29 އޮކްޓޯބަރ 2024
ދައުލަތުގެ ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރާ ވާހަކަ ކޮންމެ ސަރުކާރަކުން ވެސް ދައްކަ އެވެ. އެކަމަކު، ފަސް އަހަރު ނިމި އާ ސަރުކާރު ހަވާލުވާއިރު އެ ކުންފުނިތައް ހުންނަނީ ހިންދެމިނުލެވޭ ވަރަށް ދަރުވާލައިފަ އެވެ. އަނެއްކާ އާ ފެށުމަކުން ޖެހެނީ ފަށައިގަންނާށެވެ. މިފްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާ އެވެ. އެއްވެސް ސަރުކާރަކަށް ދުވަހަކު ރަނގަޅު ކުރެވުނު ތަނެއް ނުފެނުނެވެ.
ދައުލަތުގެ ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރާ ވާހަކަ ކޮންމެ ސަރުކާރަކުން ވެސް ދައްކަ އެވެ. އެކަމަކު، ފަސް އަހަރު ނިމި އާ ސަރުކާރު ހަވާލުވާއިރު އެ ކުންފުނިތައް ހުންނަނީ ހިންދެމިނުލެވޭ ވަރަށް ދަރުވާލައިފަ އެވެ. އަނެއްކާ އާ ފެށުމަކުން ޖެހެނީ ފަށައިގަންނާށެވެ. މިފްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާ އެވެ. އެއްވެސް ސަރުކާރަކަށް ދުވަހަކު ރަނގަޅު ކުރެވުނު ތަނެއް ނުފެނުނެވެ.
ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކުމަށް ފަހު، މަސްވެރިން އަތުން ފައިސާ ލިބުނަސް އެ ފައިސާ އެސްޓީއޯއަކަށް ނުދެއްކެ އެވެ. މިފްކޯގެ ދަރަނި އިންތިހާ އަށް ބޮޑުކަމުން އެކަން އެހާ ފަސޭހައިން ނުކުރެވެނީ އެވެ. އެސްޓީއޯ އަށް އެ ފައިސާ ނުލިބޭތީ، އެ ކުންފުނިން ވެސް މިފްކޯ އަށް ތެޔޮ ވިއްކުން ހުއްޓާލީ އެވެ. އެހެންވެ، މަސްވެރިން ޖެހެނީ އަމިއްލަ ފަރާތްތަކުގެ އަތުން ތެޔޮ ގަންނާށެވެ. އަނެއްކޮޅުން މަސްވެރިން ޝަކުވާ ކުރަނީ އެ މީހުން މިފްކޯ އަށް ކިރުވާ މަހަށް ފައިސާ ލިބުން ލަސްވާތީ އެވެ. މިއީ ކުންފުނިތަކުގެ ހިންގުން ބޮއްސުންލައި، އިގުތިސާދީ އުނދަގޫ ހާލަތު އެންމެ ފަސޭހައިން އެނގޭނެ އެއް މިސާލެވެ
ސަރުކާރު ހިއްސާވާ ތިރީހަކަށް ކުންފުނީގައި މި ވަގުތު ވެސް 34،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ސިޔާސީ ބޭނުންތަކަށް ކުންފުނިތަކަށް މުވައްޒަފުން ނަގަން ފެށީ ނުވަތަ "ޖޮބްސް ފޯ ދަ ބޯއިސް" ސަގާފަތް ރާއްޖޭގައި އަށަގަނެ، ހަރުލީ މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގަ އެވެ. ނުފޫޒާއި ބާރުވެރިކަން ދެއްކުމަށް، ރަށްރަށަށް ގޮސް ވަޒީފާ ދިނުމުގެ ވައުދުތައް އެކި ސަރުކާރުތަކުން ވާން ފެށުމުން، އެކަންވީ ދައުލަތުގެ ބަޖެޓަށް ވެސް ބުރަ ބޮޑު ކަމަކަށެވެ. އެކަމަކު، މި މައްސަލަތައް ރޭކާލިއިރު ބައެއް ކުންފުނިތައް ވެފައި ވަނީ ދައުލަތަށް ބޮޑު ބުރައަކަށެވެ. މިހާތަނަށް ވެރިކަން ކުރެއްވި ގާތްގަނޑަކަށް ހުރިހާ ވެރިން ވެސް ތިއްބެވީ އެ މައްސަލަތަކަށް ލޯ މަރާލައްވައިގެންނެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް އެއް ކުންފުންޏަކަށް ފެނަކަ ވާނެ އެވެ. އެ ކުންފުނީގައި 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 13 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށް މުސާރަ ދޭށެވެ. ފެނަކައިގެ މުވައްޒަފުންގެ މުސާރަ އަށް މިދިޔަ އަހަރު 72 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
