Roadha Mihaaru

އަރްމީނިއާގައި ލައިބާ އަށް ތާރީހީ ތިން ރަން މެޑަލް

ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ އަރްމީނިއަން ޔޫތު އޯޕަން 2025 ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް (އެލީ) ތިން ރަން މެޑަލް ހޯދައިފި އެވެ.

އަރްމީނިއާގައި ލައިބާ އަށް ތާރީހީ ތިން ރަން މެޑަލް

ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ އަރްމީނިއަން ޔޫތު އޯޕަން 2025 ގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފް (އެލީ) ތިން ރަން މެޑަލް ހޯދައިފި އެވެ.

އަރްމީނިއާގެ ޔެރޭވަންގައި ހުކުރު ދުވަހު ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން، އަންހެން ސިންގަލްސް އާއި ޑަބަލްސްގެ އިތުރުން މިކްސްޑް ޑަބަލްސް އިވެންޓުން ވެސް ލައިބާ ވަނީ މިއަދު ކުޅުނު ފައިނަލްތަކުން މޮޅުވެފަ އެވެ.

މިކްސްޑް ޑަބަލްސްގައި ލައިބާ ކުޅުނީ އަރްމީނިއާގެ އެރިކް އެލޮޔާންއާ އެކު އެވެ. މި ޕެއާ ވަނީ މިއަދުގެ ފައިނަލްގައި ސައިޕްރަސްގެ އަންޑްރެސް ސްޓްރޮވޮލިޑީސް އާއި އެމީލިއާ ސޮފޮކްލެއޮސްއާ ވާދަކޮށް 21-11، 25-23 އިން މޮޅުވެފަ އެވެ. އަދި ސެމީ ފައިނަލްގައި ވަނީ ސައިޕްރަސްގެ ކިރިއާކޯސް ޕަޕާޔިއާނިސް އާއި އޮސްޓްރިއާގެ އައިދާ ޔެނޯގްޔާނާ ވާދަކޮށް 21-12 އިން ދެ ސެޓުވެސް ގެންގޮސްފަ އެވެ.

މިކްސްޑް ޑަބަލްސްގައި ލައިބާގެ ޕެއާ ސީޑް ކުރެވިފައި ވަނީ ތިންވަނައަށެވެ. ނަމަވެސް ޑަބަލްސް އާއި ސިންގަލްސްގައި ސީޑް ކޮށްފައި ވަނީ އެއްވަނައިގަ އެވެ.

ލައިބާ ވަނީ އަރްމީނިއާ މުބާރާތުގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ.-- ފޮޓޯ: ސިޑިބަރި/ އަބްދުﷲ އިޔާން

ލައިބާ ވަނީ އަރްމީނިއާ މުބާރާތުގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ.-- ފޮޓޯ: ސިޑިބަރި/ އަބްދުﷲ އިޔާން

ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ ސައިޕްރަސްގެ އެމީލިއާ އެވެ. އެމިލިއާ އާއި ލައިބާގެ ޕެއާ ވަނީ ފައިނަލް މެޗުގައި، ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ވާދަކޮށް ދެ ސެޓް ވެސް 21-11 އިން ކާމިޔާބު ކޮށްފަ އެވެ. ސެމީ ފައިނަލްގައި ވަނީ އަރްމީނިއާގެ ޕެއާއެއް ކަމަށްވާ އަނީ އެލޯޔާން އާއި ލިލީ ކިރަކޯސިޔާނާ ވާދަކޮށް 21-16، 21-17 އިން މޮޅުވެފަ އެވެ. ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ވަނީ ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފަ އެވެ.

ސިންގަލްސް ފައިނަލްގައި ވާދަ ކުރީ އޭނާގެ ޑަބަލްސް ޕާޓްނަރު އެމީލިއާއާ ދެކޮޅަށެވެ. ސިންގަލްސް ފައިނަލްގައި ލައިބާ މޮޅުވީ 21-15، 21-11 އިންނެވެ. ސެމީ ފައިނަލްގައި ފުރަތަމަ ސެޓު އަރްމީނިއާގެ ގަވާނޭ އަވަޓިސްޔާން 21-16 އިން ގެންދިޔަ ނަމަވެސް ލައިބާ ވަނީ ޖެހިގެން އައި ދެ ސެޓު 21-19، 21-8 އިން ކާމިޔާބު ކޮށްފަ އެވެ.

ސިންގަލްސްގެ ކުއާޓާ ފައިނަލުގައި އިއްޔެ ލައިބާ ވަނީ ޖޯޖިއާގެ މަގްދާ ޝަހްބަޒްޔާނާ ދެކޮޅަށް ވާދަވެރި ކުޅުމަކަށް ފަހު 22-20، 18-21، 21-13 އިން ކުރި ހޯދައިފަ އެވެ. ގުރޫޕް ސްޓޭޖުގައި ވެސް ވަނީ އަރްމީނިއާގެ ދެ ކުޅުންތެރިއަކާ ވާދަކޮށް ފަސޭހަ ކަމާއެކު ދެ މެޗުން ވެސް މޮޅުވެފަ އެވެ.

މިއީ އިންޓަނޭޝަނަލް ސްޓޭޖުގައި ލައިބާ ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އަރްމީނިއާ މުބާރާތުގައި ލައިބާ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑަލް އަދި މިކްސްޑް ޑަބަލްސް އިން ބްރޯންޒް ހޯދައިފަ އެވެ.

މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.