Roadha Mihaaru
ގަވައިދާ ޚިލާފަށް ފުލުހުން 3 މިލިއަން ޚަރަދުކުރި

ގަވައިދާ ޚިލާފަށް ފުލުހުން ތިން މިލިއަން ރުފިޔާ ޚަރަދު ކުރިކަން ހާމަވެއްޖެ

11 ޑިސެމްބަރ 2017

މާލިއްޔަތު ގަވައިދާ ޚިލާފަށް ފުލުހުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަން ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލިއްޔަތު ގަވައިދާ ޚިލާފަށް ފުލުހުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަން ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި ހޯމް މިނިސްޓްރީގެ 2015 ގެ އޮޑިޓް ރިޕޯޓުގައި ވަނީ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން، އެއްފަހަރާ ގަންނަން ޖެހޭ ތަކެތީގެ އަގު 25،000ރ. އަށް ވުރެ ބޮޑުނަމަ، އެ ތަކެތި ގަންނަން ވާނީ އާންމުކޮށް އިއުލާންކޮށް، ލިބޭ އަންދާސީ ހިސާބުތަކަށް ބަލައިގެން ކަމަށް ބަޔާންކޮށްފައި ވިޔަސް، ގަވައިދާ ޚިލާފަށް ޚިދުމަތާއި ތަކެތި ހޯދާފައިވާ ކަމަށެވެ. އެކަމަކު، ބައެއް ޚަރަދުތައް ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ރިޕޯޓުގައި ވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ޚަރަދު ކުރި ކަންތައްތަކުގެ ތެރޭގައި ޓޯ ކުރާ އުޅަނދުތައް ބެހެއްޓުމަށް ކުރީގެ އެއް ނަންބަރު ކުނި ކޮށީގެ ވަށާ ފާރު ރޭނުމަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ، އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ތަހުގީގަށް ބޭނުންވާ ތިން މެޝިން ގަތުމަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ، ފުލުހުންގެ 82 ވަނަ އަހަރީ ދުވަހު ޕޮލިސް ސްޓޭޝަންތައް ޒީނަތްތެރި ކުރުމާއި މިނިވަން ދުވަހާ ގުޅިގެން ފުލުހުންނަށް ބޭނުންވާ ލައިޓްތަކަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހިމެނެ އެވެ. އަދި ފުލުހުންނަށް ބޭނުންވާ ކެމެރާ ގަތުމަށާއި އިސްކަންދަރު ކޮށީގައި ދޮރު ހަރުކުރަން ދެ ލައްކަ ރުފިޔާ ޚަރަދު ކުރި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ އެވެ.

މީގެ އިތުރުން ފުލުހުން ގަވައިދާ ޚިލާފަށް ކުރި ޚަރަދުތަކުގެ ތެރޭގައި ފާރަގެމަ ސްކޮޑަށް ބޭނުންވާ ތަކެތި ގަތުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގައި ފޮރެންސިކް ކިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް 67،000ރ. އާއި އދ. މާމިގިއްޔާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ކުރެހުމަށް 52،000ރ. އާއި ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި ހުރި އެކޮމަޑޭޝަން މަރާމާތް ކުރުމަށް 33،000ރ. އަށް ވުރެ ގިނަ ރުފިޔާ ހިމެނެ އެވެ.

އެހެންވެ، އޮޑިޓަ ޖެނެރަލް ޒިޔަތު ލަފާ ދެއްވީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އާންމު އުސޫލުތަކާ އެއްގޮތަށް ޚިދުމަތާއި ތަކެތި ހޯދުމަށެވެ. އަދި ޚަރަދުތައް ކުރީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ހާމަކަން ބޮޑު، ހަމަހަމަ އުސޫލުން ކަމަށް ނުބެލެވޭތީ މިކަން އިތުރަށް ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަޙެޅުމަށް ވެސް އޮޑިޓަ ޖެނެރަލް ވަނީ ހޯމް މިނިސްޓްރީ އަށް ލަފާ ދެއްވައިފަ އެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކުރި އެހެން ބައެއް ކަންކަމުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ޚިލާފަށް މަސައްކަތް ކުރުވުމާ ބެހޭ ސޮއިކުރުމެއް ނެތި، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. އެހެންވެ، އޮޑިޓަ ޖެނެރަލް ވިދާޅުވީ ދައުލަތުގެ މަސައްކަތެއް ކުރުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަން ވާނީ އެ މަސައްކަތް ކުރުވުމާ ބެހޭ ގޮތުން ނުވަތަ ޚިދުމަތް ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކުރުމަށް ފަހު ކަމަށެވެ.

ހަމައެއާއެކު، ދައުލަތުގެ ތަންތަނަށް ގަންނަން ޖެހޭ ތަކެތީގެ އަގު ނުވަތަ ކުރަންޖެހޭ މަސައްކަތުގެ އަގު 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނަމަ އެފަދަ ތަކެތި ގަންނާނެ ފަރާތެއް ނުވަތަ އެފަދަ މަސައްކަތްތައް ހަވާލު ކުރާނެ ފަރާތެއް ހޯދަން ވާނީ ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކަމަށް މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވިޔަސް، ބައެއް މަސައްކަތް އެ ބޯޑަށް ހުށަނާޅާ ހަވާލުކުރި ކަމަށް ރިޕޯޓުގައި ވެ އެވެ.