މުސާރަ އަށް 2023 ވަނަ އަހަރު އެންމެ ބޮޑު އަދަދުތަކެއް ހޭދަކުރި ކުންފުނިތަކުގެ ތަފްސީލް
އާރުޑީސީގެ އާމްދަނީގެ 30 ޕަސެންޓު ހޭދަކުރަނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައަށެވެ. އާސަންދައިގެ އާމްދަނީގެ 70 ޕަސެންޓު އޮތީ މުޅިން މުސާރައަށެވެ. ވެމްކޯގެ މުވައްޒަފުންގެ މުސާރަ އަށް އާމްދަނީގެ 57 ޕަސެންޓު ހޭދަކުރާ އިރު އެމްޕީއެލްގެ މުވައްޒަފުންގެ ހަރަދަށް އާމްދަނީގެ 53 ޕަސެންޓު ހޭދަކުރެ އެވެ.
ލިބޭ އާމްދަނީއާ އެންމެ ނުބައްދަލު އަދަދެއް މުސާރަ އަށް ހޭދަކުރަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް 12 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެކަމަކު ކުންފުންޏަށް ލިބުނީ 3.3 މިލިއަން ރުފިޔާ އެވެ. މިއީ 358 ޕަސެންޓުގެ ފަރަގެކެވެ. ލިސްޓުގެ ދެވަނައިގައި އޮތީ ރީޖަނަލް އެއާޕޯޓްސް އެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ މުސާރަ އަށް ކުރާ ހޭދަ 270 ޕަސެންޓު ބޮޑެވެ. އަދި ކައްދޫ އެއާޕޯޓްސްގެ މުސާރަ އަށް ކުރާ ހޭދަ ލިބޭ އާމްދަނީ އަށް ވުރެ 200 ޕަސެންޓު އިތުރެވެ.
ސަރުކާރުގެ އެސްއޯއީތަކުގައި އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި އިރު، އަހަރެއްގެ މައްޗަށް ކުންފުނިތަކުން މުސާރަ އަށް އެކަނި 1.5 ބިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކޮންމެ އަހަރަކު ވެސް ކުންފުނިތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެ އެވެ. ބަޖެޓުގައި މި އަހަރު ވެސް 1.7 ބިލިއަން ރުފިޔާ އެކަމަށް ކަނޑައަޅާފައިވާ އިރު ވޭތުވެދިޔަ ނުވަ މަހު ވަނީ ކުންފުނިތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އެންމެ ބޮޑު އަދަދެއް ދޫކުރި ފެނަކަ އަށް 419 މިލިއަން ރުފިޔާ ދިނެވެ. އެޗްޑީސީ އަށް 310 މިލިއަން ދޫކޮށްފައިވާ އިރު މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަނަށް 283 މިލިއަން ރުފިޔާ ދީފައިވެ އެވެ. އާރުޑީސީ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުން ވަނީ 139 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފަ އެވެ. ހުޅުމާލޭގައި ފްލެޓްތައް އަޅަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 91 މިލިއަން ރުފިޔާ ހޭދަކުރި އިރު ރީޖަނަލް އެއާޕޯޓްސް އަށް ވަނީ 84 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރަ ދިނުމާއި ކުންފުނި ހިންގުމަށް ދީފަ އެވެ.
މި އަހަރުގެ ނުވަ މަހު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ކުންފުނިތަކަށް ބަޖެޓުން ހޭދަކުރި އަދަދު.
ކުންފުނީގެ އާމްދަނީ އަށް އެންމެ ނުބައްދަލު ހަރަދެއް ހިނގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސްގެ ހިންގުމަށް ދައުލަތުން 64 މިލިއަން ރުފިޔާގެ އެހީ ދިން އިރު އެސްޑީއެފްސީ އަށް 50 މިލިއަން އަދި ވެމްކޯ އަށް 45 މިލިއަން ރުފިޔާ ދީފައިވެ އެވެ.
