމިނަލް ހުޅުވުން އިޒްރޭލު ކުންފުންޏަކަށް ނުދޭ
ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު
"ނަޝީދު އެނބުރި ވަޑައިގަތީ ޑީލެއްގެ ދަށަކުން ނޫން"
އަނބުރާ ގެއަށް ދެވުނު ކަހަލަ: ނަޝީދު
އެމްޑީޕީގެ ޖަލްސާއަށް އިބޫ ވަޑައިނުގަންނަވާ
ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
އާ ޓާމިނަލް: މި ރީތިކަން، އާމްދަނީގެ ދޮރާއްޓަކަށް
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް