Roadha Mihaaru
ކަޅުއޮއްފުންމިއާ އެކު ގަވާއިދާ ޚިލާފަށް ހަ މިލިއަން!

ކަޅުއޮއްފުންމި އަށް ބޭކާރު ޚަރަދު، ގަވާއިދާ ޚިލާފަށް ހަ މިލިއަން ހޭދަކުރި!

02 ޑިސެމްބަރ 2019

ސިޓީ ޕާކުގައި ކަޅުއޮއްފުންމި ބޭއްވުން ފަދަ ބޭކާރު ޚަރަދުތައް ހިމެނޭ ގޮތުން، ގަވާއިދާ ޚިލާފަށް ހަ މިލިއަން ރުފިޔާ ހޯމް މިނިސްޓްރީން ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޓީ ޕާކުގައި ކަޅުއޮއްފުންމި ބޭއްވުން ފަދަ ބޭކާރު ޚަރަދުތައް ހިމެނޭ ގޮތުން، ގަވާއިދާ ޚިލާފަށް ހަ މިލިއަން ރުފިޔާ ހޯމް މިނިސްޓްރީން ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި މިއަދު ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި ނެރުއްވި ހޯމް މިނިސްޓްރީގެ 2016ގެ އޮޑިޓް ރިޕޯޓުގައި ބުނީ މިނިވަން 50 ފާހަގަކުރަން ބަން ކަޅުއޮއްފުންމި ސިޓީ ޕާކުގައި ބާއްވަން ހަރުގެއެއް ހެދުމަށް ދައުލަތުގެ ބަޖެޓުން 840،257ރ. ހޭދަކުރި ކަމަށެވެ. މި މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވަނީ ބިޑްކުރުމެއް ނެތި ގަވާއިދާ ޚިލާފަށް ކަމަށް ރިޕޯޓުގައިވެ އެވެ.

ސިޓީ ޕާކުގައި ކަޅުއޮއްފުންމި ބާއްވަން ހަރުގެއެއް ހެދި ނަމަވެސް އެ އޮޑި އޮތީ އެތަނަކު ނޫނެވެ. ވަރަށް ކުރިން އެ އޮޑި ވަނީ އެތަނުން ނަގައި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި އޮޑި އަށް ކުރި ހޭދައިގެ އިތުރުން ގަވާއިދާ ޚިލާފު ގިނަ ހޭދަތަކެއް ހޯމް މިނިސްޓްރީން ކޮށްފައިވާ ކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެތެރޭގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދު އަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން އަތޮޅުގެއަށް 280،000 އަށް ވުރެން ގިނަ ރުފިޔާގެ ތަކެތި ހޯދާފައި ވުން ހިމެނެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ މިނިވަން 50އާ ގުޅިގެން ސަލްޓަންޕާކުގައި ހެދި ލެޑް ލައިޓް (ހުޅުދާން ބަގީޗާ) ސިޓީ ޕާކަށް ބަދަލުކުރަން ވެސް ގަވާއިދާ ޚިލާފަށް 486،000 އަށް ވުރެން ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. ފުލުހުންގެ ލެބޯޓްރީއަށް މައިކްރޮސްކޯޕެއް ހޯދަން 1.3 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ ވެސް ގަވާއިދާ ޚިލާފަށެވެ.

މި ލިސްޓުގައި، ޑީއެންއޭ ލެބަށް 1.3 މިލިއަން ރުފިޔާގެ މެޝިނެއް ހޯދުމާއި އެ ނޫން ވެސް ބައެއް ސާމާނު ގަތުން ހިމަނާފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ މާފުށީ ޖަލުގެ ބައުންޑްރީ ވޯލްގައި ސެކިއުރިޓީ ކެމެރާ ހަރުކުރަން 1.2 މިލިއަން ރުފިޔާ އަށް ހޭދަކޮށްފައި ވަނީ ވެސް ގަވާއިދާ ޚިލާފަށެވެ.

މި ކަންކަން އިސްލާހުކުރަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މުދާ ގަތުމާއި ޚިދުމަތްތައް ހޯދަން ޖެހޭނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވަކި ކަމަކާ ގުޅިގެން ޚަރަދެއް ކުރަން ޖެހުނަސް އެކަން ކުރަން ޖެހޭނީ ދައުލަތަށް އެންމެ ފައިދާ ހުރި ދެ ފުށް ފެންނަ ގޮތަށް ކަމަށް ބުނެފައިވެ އެވެ.