މިދިޔަ ނުވަ މަހު ސަރުކާރު ހިއްސާވާ 19 ކުންފުންޏަކަށް 1.6 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެއް ހޭދަކޮށްފައިވެ އެވެ. އެއީ ސަބްސިޑީގެ ބޭރުން، ކުންފުނިތަކުގެ ހިންގުމަށް ދިން އެހީ އެވެ.
މިދިޔަ އަހަރު ކުންފުނިތަކުގެ ކެޕިޓަލް ހަރަދަށް ހޭދަކުރީ 1.3 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މި އަހަރު މިހާތަނަށް ކުރި ހޭދަ ވަނީ 20 ޕަސެންޓު އިތުރުވެފަ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ 2014 ވަނަ އަހަރުގެ ފަހުން، ކުންފުނިތަކުގެ އިންއެފިޝަންސީ އިތުރުވެ، ސަރުކާރަށް ބަރޯސާވާ ވަރު އިތުރުވަމުންދާ ކަމަށެވެ. މިކަން ހިނގަން ދިމާވާ މައްސަލަ ދެނެގަނެ، ކޯޕަރޭޓް ގަވަނަންސް މިންގަނޑާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ. ކުންފުނިތަކުގެ މާލީ ހިންގުމާ ގުޅޭ ގޮތުން އިސްލާހީ ފިޔަވަޅު އަޅައި، އެކަމާ ގުޅޭ ގޮތުން ކުންފުނިތަކުގެ ވެރިން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ހޯދުން ވަރަށް މުހިއްމު ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ފާހަގަކުރި އެވެ.
ފެނަކަ އާއި މިފްކޯ އިން ތެލަށް ބޮޑު ހޭދައެއް ކުރާއިރު އެ ދެ ކުންފުނިން އެސްޓީއޯ އަތުން ތެޔޮ ގަނެފައި ފައިސާ ނުދެއްކުމުގެ ނަތީޖާއަކީ ތެޔޮ ބިލްތަކުގެ ފައިސާ ބިލިއަނުން އިތުރުވެ، އެސްޓީއޯ އަށް ވެސް ގޮތް ހުސްވުމެވެ. އެސްޓީއޯ އިން ވެސް ތެލުގެ ވިޔަފާރި ކުރަނީ ދައުލަތުން ސަބްސިޑީ އަށް ބޮޑު އަދަދެެއް ހޭދަކޮށްގެންނެވެ. މި އަހަރު ވެސް 1.3 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީ އަށް ހޭދަކުރެ އެވެ. އަދި މިދިޔަ އަހަރު އެ އަދަދު ހުރީ 1.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ހިދުމަތްތައް ހެޔޮ އަގުގައި ދިނުމަށް ތެލާއި ކަރަންޓާއި ކާބޯތަކެއްޗަށް ސަބްސިޑީ ދިން ނަމަވެސް، އެ ކުންފުނިތައް ހިންގުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ވިއްކާ ތެލަށް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ނުދެއްކުމެވެ. ފެނަކައިން އެކަނި ވެސް އެސްޓީއޯގެ ތެޔޮ ބިލްތަކަށް ދެ ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލު ކުރަން ޖެހުނު އެއް ސަބަބަކީ ވެސް އެއީ އެވެ. އެހެން ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުން ދޯދިޔާވުމުން އެކަމުގެ އަސަރު ރަނގަޅަށް ހިނގާ ކުންފުނިތަކަށް ވެސް ކުރިމަތިވެ އެވެ.
އަބަދު ސަމްސަލަށް ލަވައިދީގެން ކާން ޖެހުނީމާ އޭރުން ކުންފުނި ކިޔާނެ ކަމެއް ނެތް. ސަރުކާރުގެ އޮފީހެއްގެ ޑިޕާޓްމެންޓެއްގެ ގޮތަށް ހިންގިއަސް އޯކޭ ވާނެ. ކޯޕަރޭޓް ގަވަނަންސް ކޯޑެއް އޮވެގެން، ޕްރޮފިޓެއް ހޯދަން ވެގެން އެގޮތަކަށް ނޫން މިހާރު ކުންފުނިތައް ހިންގަނީއެއް،"--- ނާޒިމް
މި މައްސަލަތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަހުމަދު ނަޒިމް ވިދާޅުވީ، ކުންފުނިތައް ހިންގަނީ ވަރަށް ބޮޑަށް އިން އެފިޝަންޓްކޮށް ކަމަށާއި މިކަމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާވަރު އިތުރުވުން ކަމަށެވެ.
