Roadha Mihaaru
ގެއެއް ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދުމުން ޖަލަށް

ގެއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ޖަލަށް

28 މެއި 2016

ހުޅުމާލެއިން ރޯ ހައުސްއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނެގި މީހަކު ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލެއިން ރޯ ހައުސްއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނެގި މީހަކު ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދަފްތަރު ނަމްބަރު 2218 މުހައްމަދު ވަހީދުގެ މައްޗަށް މިދިޔަ ބުދަ ދުވަހު ކޯޓުން އެ ހުކުމްކުރީ ހުޅުމާލެއިން ރޯ ހައުސްއެއް ވިއްކާނެ ކަމަށް ބުނެ ޖޫން، 2014 ގައި ދެ ފަހަރެއްގެ މަތިން 65،000ރ މީހެއްގެ އަތުން ފައިސާ ނެގި މައްސަލައިގަ އެވެ.

އެ ފައިސާ އަތުލަން ރޯ ހައުސްގެ ރަޖިސްޓްރީ ކަމަށް ބުނެ ފޯޖްކޮށްފައިވާ ލިޔުމެއް ވެސް އޭނާ އެ މީހާއަށް ދިނެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުން ވަހީދު ކުށްވެރިވާ ކަމަށް ނިންމައި، އޭނާ ދެ އަހަރަށް ޖަލަށްލާން ހުކުމްކުރީ އާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅި ނަމަ ވަހީދަށް ދިގު މުއްދަތެއްގެ ހުކުމެއް އަންނާނެ އެވެ. އެކަމަކު ގާނޫނު އަސާސީ ބުނާ ގޮތުން ހުކުމް ކުރުމުގެ ކުރިން ގާނޫނަށް ގެންނަ ބަދަލަކުން ލުއި އަދަބެއް ކަނޑައަޅައިފި ނަމަ ކުށްވެރިޔާއަށް ދޭން ޖެހޭނީ ފަހުން އައި ގާނޫނުގައި ބުނާ ލުއި އަދަބެކެވެ.

ވަހީދަކީ 2009 ގައި މާލޭގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި އަށް މަހުގެ ތުއްތު ކުއްޖާ ކަމަށްވާ މުހައްމަދު ނާފިއުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި މީހެކެވެ. އެކަމަކު ކޯޓުން ކުރިން ނިންމާފައިވަނީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.

ވަހީދަކީ ނާފިއު އަށް އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވުނު އަދި ނާފިއުގެ މަންމަގެ އޭރުގެ ލޯބިވެރިޔާ ވެސް މެ އެވެ.

އޮޅުވާލައިގެން އެކި މީހުން އަތުން ފައިސާ އަތުލުމުގެ އަމަލްތައް ގިނަ ނަމަވެސް އެ ކުށް ކުރާ މީހުން ހޯދައި އަދަބު ދެވެނީ މަދުންނެވެ.