Roadha Mihaaru
ސަރުކާރުން އެސްއޯއީތަކަށް 1.3 ބިލިއަން ހޭދަކޮށްފި

ސަރުކާރުން އެސްއޯއީތަކަށް ފުރަތަމަ ތިން މަހު 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި

05 ސެޕްޓެމްބަރ 2024

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ޕީސީބީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޭދަކުރީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދޭ ސަބްސިޑީއަށެވެ. އެއަށް 1.2 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކޮށްފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކުރި އިރު ކުންފުނީގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 164 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 9 ޕަސެންޓު އިތުރު އަދަދެކެވެ.

ހިންގުމުގެ ހަރަދު ހަމަޖައްސަން ސަރުކާރުން އެންމެ ބޮޑު އަދަދެއް ދޫކުރީ އެޗްޑީސީ އާއި އާރްޑީސީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށެވެ. އެޗްޑީސީއަށް 84 މިލިއަން ރުފިޔާ ދީފައި ވާއިރު އާރްޑީސީއަށް 24 މިލިއަން ރުފިޔާ އަދި އެމްއެފްއެމްސީއަށް 28 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މީގެ އިތުރުން ވެމްކޯއަށް 13 މިލިއަން ރުފިޔާ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް ވަނީ 10 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ސަރުކާރުން އެންމެ ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި ދޫކުރީ އެޗްޑީސީއަށެވެ. އެޗްޑީސީއަށް ވަނީ 400 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދިނީ އެސްޓީއޯއަށެވެ. އެކުންފުންޏަށް ސަބްސިޑީގެ ގޮތުގައި 360 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ފެނަކަ އަށް ވަނީ 250 މިލިއަން ރުފިޔާ ދީފަ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 30 ކުންފުނީގެ ތެރެއިން 14 ކުންފުންޏަކަށް ފައިދާ ވިޔަފާރީގައި ވަނީ ގެއްލުން ވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގައިފަ އެވެ. އަދި ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި ބައެއް ކުންފުނިތައް އުވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.