Roadha Mihaaru
އިންޑިއާގައި ޓީޗަރަކު ނެށުމުން ބޮޑު މައްސަލައަކަށް

އިންޑިއާގައި ޓީޗަރަކު ނެށުމުން ބޮޑު މައްސަލައަކަށް ވެއްޖެ

30 ނޮވެމްބަރ 2019

އިންޑިއާގެ ރާޖަސްތާނުގެ ޖަލޯރްގައި ކުރިއަށް ގެންދިޔަ ޓީޗަރުންގެ ޓްރޭނިން ވޯކްޝޮޕެއްގެ ތެރޭގައި އަންހެން ޓީޗަރަކު ނެށި މައްސަލައަކާ ގުޅިގެން ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ރާޖަސްތާނުގެ ޖަލޯރްގައި ކުރިއަށް ގެންދިޔަ ޓީޗަރުންގެ ޓްރޭނިން ވޯކްޝޮޕެއްގެ ތެރޭގައި އަންހެން ޓީޗަރަކު ނެށި މައްސަލައަކާ ގުޅިގެން ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރު ސްކޫލެއްގެ އަންހެން ޓީޗަރު އިސްކޮށް ހުރެގެން އިތުރު ތިން ފިރިހެން ޓީޗަރަކާ އެކު، ހަރުފައިގެ ހަރަކާތްތައް ދައްކުވައިދޭ ނާގިން ޑާންސް ކުރީ ޓްރޭނިން ވޯކްޝޮޕްގެ ތެރޭގައި ލިބުނު ހުސް ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އޭގައި ފެންނަނީ އެކަކު ބިންމަތީގައި ދެ ކަކޫ ޖަހައިގެން ސަންގެއް ފުމޭ ގޮތަށް ރުމާލެއް ހިފައިގެން ހަރަކާތްތައް ކުރާ އިރު، އަންހެން ޓީޗަރާ އެކު އިތުރު ދެ ފިރިހެން ޓީޗަރުން ބައިވެރިވުމުގެ ގޮތުން ނަށާ ތަނެވެ. އަދި ކުޅިލަބަލަން އިތުރު ބަޔަކު ތިބޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ ފާޑުކިޔުންތައް އަމާޒުވުމުން އަންހެން ޓީޗަރު ވަގުތުން ސަސްޕެންޑްކޮށް، އަނެއް ތިން މީހުންނަށް ވެސް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް މީޑީއާތަކުން ބުންޏެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި މި ވީޑިއޯ ނަގާފައި ވަނީ މީގެ 13 ވަރަކަށް ދުވަސް ކުރިންނެވެ. އަދި އަންހެން ޓީޗަރަށް ފިޔަވަޅު އެޅީ މިދިޔަ ބުދަ ދުވަހު އެވެ.

ޖަލޯރް ޑިސްޓްރިކްޓްގެ އެޑިއުކޭޝަން އޮފިސަރު އަޝޯކް ރޮއެޝްވާލް ވިދާޅުވީ އަންހެން ޓީޗަރު ސަސްޕެންޑްކުރީ ނެށުމުގައި އިސްނެގީ އޭނާ ކަމަށްވާތީ އެވެ. އަދި ޓްރޭނިންއެއްގެ ތެރޭގައި ޓީޗަރެއްގެ ފަރާތުން ފެނިގެންވާނެ ފަދަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ނެށުމަކީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު ހާލަތާ ނުގުޅޭ ކަހަލަ ކަމެއްގެ ތެރޭގައި ނެށުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އަދި އެއީ މަސައްކަތުގެ އަހުލާގާ ވެސް ހިލާފު ކަމެއް. އެކަން އަންހެން ޓީޗަރަށް ނޭނގުމަކީ ވަރަށް ދެރަކަމެއް،" އަޝޯކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެން ޓީޗަރާ އެކު ނެށި ފިރިހެނުންނަކީ ވޯކްޝޮޕްގައި އަލަށް ބައިވެރިވި ބަޔަކަށް ވާތީ އެ މީހުންނަށް އެ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް ނާޅަ އެވެ.