"ސަބްސިޑައިޒް ކުރަމުން ގޮސް މި އޮތީ ހައްދު ފަހަނައަޅާފައި. [އާންމުންގެ] އެކްސްޕެކްޓޭޝަންސް މިހުރީ ބުއްދި ގަބޫލު ނުކުރާ ހިސާބެއްގައި،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
މި އަހަރު ވެސް ކުންފުނިތަކަށް އެކި ބޭނުންތަކަށް 2.1 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
ނާޒިމް ވިދާޅުވީ، ވެމްކޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން ވެސް ސަރުކާރުން ފައިސާ ހޯދަން ޖެހޭ ކަމަށެވެ. އެކަން އެހެން ދިމާވަނީ ކުންފުނިތައް ހިންގޭނެ ރަނގަޅު ނިޒާމެއް ނެތުމުން ކަން އޭނާ ވިދާޅުވި އެވެ.
"ކަމާ ނުބައްދަލު ކަންތައް ކުރަމުން ގޮސް އަޅުގަނޑުމެންގެ ސިސްޓަމް ބޮއްސުންލައިގެން މިހެން މި ދިޔައީ. މިކަން ރަނގަޅު ކުރަން ހިފިޔަސް އެކަމަށް ދުވަސް ނަގާނެ. ޕޭރޯލް ބޮއްސުންލައިގެން ދިއުން ވަރަށް ބޮޑު މައްސަލައެއް. ޕޭރޯލް [ބޮއްސުންލީމާ] ދިޔައީމާ ދެކޮޅު ނުޖެހިން ދާނީ. މިސާލަކަށް ވެމްކޯ ވިޔަސް، އާރްޑީސީ ވެސް ހަމަ އެހެން. ސަރުކާރުން ލާރި ލައިގެން މުސާރަ ދެނީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ވަކި ހިދުމަތެއް ދޭން އުފައްދާފައިވާ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތައް ވާން ޖެހޭނީ ދައުލަތަށް ފައިދާވާނެ ގޮތަކަށް ހިންގާ ކުންފުނިތަކަށް ކަމަށް ނާޒިމް ދެކެވަޑައިގަންނަވަ އެވެ.
"އަބަދު ސަމްސަލަށް ލަވައިދީގެން ކާން ޖެހުނީމާ އޭރުން ކުންފުނި ކިޔާނެ ކަމެއް ނެތް. ސަރުކާރުގެ އޮފީހެއްގެ ޑިޕާޓްމެންޓެއްގެ ގޮތަށް ހިންގިއަސް އޯކޭ ވާނެ. ކުންފުނިތައް ހިންގަން ވާނީ ކޯޕަރޭޓް ގަވަނަންސް ކޯޑެއް އޮވެގެން، ޕްރޮފިޓެއް ހޯދަން ވެގެން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރެއްހާ ދުވަހު އެންމެ ބޮޑަށް މި ސަރުކާރުން ދެއްކީ ދައުލަތުގެ ކުންފުނިތަކުގެ އިސްރާފުތައް ކުޑަކޮށް، ހަރަދުތައް ކުޑަކުރުމުގެ ވާހަކައެވެ. ބައެއް ކުންފުނިތައް އެއްކޮށްލައި، އަނެއް ބައި ކުންފުނިތައް ސަބްސިޑަރީ ކުންފުނިތަކަށް ހެދުން ފިޔަވައި މިހާތަށް އަދި މާ ބޮޑު ކަމެއް ނުފެނުނެވެ.
