Roadha Mihaaru
މިނިވަން 50ގެ ގިނަ ހަރަދުތައް ކުރީ ގަވައިދާ ހިލާފަށް

މިނިވަން 50އަށް 66 މިލިޔަން ރުފިޔާ ހަރަދުކުރީ ގަވައިދާ ހިލާފަށް: އޮޑިޓް

10 ޑިސެމްބަރ 2017

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމު ކުރެއްވި، ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ތަންތަނަށް ހޯދަން ޖެހޭ ތަކެތީގެ އަގު ނުވަތަ ކުރާ މަސައްކަތުގެ އަގު، 1.5 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ، އެކަން ކުރާނެ ބަޔަކު ހޯދަން ޖެހޭނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ލައިގެންނެވެ. އެއީ މާލިއްޔަތުގެ ގާނޫނުގައި އޮންނަ ގޮތް ނަމަވެސް، މިނިވަން 50 ގެ ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވަނީ އެއާ ހިލާފަށް ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ.

މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަ ކުރި މިނިވަން 50 ގެ ހަރަކާތްތަކަށް ތައްޔާރުވުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާއްސަ ހުއްދަތަކެއް ދޫކޮށްފަ އެވެ. އެ ގޮތުން އެ ހަރަކާތްތަކަށް ކުއްލިއަކަށް ކުރަން ޖެހޭ ބޮޑެތި ހަރަދުތަކުގެ ތެރެއިން އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި ހަރަދުތައް، އިއުލާން ކޮށްގެން ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެން ކުރިއަށް ގެންދިއުމަށް، އެ ހަރަކާތްތައް ވިލަރެސްް ކުރަން ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ވަޒީރުންގެ ކޮމެޓީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފަ އެވެ.

ނަމަވެސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ނުކޮށް، 63 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

މާލިއްޔަތު ގާނޫނާ ހިލާފަށް އަދި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހާއްސަ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު އެ ރިޕޯޓުގައި ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގައި ކުލަބޮކި ދިއްލަން ބޭނުންވާ ޕެނަލް ހަރުކުރުމަށް 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުމާއި ހެވިކަމާއި ކުޅިވަރުގެ ދިއްލުންތަކާއި އަޑަށް ބޭނުންވާ ތަކެތި ކުއްޔަށް ގެނެސް، ގަލޮޅު ދަނޑުގައި އިންސްޓޯލް ކުރުމަށް 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރުން ހިމެނެ އެވެ.

އަދި މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކުލަބޮކި ދިއްލައި ޒީނަތްތެރި ކުރުމަށް 9.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ކުޅިވަރު އީދުގެ މިއުޒިކް ޝޯ އަށް، 2.7 މިލިޔަން ރުފިޔާ އަދި މި ހަރަކާތްތައް ލައިވް ކުރުމަށް ޕީއެސްއެމަށް ބޭނުންވާ އެކި ސާމާނު ގަތުމަށް 5.2 މިލިއަން ރުފިޔާ ހަަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި އެވެ.

މިނިވަން 50 ގެ ހަރަކާތްތަކަށް ކުއްލިއަކަށް ކުރަން ޖެހޭ ބޮޑެތި ހަރަދުތަކުގެ ތެރޭން އެއް މިލިއަނަށް ވުރެ ދަށުގެ ހަރަދުތައް ކުރުމުގައި ތިން ފަރާތެއްގެ ކޯޓޭޝަން ހޯދައިގެން، އެންމެ އެކަށީގެންވާ ފަރާތަކަށް ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ.

ނަމަވެސް ތިން ފަރާތުގެ ކޯޓޭޝަން ނުހޯދައި، 15.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ. އޭގެ ތެރޭގައި ލެޑް ގާޑަން ގަސް ގަތުމާއި ސައުންޑް އިކުއިޕްމަންޓް ކުއްޔަށް ހިފުމާއި މިނިވަން 50 ލޯގޯ ޖެހި ޓައި އާއި ސްޓިކާ ތައްޔާރުކުރުމަށް، ކޮންމެ ކަމަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ، އިއުލާން ނުކޮށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

މި ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ހާމަކަން ބޮޑު، ހަމަހަމަ އުސޫލަކުން ކަމަށް ނުބެލެވޭތީވެ މިކަން އިތުރަށް ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ވެސް އޮޑިޓް ރިޕޯޓުގައި އެދިފައި ވެ އެވެ.