Roadha Mihaaru
ފަލަމަޑީގެ ބާވަތްތައް ހައްދަން މަސައްކަތް ކޮށްދީ: ޒަހާ

ކޮވިޑް-19: ފަލަމަޑީގެ ބާވަތްތައް ހައްދަން މަސައްކަތް ކޮށްދީ: ޒަހާ

02 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ އެކު، ރާއްޖޭގެ އިމްޕޯޓު ދަށްވެފައިވާއިރު ފަލަމަޑީގެ ބާވަތްތައް ހައްދާ މިންވަރު އިތުރުކޮށް ދިނުމަށް ދަނޑުވެރިކަމާ ބެހޭ ޒަހާ ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ އެކު، ރާއްޖޭގެ އިމްޕޯޓު ދަށްވެފައިވާއިރު ފަލަމަޑީގެ ބާވަތްތައް ހައްދާ މިންވަރު އިތުރުކޮށް ދިނުމަށް ދަނޑުވެރިކަމާ ބެހޭ ޒަހާ ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން ފަށާކަން އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަހާ ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިން އުފައްދަމުން އައި ފަލަމަޑީގެ ބާވަތްތައް މި ދަތި ދަނޑިވަޅުގައި އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި މިނިސްޓްރީިގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި އުފެއްދުމުގައި ގޮންޖެހުންތައް ހުރިކަން މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ، އާ މުޑުވަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޮޅުއަލަ ކަހަލަ އެއްޗެހި، ބައެއް ކަހަލަ ބަލިތަކާ ހެދި އޮޅުތައް ހަލާކުވެފައި އެބަހުރި. އެ އޮޅުތަކަށް ވެސް އާ ވެރައިޓީތައް ގެނެސް މުޑުވަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" ޒަހާ ވިދާޅުވި އެވެ.

"ރާއްޖޭގައި ދަނޑު ހައްދާނެ ގޮތުގެ ކޯސް ހަދައިގެން ހަ ކުއްޖަކު މިހާރު ރާއްޖެ އައިސްފި. އަޅުގަނޑުމެން އެ ކުދިން މެދުވެރިކޮށް ދަނޑުވެރިންނަށް ތަމްރީންތައް ދެމުން ގެންދާނަން. އޭރުން ކެމިކަލް ބޭނުން ނުކޮށް ރައްކާތެރިކަމާ އެކު، ދަނޑު ހައްދާނެ ގޮތް ދަނޑުވެރިންނަށް އެނގިގެންދާނެ،" ޒަހާ

އޭނާ ވިދާޅުވި ގޮތުގައި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދާ ބަނބުކެޔޮ ރާއްޖޭގައި ހައްދާ މިންވަރު ވަނީ ދަށްވެފަ އެވެ. އެހެންވެ، ވިދާޅުވީ، އެއީ މިވަގުތު ރާއްޖެ އަށް ވަރަށް މުހިންމު އުފެއްދުންތަކެއް ކަމަށާއި އެފަދަ ގަސްތައް ކެނޑުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށް ފިޝަރީޒް މިިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ އިރު މިދިޔަ އަހަރުގެ ތެރޭގައި އެ މިނިސްޓްރީން ވަނީ ދަނޑުވެރިންނަށް ފަންނީ އެހިތެރިކަން ފޯރުކޮށްދީފަ އެވެ. މި އެހީތެރިކަން މިހާރު ވެސް ދަނޑުވެރިންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި ދަނޑު ހައްދާނެ ގޮތުގެ ކޯސް ހަދައިގެން ހަ ކުއްޖަކު މިހާރު ރާއްޖެ އައިސްފި. އަޅުގަނޑުމެން އެ ކުދިން މެދުވެރިކޮށް ދަނޑުވެރިންނަށް ތަމްރީންތައް ދެމުން ގެންދާނަން. އޭރުން ކެމިކަލް ބޭނުން ނުކޮށް ރައްކާތެރިކަމާ އެކު، ދަނޑު ހައްދާނެ ގޮތް ދަނޑުވެރިންނަށް އެނގިގެންދާނެ،" ޒަހާ ވިދާޅުވި އެވެ.

މީގެ އިތުރުން، ދަނޑުވެރިންނަށް އިތުރު ލުއިތައް ހޯދައިދީ، ރާއްޖޭގައި ފުޅާ ދާއިރާއެެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރުމަށް ސަރުކާރުންނާއި ކަމާ ބެހޭ ފަރާތްތަކުން އަންގާފައި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށެވެ. އެގޮތުން، ބޭރުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާ ވުމުގެ ބަދަލުގައި އަމިއްލަ ގައުމުގައި ތަކެތި އުފެއްދުމަކީ މި ދަނޑިވަޅަށް މުހިންމު ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދެކެ އެވެ.