އެކަމަކު، އެއް ހަގީގަތަކީ ދައުލަތުގެ އިސްރާފުތަކުގެ ވާހަކަތައް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން ކެރުނު އެހެން ބަޔަކު ވެސް މިދިޔަ އަހަރުތަކުގައި ނެތް ކަމެވެ. ވަރަށް އުނދަގޫ އަދި އާންމުންގެ މެދުގައި މަގުބޫލް ނޫން އެކަމަކު މުޅި ގައުމަށް ފައިދާވާނެ އުނދަގޫ ނިންމުންތަކެއް މި ސަރުކާރުން މިހާތަނަށް ވަނީ ނިންމައިފަ އެވެ. އެހެންވެ، ދައުލަތަށް ގެއްލުންވާ ކުންފުނިތަކާ "ކުޅެލުމުގެ" ގާބިލްކަން ހުންނަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ގިނަ ސަރުކާރުތަކުން ބެލީ ނެތްވަރުން ސީއެސްއާރާއި އެހެން ނަންނަމުގައި މާ ސިންގާ ހަރަކާތައް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ހިންގާށެވެ. ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ހިސާބުތަކުން ދައްކައި ގައުމުގެ ވެރިންގެ ސަމާލުކަމަށް ގެނައުމުން ވެސް ދޫދިން ވެރިން މަދެއް ނޫނެވެ.
އެއާއެކު، މި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ކުންފުނިތަކުގެ އިސްރާފުތަކުގެ ވާހަކަ ދައްކާ ވަރާ އެެއްވަރަށް އަމަލީ ސިފަ ގެނައުން އަވަސް ކުރުމެވެ. ކުންފުނިތަކުގައި ތިބި ބޭކާރު ނުވަތަ ޒިންމާއެއް ނެތް މުވައްޒަފުން ވަކިކޮށް، ހިސާބުތައް ދެކޮޅު ޖެހޭ ގޮތަށް މުވައްޒަފުން ގެންގުޅެވޭނެ ގޮތްތައް ހޯދައި އަމަލުކުރުން އަވަސް ކުރަން ޖެހެ އެވެ. އެހެން ނޫނީ އިގުތިސާދީ މި ދަތި ހާލަތުގެ ތެރޭގައި މުޅި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ކުރުމުގެ ބިރު އެބައޮތެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ކުންފުނިތަކުގެ މައްސަލަ ހައްލު ނުވަނީ، އެކަން ކުރަން ނުކެރޭތީ ކަމަށެވެ.
"މައްސަލަ ހައްލު ކުރަންޏާ، އެތައް ބައެއްގެ ވަޒީފާ ގެއްލޭނެ. މިހާރު ބައެއް ކުންފުނިތައް ހިންގަނީ، ބޭނުންވާ އަދަދަށް ވުރެ މާ ގިނަ މުވައްޒަފުން ލައިގެން. އެހެންވީމާ އެކަން ނުކުރަން ޖެހިލުންވަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި މައްސަލަ ހައްލު ނުކޮށް، މާލީ ގޮތުން މުޅި ގައުމަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައެއް ނުގަނެވޭނެ ކަމަށެވެ.
ކެބިނެޓަށް ހުށަހަޅާފައިވީ ރިފޯމުގެ ކަންކަން. މި އަހަރުގެ ތެރޭ މަސައްކަތްތައް ފެށޭނެ. މިހާރު ވެސް ބައެއް ފިޔަވަޅުތައް މިފްކޯ ފަދަ ކުންފުނިތަކަށް ވަނީ އެޅިފައި. މި އަންނަ އަހަރުގެ މެދުތެރޭގައި މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނެ،"--- ޒަމީރު
މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އައިއެމްއެފާ އެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އެކަމުގެ ތެރެއިން ވެސް މުހިއްމީ، އަމަލީ ގޮތުން އެކަން ވާނެ ގޮތަކަށް ކަންކަން ކުރުން ކަމަށް ވިދާޅުވި އެވެ.
"މިހާރު މިދައްކަނީ ޕީސީބީ އުވާލާފައި ކުންފުނިތަކާ ގުޅޭ އާ ގާނޫނެއް ހަދަން. އެކަމަކު މި އުޅެނީ މިހާރު އޮތް ގާނޫނުގައި ހުރި ކަންކަމަށް ވެސް ފިޔަވަޅެއް ނޭޅިގެން. އެ އަށް އަމަލު ނުކުރެވިގެން. އެ އަށް އަމަލު ކުރާ ނަމަވެސް ވަރަށް ގިނަ މައްސަލަތައް ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ދާދި ފަހުން ސިޔާސީ ފަރާތްތަކާއި ކުންފުނިތަކުގެ މުސާރަ ކުޑަކުރުމަށް ނިންމައިފަ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ މުސާރަތައް ކެޓަގައިޒް ކޮށްފައިވަނީ އެ ކުންފުންޏެއްގެ ސައިޒާއި ލިބޭ އާމްދަނީ އާއި ފައިދާ އަށް ރިއާޔަތްކޮށެވެ.
އާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ކުންފުނިތައް މިން ކުރެވިފައި ހުރި ގޮތްތައް އިތުރަށް ރިވައިޒް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނިތަކުގެ މުސާރައިގެ އެހާ ބޮޑު ފަރަގުތަކެއް ހުރުމުން މުވައްޒަފުން ހޯދުމުގައި ވެސް ދަތިތައް ދިމާވާ ކަމަށެވެ.
"އެއީ ހަމަޖެހޭ އުސޫލެއް. ސީއީއޯއިންގެ މުސާރަ ވެސް ރައީސް އިއުލާން ކުރީ ވަކި ވަރަކަށް ދަށްކުރައްވާނަމޭ. މިހާރު އެގޮތަށް ހުރުމުން، ހާމަނައިޒް ކުރަން ބޭނުންވާތީ، އެގޮތަށް ނިންމާފައި ވެސް ވަނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ކުންފުނިތައް އެ ކުންފުންޏަކަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭނެ ފަދަ ގޮތަކަށް ކަންކަން ރޭވުމަށް މަސައްކަތް ކުރަމުންނެވެ.
ޒަމީރު ވިދާޅުވީ، ކުންފުނިތައް ސަރުކާރަށް ބަރޯސާވާ ވަރު ކުޑަކޮށް، އަމިއްލަ އަށް ހިނގާ ކުންފުނިތަކަށް ހެދުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ވަގުތު ނަގާނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު، ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އިއްޔެ ވާހަކަ ދައްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
"ކެބިނެޓަށް ހުށަހަޅާފައިވީ ރިފޯމުގެ ކަންކަން. މި އަހަރުގެ ތެރޭ މަސައްކަތްތައް ފެށޭނެ. މިހާރު ވެސް ބައެއް ފިޔަވަޅުތައް މިފްކޯ ފަދަ ކުންފުނިތަކަށް ވަނީ އެޅިފައި. މި އަންނަ އަހަރުގެ މެދުތެރޭގައި މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ކުންފުނިތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަން އެންމެ މުހިއްމު އެއް ކަމަކީ، ޕްރައިވެޓް ސެކްޓަރު ވަރުގަދަ ކުރުމެވެ. ނަމަވެސް، އެއީ އެހާ އަވަހަށް ގެނެވޭނެ ބަދަލެއް ނޫނެވެ. މާލީ ހާލަތު އެހާ ގޯސް ދަނޑިވަޅެއްގައި އެންމެ މުހިންމީ، މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އައިއެމްއެފުން ފާހަގަކުރާ ގޮތަށް ކުންފުނިތަކުގެ ހަރަދުތައް ކުޑަކޮށް، އިސްރާފުތައް މަދުވާނެ ގޮތަަކަށް ކުންފުނިތައް ހިންގައިގެންނެވެ.
ވޭތުވެދިޔަ 15 ވަރަކަށް އަހަރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ. އަދި އެއް އަހަރަށް ވުރެ އަނެއް އަހަރު ދަނީ ކުންފުނިތަކަށް ބަޖެޓުން ކުރަން ޖެހޭ ހޭދަތައް ވެސް އިތުރުވަމުންނެވެ. މިހާރު އޮތީ މި ވާހަކަތައް ފާޅުކަން ބޮޑު ގޮތެއްގައި ދައްކާ ސަރުކާރަކަށް ވުމުން މިއީ ކަންކަން ހަމަޔަކަށް އަޅުވަން ރަނގަޅު ފަހަރެކެވެ. ބޭނުންވަނީ ފިޔަވަޅުތައް އަވަސްކޮށް، ދައްކާ ވާހަކަތައް ދިމާކުރުމެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
ކުންފުނިތައް ހިންގީ ދޯދިޔާކޮށް، ދަރަނި 98 ބިލިއަނަށް
ފިޔަވަޅުތައް އަޅާނެ ސީދާ ތާރީހުތައް ބުނެދީ: ނާޒިމް