Roadha Mihaaru
ތަނެއް ކުއްޔަށްދޭ ކަމަށް ބުނެ ލަނޑުދޭ މީހަކު ޖަލަށް

އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ 13 މީހެއްގެ އަތުން ފައިސާ ނެގި މީހަކު ޖަލަށް

14 ޑިސެމްބަރ 2019

މާލޭން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ، އެތަން ކުއްޔަށް ދިނުމުގެ ނަމުގައި 13 މީހެއްގެ އަތުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނަގައި މަކަރު ހެދި މީހަކު ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމް ކޮށްފި އެވެ.

މާލޭން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ، އެތަން ކުއްޔަށް ދިނުމުގެ ނަމުގައި 13 މީހެއްގެ އަތުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނަގައި މަކަރު ހެދި މީހަކު ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓަށް 2013 ވަނަ އަހަރު ހުށަހެޅި މި މައްސަލާގައި ދައުވާ ލިބެނީ ގ. ގްރީންބީންސް، މުހައްމަދު މޫސާގެ މައްޗަށެވެ. އުމުރުން 63 އަހަރުގެ މި މީހާ ވަނީ 2011 ވަނަ އަހަރުން ފެށިގެން ގ. ގްރީންބީންސް ގޭގެ އެކި އެޕާޓްމަންޓްތައް އެކި ފަހަރުމަތިން އެކި މީހުންނަށް ކުއްޔަށް ދޭނެ ކަމަށް ބުނެ އެ މީސްމީހުންގެ އަތުން އެޑްވާންސަށް ފައިސާ އަތުލައިފަ އެވެ. ބައެއް މީހުންގެ އަތުން ނެގި ފައިސާ އިން ބައެއް އަނބުރާ ރައްދުކޮށްފައި ވިޔަސް، ހުކުމުގައިވާ ގޮތުން، އެޕާޓްމަންޓް ވެސް އަދި ދެއްކި ފައިސާ ވެސް ނުދީ ގިނަ ބަޔަކަށް މި މީހާ ވަނީ ލަނޑު ދީފަ އެވެ. އެގޮތުން އެކި މީސްމީހުންގެ އަތުން ނެގި ފައިސާގެ އަދަދު 237،000 އަށް އަރަ އެވެ.

ހުކުމުގައި ބުނެފައިވަނީ މުހައްމަދު މޫސާ، 13 މީހެއްގެ އަތުން 1،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދުތަކުން ފައިސާ ނަގާފައިވާ ކަމަށެވެ.

މުހައްމަދު މޫސާގެ މައްޗަށް ދައުވާކުރީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން، 10،000ރ. އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ. އޭރު އޮތް ގޮތުން ނަމަ މުހައްމަދު މޫސާގެ މައްޗަށް 19 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ފަހުން އަންނަ ގާނޫނަކުން ލުއި އަދަބެއް އޮތް ނަމަ ދޭން ޖެހޭނީ އެ އަދަބު ކަމަށް ވާތީ އަދަބު ކަނޑައެޅީ މިހާރުގެ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. މިހާރުގެ ގާނޫނުލްއުގޫބާތުގައި މުހައްމަދު މޫސާގެ މައްޗަށް ކަނޑައެޅޭ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. އެކަމަކު މީނާގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ވެފައި ވާތީ ދައުލަތުން ވަނީ އަދަބު ބޮޑުކުރުމަށް އެދިފަ އެވެ. އެކަމަށް ރިއާޔަތްކޮށް އަދަބުގެ ދަރަޖަ މަތިކޮށް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމްކުރީ އެވެ.

މުހައްމަދު މޫސާ ދައުވާ އަށް އިންކާރުކޮށް އޭނާގެ ވަކީލު ޝަރީއަތުގައި ވިދާޅުވީ މިއީ ޖިނާއީ ދައުވާއެއް އުފުލޭނެ މައްސަލައެއް ނޫން ކަމަށާއި މިއީ މަދަނީ އެއްބަސްވުމަކާ ގުޅޭ މައްސަލައެއް ކަމަށެވެ. އަދި މައްސަލަ ދިމާވި މީހުންނަށް ގެއްލުމުގެ ބަދަލު ނުވަތަ މަދަނީ ބަދަލުން ބައެއް ދީފައި ވެސް ވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. ނަމަވެސް، މުހައްމަދު މޫސާގެ ފަރާތުން ގެއްލުން ލިބުނު މީހުން ހުށަހެޅި ލިޔެކިޔުމާއި އެ މީހުންގެ ހެކިބަހަށް ރިއާޔަތްކޮށް، މުހައްމަދު މޫސާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެވެ.

ދައުވާ ސާބިތުވެ ކަނޑައަޅައި އަދަބު ކަނޑައެޅުމުގެ މަރުހަލާގައި މުހައްމަދު މޫސާގެ ވަކީލް ވަނީ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކުރުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ދައުލަތުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނަ ގާޒީ އަލީ ރަޝީދު ހުސައިން ކުރެއްވި މި ހުކުމުގައި، ދައުވާގައި ފާހަގަކޮށްފައިވާ، ގެއްލުން ލިބުނު މީހުން ބަދަލު ހޯދަން މަދަނީ ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.