Roadha Mihaaru
ދަނޑުވެރިންނަށް 2.2 މިލިއަން ރުފިޔާގެ ލޯނު ދީފި

ދަނޑުވެރިންނަށް 2.2 މިލިއަން ރުފިޔާގެ ލޯނު ދީފި

12 ޑިސެމްބަރ 2019

މިއަހަރުގެ މިހާތަނަށް ދަނޑުވެރިންނަށް 2.2 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަހަރުގެ މިހާތަނަށް ދަނޑުވެރިންނަށް 2.2 މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން މިއަދު ބުނެފި އެވެ.

ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ވަނީ ދީފަ އެވެ. އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ހުސައިން ފައިސަލް ވިދާޅުވީ، ދަނޑުވެރިންނަށް ހާއްސަ ލޯނު ދިނުމުގައި ހަތަރު ކަމަކަށް ބަލާފައިވާނެ ކަމަށެވެ.

އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމާއި އެގްރޯފޮރެސްޓްރީ އާއި ގަހުގެ ނާސަރީ އުފެއްދުމާއި ދިރޭ ކުދި ޖަނަވާރު ގެންގުޅުމަށް ލޯނު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ލޯނު ދިނުމުގައި ވެލިއު އެޑިޝަންގެ މަސައްކަތްތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިއަދު ޕްރެސް ކޮންފަރެންސްގައި މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ޕްރެސް ކޮންފަރެންސްގައި މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސް އެންޑް އެގްރިކަލްޗާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެންގެ އަމާޒަކީ އާ ޓެކްނޮލޮޖީތައް ދަނޑުވެރިކަމުގެ ތެރެއަށް ގެނެވި، އެ މަންފާ އާއި ކުރިއެރުން ގެނައުން،" އޭނާ ވިދާޅުވި އެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރުކޮށް 25 ދަނޑުވެރިއަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނެނީ 75،000ރ. އާއި 500،000ރ. އާ ދެމެދުގެ ލޯނުތަކެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް އުފެއްދުމަށް މޯލްޑިވްސް ނޭޝަނަލް އެގްރިކަލްޗާ ކޯޕަރޭޝަނެއް އުފެއްދުމުގެ މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ކުންފުނި އުފެއްދުމުގެ މަސައްކަތްތައް އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަސައްކަތުގެ އިތުރަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އިންޓަނޭޝަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން 3.5 މިލިއަން ޑޮލަރުގެ ހާއްސަ ޕްރޮޖެކްޓެއް ފަށަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

އެ މިނިސްޓްރީން ބުނީ، ދަނޑުވެރިން އުފައްދާތަކެތި ވިއްކުމަށްޓަކައި އިތުރު ލޯކަލް މާރުކޭޓެއް ގްރޭޓާ މާލޭ ސަހައްދުގައި ހަދަން ޕްލޭން މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.