Roadha Mihaaru
އާރްޑީސީން ބައެއް މުވައްޒަފުން ވަކިކުރަނީ

އާރްޑީސީން ބައެއް މުވައްޒަފުން ވަކިކުރަނީ

26 ޖޫން 2024

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބައެއް މުވައްޒަފުން ވަކިކުރަން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބައެއް މުވައްޒަފުން ވަކިކުރަން ނިންމައިފި އެވެ.

އެ ކުންފުނިން މުވައްޒަފުންނަށް މިއަދު ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ އާރްޑީސީން ހުޅުމާލޭގެ ފެސިލިޓީގައި ހިންގަމުންދާ އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމެންޓްގެ މަސައްކަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ސަބަބެއް ކަމަށް ބުނީ އެއީ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބޭނުންކުރަން ނިންމާފައިވާ ބިމަކަށް ވުމާއި ފެސިލިޓީގައި ހިންގަމުންދިޔަ ވިޔަފާރި އަކީ ގެއްލުމުގައި ކުރާ ކަމަކަށް ވުމެވެ.

އެހެންވެ، އެ ފެސިލިޓީގެ މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ނޫން އެހެން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް މެމޯގައިވެ އެވެ.

އެ މުވައްޒަފުން ވަކިކުރަނީ، މެމޯގައިވާ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި ބުނަނީ ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެ ކަމަށެވެ.

މި ހާލަތުގައި ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަކު ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތަށް އެއް އަހަރު ފުރިފައިނުވާ ނަމަ، އެއް މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންޖެހެ އެވެ. ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން ދެ މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭން ގާނޫނު ލާޒިމް ކުރެ އެވެ.

އަދި ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު ހަތަރު އަހަރު ދުވަހަށްވުރެ އިތުރުވާ ނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން ތިން މަސް ދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

އާރްޑީސީގެ މެމޯގައިވާ ގޮތުން އެ ކުންފުނިން ވަކިކުރާ މުވައްޒަފުންނާ މެދު އެގޮތަށް އަމަލު ކުރާނެ އެވެ.

އާރްޑީސީ އަކީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާފައިވާ ކުންފުންޏެވެ. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު މާލިއްޔަތު ކޮމިޓީގައި ވިދާޅުވި ގޮތުގައި އާރްޑީސީގެ ހިންގުމުގެ ހަރަދުން 17 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފަ އެވެ.

އާރްޑީސީ ހުއްޓި 200 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތް ކަމަށް އާ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވެސް ވަނީ ވިދާޅުވެފަ އެވެ. ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ނުލިބުނު ތާނގައި ކުންފުނި މިވަގުތު ހިންގަމުން އަންނަނީ މިވަގުތަށް ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރު މުވައްޒަފުންނާ އެކު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޒުހައިރު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މުވައްޒަފުން އިތުރުވި ނަމަވެސް، އެއްވެސް މުވައްޒަފެއް ކަނޑާލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އެ މުވައްޒަފުންނަށް ކުރެވޭނެ އިތުރު ކަންކަން ކުންފުނިން ފަށައި މުވައްޒަފުން އެހެން ދިމާތަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.

"ކުންފުނި އޯވަ ސްޓާފު. އެހެންވެ އެހާ ބޮޑު ބުރައެއް އުފުލަން ޖެހެނީ. އެހެން ނަމަވެސް މުސްތަގުބަލުގައި ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބަލާ އިރު އޯވަ ސްޓާފު ނުވާނެ ކަމަށް އުންމީދު މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ، ކުންފުނީގައި 1،800 މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 1،200 މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުން ކަމަށެވެ. އެކަމަކު އެކުންފުންޏަކީ އެއަށް ވުރެ މާ މަދު މުވައްޒަފުން ތިބެގެން ވެސް ހިންގޭނެ ކުންފުންޏެއް ކަމަށް ޒުހައިރު ވިދާޅުވި އެވެ.