މި ސަރަހައްދުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް އޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
10 ޑިސެމްބަރ 2019
މި ސަރަހައްދުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް އޮންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މިއަދު ދިވެހިން ތިބެންވާނީ އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅާ ބައެއްގެ ގޮތުގައި ކަމަށާއި އެހެން މީހުން ގެންނަ ސިޔާސަތުތަކަށް އަމަލުކުރަން ޖެހޭ ބައެއްގެ ގޮތުގައި ނޫން ކަމަށެވެ. މަހުގެ އަގާ މެދު ބަސް ބުނުގެ ބާރު ދިވެހިންނަށް އޮންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީ ވަރަށް ކުރި ނާރާ މިހާ ދުވަހު މި އޮތީ ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުން. މަސްވެރިކަމުގެ ބާވަތާއި ދިވެހިންގެ ތަޖުރިބާ އަށް ބަލާއިރު އަޅުގަނޑުމެން މިއަދު ތިބެން ޖެހޭނީ އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިކަން ބަދަލުވާންޖެެހޭ ކަމަށާއި މިކަން ހާސިލު ކުުރުމަށްޓަކައި، މަސްވެރިކަމުގައި ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ. ބާނާ މަހަށް ރަނގަޅު އަގެއް ހޯދަން ބޭނުން ނަމަ، މަހުގެ އަގަށް ބަސް ބުނުމުގެ ބާރު މަސްވެރިންގެ އަތްމައްޗަށް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހިން ބާނާ، އެކްސްޕޯޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ ބާރު، މިހާރު އޮތީ މަސް ގަންނަ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް އާންމު ވިޔަފާރިތައް ވަނުމަށް ޒަމާނުއްސުރެ އޮތް ހުރަސްތައް ނައްތާލައި، އާންމުންނަށް ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި، މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުނަށް ރައީސް ހަނދާނީ ފިލާ ހަވާލުކުރައްވަނީ. -- ފޮޓޯ: ނިޝާންް އަލީ/ މިހާރު
މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާއި، ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަސް ގަނެވޭނެ ގޮތްތައް ފަހި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވަނީ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރި އަރާފައި ނުވަނީ، ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުތަކުގެ އިހުމާލުން، ރާއްޖޭގެ އުތުރުގެ މަސްވެރިކަން ވަރަށް ބޮޑަށް ވަޅު ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އުުތުރުގައި މަސް ފިނި ކުރުމުގެ ކެޕޭސިޓީއަކީ 300 މެޓްރިކް ޓަނު. މިއީ މަސްވެރިކަން ފަހި މޫސުމެއްގައި 10 ގަޑިއިރު ތެރޭގައި އެންމެ ގިނަވެގެން މިފްކޯ އަށް މަސް ގެނެވޭނެ މިންވަރު. އަދި މިހާރު ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެންމެ ބޮޑަށް ވެސް މިފްކޯގެ ކެޕޭސިޓީ އިތުރު ކުރެވެން އަންނަނީ 420 މެޓްރިކް ޓަނަަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދެކުނުގެ ކެޕޭސިޓީ އަކީ 440 މެޓްރިކް ޓަަނު ކަމަށްވާ އިރު މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ. ކުރިއަށް އޮތްތަނުގައި ބާނާ މަސް ކަނޑަށް އުކާލަން ނުޖެހޭ ވަރަށް މި ދާއިރާ ތަރައްގީކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ މިރޭ ދެއްވައިފަ އެވެ.
ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ފެސިލިޓީތަކުގައި ދުވާލެއްގެ މައްޗަށް ޕްރޮސެސް ކުރެވެނީ 130 މެޓްރިކް ޓަނެވެ. އެހެންވެ އަހަރެއްގެ ތެރޭގައި ޕްރޮސެސް ކުރެވޭނީ ގާތްގަނޑަކަށް 39،000 މެޓްރިކް ޓަނެވެ. ނަމަވެސް ރާއްޖޭގައި އެވްރެޖުކޮށް އަހަރެއްގެ މައްޗަށް 90.000 މެޓްރިކް ޓަނުގެ މަސް ބާނަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ބާނާ ހުރިހާ މަހެއް ޕްރޮސެސް ކުރަން ނުކުޅެދިފައިވާ އިރު މީގެ ކުރިން މަސް ގަތުމަށް ދީފައިވާ މަދު ކުންފުނިތަކުގެ އެކްސްކްލޫސިވް ރައިޓްތައް އުވާލައި، ވީހާ ވެސް ގިނަ ކުންފުނިތަކަށް މަސް ގަނެވޭނެ ފުރުސަތު ހުޅުވާާލައްވާނެ ކަމަށެވެ.
ރާއްޖޭގައި ކުރާ ލޭނުގެ މަސްވެރިކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިހާރު މި މަސައްކަތް ކުރަނީ 28 ކުންފުންޏަކަށް ދީގެން ކަމަށާއި އޭގެ ބޮޑު ނަފާއެއް ދިވެހިންނަށް ވުމުގެ ބަދަލުގައި ފައިދާ ހޯދަނީ ބޭރުގެ ކުންފުނިތަކުން ކަމަށެވެ. މި މަސައްކަތުން ދައުލަތަށް ލިބެނީ 1.9 މިލިއަން ރުފިޔާ ވަރު ކަމަށާއި މިއީ ދައުލަތަށް ލިބެންް ޖެހޭ ހައްގު ފައިދާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ލޭނުގެ މަސްވެރިކަން ކުރުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ނުދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުުރު ކުރެވޭނެ ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިންގެ މައްސަލަތައް ފެށޭ އަހަރު ހައްލުވާނެ:ރައީސް
"މަސްވެރިކަމުގެ ދާއިރާގެ އެންމެ ކުރީގައި އެންސިސް"
އިގްތިސާދީ ރޭހުގައި މަސްވެރިކަން ކުރިއަރުވަން ޖެހޭ
ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަށް ފައިދާވާނެ
އައިސް ޕްލާންޓްތައް ހިންގުން ކައުންސިލްތަކަށް
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ފަށަނީ