Roadha Mihaaru
ބެޑްމިންޓަން އިވެންޓުގެ އިސް ރެފްރީކަން ޒޯލާ އަށް

ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ އިސް ރެފްރީކަން ޒޯލާ އަށް

28 ނޮވެމްބަރ 2019

އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ އެންމެ އިސް ރެފްރީއަކަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ރެފްރީ އަލީ އަބްދުލް ކަރީމް (ޒޯލާ) ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަންނަ އާދީއްތަ ދުވަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ އެންމެ އިސް ރެފްރީއަކަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ރެފްރީ އަލީ އަބްދުލް ކަރީމް (ޒޯލާ) ހަމަޖައްސައިފި އެވެ.

ނޭޕާލުގެ ޕޮކަހާރާގައި ކުރިއަށްދާ ބެޑްމިންޓަން އިވެންޓުގައި ޒޯލާ އަށް އެހީތެރިވުމުގެ ގޮތުން ޑެޕިއުޓީންގެ ގޮތުގައި ތިބޭނީ ނޭޕާލުގެ ދެ ރެފްރީންނެވެ. މީގެ ކުރިން ރާއްޖޭގެ ބެޑްމިންޓަން އަމްޕަޔަރުން ބޭރުގެ މުބާރާތްތަކުގައި ރެފްރީކަން ކުރި ނަމަވެސް މިއީ ސަރަހައްދުގެ ބޮޑު ގޭމްސްއެއްގެ މި ވަރުގެ ޒިންމާއަކާ ރާއްޖޭގެ ރެފްރީ އަކު ހަވާލުވާ ފުރަތަމަ ފަހަރެވެ.

ގޭމްސްގައި ރާއްޖޭގެ ރެފްރީންނަށް ވަނީ އެކި ކުޅިވަރުތަކުގައި ބޮޑެތި ފުރުސަތުތައް ލިބެމުންނެވެ. އެގޮތުން އެތުލެޓިކްސް އިވެންޓްތަލުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ހަމަޖައްސައިފަ އެވެ. އަދި ބީޗް ވޮލީބޯޅަ އިވެންޓުގެ ރެފްރީންނާ ގުޅޭ ކަންކަމުގެ އެންމެ އިސް މީހަކަށް ރާއްޖޭގެ ބީޗްވޮލީބޯޅަ ރެފްރީ ހުސެއިން މުހައްމަދު ވަނީ ހަމަޖައްސައިފަ އެވެ.

ބެޑްމިންޓަނުގެ ޓެކްނިކަލް ބައިގެ ތެރެއަށް 1998 ވަނަ އަހަރު ވަދެ އަމްޕަޔަރުކަންކުރަން ފެށި ޒޯލާ ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި އިންސާފުކޮށްފަ އެވެ. އެ ގޮތުން ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ގިނަ މުބާރާތްތަކުގައި އޭނާ މަސައްކަތްކުރި އެވެ. ގޭމްސްގެ ތާރީހަށް ބަލާއިރު ޒޯލާގެ އެންމެ ބޮޑު އުސްއައްޔަކީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި 2016 ވަނަ އަހަރު ކުރިއަށްދިޔަ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި އޮފިޝަލްކަން ކުރުމުގެ ފުރުސަތު ލިބުމެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ޔޫތު އެވޯޑްސް ވެސް ހޯދާފައިވާ ޒޯލާ އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި ގުޅިގެން ބެޑްމިންޓަން ކުރިއެރުވުމަށާއި ޓެކްނިކަލް އޮފިޝަލުން އިތުރުކުރުމަށް ވެސް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ދެން އިންސާފުކުރަމުން އަންނަ ރާއްޖޭގެ އެއް ރެފްރީ އަކީ އަހުމަދު ޝިހާމް (ޕުޗު) އެވެ. މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އަނެއް ރެފްރީ އަކީ ސިޔާދު ހަބީބު އެވެ. އޭނާ މަސައްކަތްކުރާނީ ބެޑްމިންޓަން އިވެންޓުގެ ޖޫރީއެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ފަހަކަށް އައިސް ރަނގަޅު ހިސާބުތަކަށް ދަތުރުކުރަމުންނެވެ. އެންމެ ފުރަތަމަ ބޮޑު ޝަރަފެއް ހޯދީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ލައިންސްމަންކަން ކުރި ރާއްޖޭގެ މުހައްމަދު ސައީދެވެ. މީގެ އިތުރުން އަހުމަދު ޝާހިރާއި އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) ވަނީ ފީފާ އާއި އޭޝިއާގެ ބޮޑެތި މުބާރާތްތަކެއްގައި މެޗު ކޮމިޝަނަރުކަންކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އޮތް އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް ވަނީ ރެފްރީކަންކޮށްފަ އެވެ.