Roadha Mihaaru
ސަރުކާރުގެ 19 ކުންފުންޏެއް އުވާލަން އިއުލާންކޮށްފި

ސަރުކާރުގެ 19 ކުންފުންޏެއް އުވާލަން އިއުލާންކޮށްފި

03 ޑިސެމްބަރ 2019

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރީގެ 19 ކުންފުންޏެއް އުވާލަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރީގެ 19 ކުންފުންޏެއް އުވާލަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ "ކޮމްޕެނީސް އިން ލިކުއިޑޭޝަން" ގައި ހިމަނާފައިވާ ކުންފުނިތަކުގެ ތެރޭގައި އެމްއެންބީސީ އާއި ފެލިވަރު ފިޝަރީޒް އާއި ކޫއްޑު ފިޝަރީޒްގެ އިތުރުން އެމްއާރުޑީސީ އާއި ގަން އެއާޕޯޓް ކޮމްޕެނީ ހިމެނެ އެވެ. މި ލިސްޓުގައި ސިއްހީ ދާއިރާ އަށް ހާއްސަކޮށްގެން އުފައްދާފައިވާ ކުންފުނިތަކެއް ވެސް ހިމެނެ އެވެ.

ސަރުކާރުގެ މި ކުންފުނިތަކަކީ ފައިދާއެއް ނުލިބި ގެއްލުމުގައި ގިނަ މުއްދަތަކަށް ކުރިއަށްގެންދަން ޖެހުމުން އުވާލަން ނިންމާފައިވާ ކުންފުނިތަކެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް މަސައްކަތެއް ނުކުރާ ކުންފުނިތަކެވެ.

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މިހާރު މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 31 ކުންފުންޏެވެ. އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގެ ބައެއް މަސްއޫލިއްޔަތުތައް މިހާރު ވަނީ މި ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.