26 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ޖަމިއްޔަތުލް ސަލަފާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް ޖިނާއީ ކުށް ކުރި އެންމެނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ޖަމިއްޔަތުލް ސަލަފާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނޭ ގޮތަށް ޖިނާއީ ކުށް ކުރި އެންމެނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުން، އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓްގައި ގިނަ ބަޔަކަށް ތުހުމަތު ކުރި އެވެ. އަދި ރިޔާސީ ކޮމިޝަންގެ ރިޕޯޓު ދިރާސާކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން 11 ރިކޮމަންޑޭޝަނެއް ކޮމިޓީ ރިޕޯޓުގައި ހިމެނި އެވެ. މަޖިލިހުން އެ ރިޕޯޓު ފާސް ކުރީ އެ ރިކޮމަންޑޭޝަންތަކާ އެކުގަ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ރިޕޯޓު މަޖިލިހުން ފާސް ކުރީ 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް 10 މެމްބަރަކު ވޯޓު ދެއްވި އެވެ.
ރިޔާސީ ކޮމިޝަނުން ބުނީ އަފްރާޝީމް އަވަހާރަކޮށްލި ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލިފް ރައޫފް ކަމަށާއި އޭނާއާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ޚިޔާލު ތަފާތުވާ ބައެއް ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ފައިސާ ބަދަލުވެފައިވާ ގޮތުގައި ބަދަލުކުރެވިފައިވާ ފައިސާގެ މިންވަރު ދެނެގަތުމަށް ކުރި ދިރާސާގައި ގިނަ އަދަދެއްގެ މީހުންގެ ނަންތައް ވެސް ކޮމިޝަނުން ފާހަގަ ކުރި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.---ފޮޓޯ: ޕީޕީއެމް
ރިޕޯޓުގައިވާ ގޮތުން އަފްރާޝިމްގެ މަރާ ގުޅޭ ގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގައި ޝާމިލްވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތައް ތަފްސީލްކޮށްދީފައިވާ އިރު، އޭގެ ތެރޭގައި ސަލަފް ހިމެނެ އެވެ. ސަލަފްގެ އިތުރުން ދެން ހިމެނެނީ ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތާއި އައިއެސް އަށް ބައިއަތު ހިފި ޖަމާއަތާއި ޖަބްހަތުއްނުސްރާ އަށް ވާގިވެރިވާ އަލްގައިދާ ޖަމާއަތެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. ޝަހީމަށް ރިޔާސީ ކޮމިޝަނުން ކުރާ ތުހުމަތަކީ ކޮމިޝަންގެ ތަހުގީގަށް ތެދު ނޫން މައުލޫމާތު ދިނުމާއި މައުލޫމާތު ހިއްސާ ކުރަން ޖެހޭ ވަގުތުގައި އެކަން ހިއްސާ ނުކުރުމާއި މައުލޫމާތު ގަސްދުގައި ސިއްރު ކުރުމެވެ.
ރިޔާސީ ކޮމިޝަންގައި ފާހަގަ ކުރި ކަންކަމާ ގުޅިގެން ޝަހީމާއި ސަލަފުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ނަމަވެސް މަޖިލިހުން ފާސް ކުރި ރިޕޯޓުގައި ވަނީ ޖިނާއީ ކުށްތައް ހިންގާފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރި އެންމެންނާ މެދުގައި ލަސްނުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށެވެ.
އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް ކޮމިޝަންގެ ތަހުގީގުގައި ބުރަވެފައި ވަނީ ހުމާމާ އެކު ދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށް ރިޕޯޓުގައިވެ އެވެ.
ދީނީ އިލްމުވެރިޔާ، އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ.
މަޖިލިހުން ފާސް ކުރި ބައެއް ރިކޮމަންޑޭޝަންތަކުގެ ތެރޭގައި ވަނީ ހުމާމާއި ޝާނާއި 18 އަހަރުން ދަށުގެ ކުއްޖާގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލި ރޭ ހ. ފުންވިލު ކައިރީގައި ހުރި ކްރަސްޓީސް ރެސްޓޯރަންޓުގައި ޖަރީމާ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ގޭގެ ސިޑިމަތީގައި ހަރަކާތްތެރިވި މީހުންނާ މެދުގައި ފިޔަވަޅު އަޅަން އެދިފަ އެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައި ހުރި އެންމެން މިހާރު ތިބި ތަންތަނާއި އެމީހުން ކުރާ މަސައްކަތް ހޯދަން މަޖިލިހުން ފާސްކުރި ރިކޮމަންޑޭޝަނެއްގައި ހިމަނާފައިވެ އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރެވިފައިވާ ގޮތް ދެނެގަތުމަށް ސަލަފްގެ 2012 އިން ފެށިގެން 2008 އަށް ހަރަދު ހިނގާފައިވާ ގޮތާއި އަހަރީ ހިސާބުތަކުގެ ތަފްސީލުތައް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހޯދަން ވެސް ކޮމިޓީ ރިޕޯޓުގައި ހިމެނި އެވެ.
ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގުމަށް އެކި މީހުން ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ކޮމިޓީ އަށް ހޯދައި، އެމީހުންނާ މެދުގައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ވެސް މަޖިލިހުގެ ނިންމުމުގައިވެ އެވެ.
މީގެއިތުރުން އަފްރާޝީމްގެ މައްސަލައިގައި ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ މީހުންގެ މައުލޫމާތުތައް މޯލްޑިވްސް އިމިގްރޭޝަން މެދުވެރިކޮށް ހޯދުމަށް ވެސް ރިކޮމަންޑޭޝަންގެ ތެރޭގައި ހިމެނެ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރި ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި އަފްރާޝީމްގެ މައްސަލައިގައި އެކި މިންވަރަށް އެނގިތިބެ، ސިއްރު ކުރި މީހުންނާ މެދުގައި ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން އެދިފަ އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޝާމިލްވާ ހުރިހާ އެންމެންނާ މެދުގައި ފިޔަވަޅު އަޅައި ދިނުމަށް މަޖިލިހުން އެދުނު އިރު، އެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމުގެ ޖާގައެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވަނި ވިދާޅުވެފަ އެވެ.
"ޖިނާއީ ތަހުގީގުނުކޮށް، ދައުވާކުރެވޭނެ ގޮތެއް ބުނެދީ"
ޝަހީމަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް
ސަލަފް އުވާލާކަށް އަޅުގަނޑު ނޭދެން: ނަޝީދު
"އަފްރާޝީމްގެ މަރު ސިފަކުރެވުނީ މުސީބާތެއްގެ ގޮތުގައި"
ހުމާމް މެރުން ހުއްޓުވަން މަޖިލީހުގެ ކޮމިޓީ އަށް
ތިން ވަޒީރުންނަށް ރުހުން ހޯދަން އަލުން މަޖިލީހަށް
މަޖިލީހުގެ ނިންމުމަށް އިހްތިރާމް ކުރަން: ޝަހީމް
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކުރައްވައިފި
ރުހުން ނުލިބުނު ވަޒީރުން އަލުން އައްޔަން ކުރަނީ