Roadha Mihaaru
ޓީމު އިވެންޓުގައި ބެޑްމިންޓަން ޓީމަށް ނާކާމިޔާބީ

ޓީމު އިވެންޓުގައި އަންހެން ބެޑްމިންޓަން ޓީމަށް ނާކާމިޔާބީ

01 ޑިސެމްބަރ 2019

ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ޓީމު އިވެންޓުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ކުޅުނު މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ޓީމު އިވެންޓުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ކުޅުނު މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ނޭޕާލުގެ ޕޮކަހާރާގައި ކުރިއަށްދާ ބެޑްމިންޓަން އިވެންޓުގައި ރާއްޖޭން މިއަދު ބަލިވީ ޕާކިސްތާނާ ވާދަކޮށް ސީދާ ތިން ގޭމުންނެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވާދަނުކުރެ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން އެ ގޮތަށް ނިންމީ މި ލެވެލްގައި މި ވަގުތަށް ރާއްޖޭގެ ފިރިހެން ޓީމަށް ވާދަކުރެވެން ނެތުމުންނެވެ.

އަންހެން ޓީމު އިވެންޓުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ އައިމިނަތު ނަބީހާ ކުޅުނު މެޗުން ވަނީ ޕާކިސްތާނުގެ ކުޅުންތެރިޔާ މަހޫރު ޝަހުޒާދު އަތުން 21-19، 21-14 އިން ބަލިވެފަ އެވެ. ދެ ވަނަ ސިންގަލްސް މެޗުގައި ރާއްޖޭގެ ނީލާ ނަޖީދު ވަނީ ފޯރިގަދަ މެޗަކަށް ފަހު ޕާކިސްތާނުގެ ޕަލްވަޝާ ބަޝީރު އަތުން 2-1 ސެޓުން ބަލިވެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ނީލާ ގެންދިޔައީ 21-16 އިންނެވެ. އެކަމަކު ނީލާ އަށް ދިމާވި އަނިޔާގެ މައްސަލައިގެ ފައިދާނަގައި ޕަލްވަޝާ ވަނީ ދެން ކުޅުނު ދެ ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ޕަލްވަޝާ ސެޓުތައް ގެންދިޔައީ 21-23 އަދި 17-21 އިންނެވެ.

ގައުމީ އަންހެން ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ބައެއް އިސްވެރިން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ އަންހެން ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ބައެއް އިސްވެރިން. -- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ތިން ވަނަ ސިންގަލްސްގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ނުކުތީ ގަޒާލާ ސިއްދީގާ ދެކޮޅަށެވެ. އެ މެޗުން ގަޒާލާ ވަނީ 21-15، 21-15 އިން ގެންގޮސް މެޗުން ވެސް މޮޅުވެފަ އެވެ. ރާއްޖެ އަށް ފުރަތަމަ ސިންގަލްސް އިން މޮޅެއް ނުލިބި މެޗު ނިންމާލަން ޖެހުނުއިރު، ހަތަރު ވަނަ މެޗަކަށް އޮތީ ރާއްޖޭން ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ދެބެންގެ ޕެއާއެއް ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ އުއްމީދުކުރީ މި އަށް ވުރެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ކަމަށާއި އެކަމަކު މެޗުން ބަލިވުމުގައި ފުރަތަމަ ދެ ގޭމް ދިޔަ ގޮތުން އަސަރު ކުރި ކަމަށެވެ.

"ފުރަތަމަ ދެ ގޭމް ގޮސްފައި މީނީ ވަރަށް ކައިރި ކައިރިން ގޮސްފައި އަޅުގަނޑުމެންނަށް އޭގެން ނަތީޖާ ނުނެރެވުނީ. ޓީމެއްގެ ގޮތުގައި އެންމެ ރަނގަޅު ޑަބަލްސް ޕެއާ ނަބީހާ އާއި ނަބާހާގެ ޕެއާ އަށް ވެސް ނުކުޅެވި މެޗު މިދިޔައީ ނިމިގެން. އެއީ ލިބުނު ދެރައެއް. އަނެއްހެން ބަލާއިރު ޕާކިސްތާނުގައި ދުނިޔޭގެ 174 ވަނަ އަށް ރޭންކުކޮށްފައިވާ ކުޅުންތެރިޔާ ވެސް ހިމެނޭ. އުއްމީދު ކުރި ނަތީޖާއެއް ނޫން. އެކަމަކު ކުޅުން ވެސް އެހާ ގޯހެއް ނޫން،" އިއްޕަ ވިދާޅުވި އެވެ.

އޯޕަންސް ޑްރޯ އެއް ދުވަސް ފަހުން ފަށާއިރު ސިންގަލްސް ބައިގައި ދެ ކުޅުންތެރިން ވާދަކުރާއިރު، ޑަބަލްސްގައި ރާއްޖޭގެ ދެ ޕެއާ ކުޅޭނެ އެވެ.

މި ފަހަރުގެ ބެޑްމިންޓަން އިވެންޓަށް ބަލާއިރު، ރާއްޖޭގެ ދެ ރެފްރީންނަށް ހާއްސަ ޝަރަފެއް ލިބޭނެ އެވެ. އެ ގޮތުން ރާއްޖޭގެ އިންޓަނޭޝަނަލް ރެފްރީ އަލީ އަބްދުލް ކަރީމް (ޒޯލާ) އަކީ ބެޑްމިންޓަން މުޅި އިވެންޓުގެ ރެފްރީ އެވެ. އަދި ރާއްޖޭގެ ރެފްރީއެއް ކަމަށްވާ ސިޔާދު ހަބީބު ޖޫރީއެއްގެ ގޮތުގައި މި ފަހަރުގެ ގޭމްސްގައި މަސައްކަތްކުރާނެ އެވެ.