Roadha Mihaaru

ލައިބާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފި

ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ އަރްމީނިއާ ޔޫތު އޯޕަން މުބާރާތުގައި ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ ލައިބާ އަހްމަދު މަހްލޫފް (އެލީ) ތިން ރަން މެޑައްޔާ އެކު ރާއްޖެ އަށް ހޯދައިން ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފި އެވެ.

ލައިބާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

08 ޖޫން 2025

ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ އަރްމީނިއާ ޔޫތު އޯޕަން މުބާރާތުގައި ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ ލައިބާ އަހްމަދު މަހްލޫފް (އެލީ) ތިން ރަން މެޑައްޔާ އެކު ރާއްޖެ އަށް ހޯދައިން ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފި އެވެ.

އަރްމީނިއާގެ ޔެރޭވަންގައި ހުކުރު ދުވަހު ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން، އަންހެން ސިންގަލްސްގެ އިތުރުން ޑަބަލްސް އާއި މިކްސްޑް ޑަބަލްސް ކެޓަގަރީގެ ފައިނަލް ވެސް ލައިބާ ކާމިޔާބު ކުރި އެވެ.

ލައިބާގެ އެ ކާމިޔާބަށް މަރްހަބާ ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ޖޫނިއާ މުބާރާތެއްގައި ލައިބާ ހޯދި އެ ކާމިޔާބަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ލައިބާ އަކީ ނަމޫނާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އިތުރު ކާމިޔާބަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރާ އެކު ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހްރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތް ކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް،" ރައީސް ވިދާޅުވި އެވެ.

ލައިބާގެ ކާމިޔާބު ފާހަގަކުރައްވައި ރައީސް ދެއްވި ހިތްވަރަށް، ލައިބާގެ ބައްޕަ އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ މަހްލޫފް ވިދާޅުވީ ލައިބާގެ ކާމިޔާބު ފާހަގަކުރައްވައި ރައީސް މަރުހަބާ ވިދާޅުވުމަކީ ލައިބާ އާއި އޭނާގެ އާއިލާ އަށް ވެސް ލިބުނު ހިތްވަރެއް ކަމަށެވެ.

ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ލައިބާ ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށްސަރުކާރުގެ އަރުތަ ޕްރޮގްރާމްގައި އޭނާ ހިމަނާފައިވާތީ މަހްލޫފް ވަނީ ރައީސް މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

"ބައިނަލްއަގްވާމީ މުބާރާތްތަކާއި އަދި ގައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވައި، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި މަނިކުފާނަށް [ރައީސް މުއިއްޒަށް] އަދި ކުޅިވަރާއިބެހޭ ވަޒީރު ރާފިއު އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން،" އެކްސްގައި ރައީސް ކުރެއްވި ޕޯސްޓް، ރީޕޯސްޓް ކުރައްވައި މަހްލޫފް ވިދާޅުވި އެވެ.

މިއީ އިންޓަނޭޝަނަލް ސްޓޭޖުގައި ލައިބާ ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އަރްމީނިއާ މުބާރާތުގައި އޭނާ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑަލް އަދި މިކްސްޑް ޑަބަލްސް އިން ބްރޯންޒް ހޯދައިފަ އެވެ.

މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.