27 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ޖަމިއްޔަތުލް ސަލަފް އުވާލަން އެދިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ޖަމިއްޔަތުލް ސަލަފް އުވާލަން އެދިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު، އަނިޔާވެރި ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ސަލަފް ޖަމިއްޔާ އާއި ޖިނާއީ ކުށް ކުރި އެންމެނަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލިހުގެ 87 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެއްވެސް ޖަމާއަތަކުން މީހުން މެރުމަށާއި ހަނގުރާމަ އަށް މީހުން ފޮނުވުމަށް ހިތްވަރުދޭ ބާވަތުގެ އެއްވެސް ވާހަކައެއް ދެކެވިގެން ނުވާނެ ކަމަށެވެ. އެ ބާވަތުގެ އެއްވެސް ކަމެއް ކުރާ ނަމަ، އެއީ ރައްޔިތުންނަށް ލިބޭނެ ދެރައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސަލަފް ޖަމާއަތާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް އަޅުގަނޑު ހިތުން މަޖިލިހުން އެދިފައި ވަނީ އޭގެ ތެރެއިން މިބާވަތުގެ އަމަލުތައް ހިންގާ ބޭފުޅުންނާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް،" މަޖިލިހުގެ ޖަލްސާ ސައި ގަޑި އަށް ހުއްޓާލުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސަލަފް ޖަމިއްޔާގައި "މޮސްކޯގެ ޖަލީލެއް" ވެސް އުޅުނެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ ރާއްޖޭގައި ނުރައްކާތެރި އަމަލުތަކެއް ހިންގަން ސަލަފުން ރޭވި ކަމަށް ބުނެ، އެ ޖަމިއްޔާގައި ކުރިން އުޅުނު އަލީ ޖަލީލް ވާހަކަ ދައްކާ ވީޑިއޯއަކަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯ ފެންނަ ޖަލީލް 2009 ވަނަ އަހަރު މެއި މަހު ޕާކިސްތާނުގައި އަމިއްލަ އަށް މަރުވެގެން ސިފައިންގެ މަރުކަޒަކަށް ހަމަލާ ދީގެން ވަނީ މަރުވެފަ އެވެ.
"އޭގެ ތެރޭގައި ބައެއް މީހުން މެރުމާއި މިބާވަތުގެ އެތައް ކަމެއް ހިންގުމަށް (ރޭވި). އެންމެ ފަހުން މޮސްކޯގެ ޖަލީލަށްވެ ދިޔަ ގޮތަކީ ޕާކިސްތާނުގައި އަމިއްލަ ހަށީގައި ބޮން ހަރުކޮށްގެން އޭނާ އަމިއްލަ އަށް މަރުވެ ދިޔައީ. މިއީ ރާއްޖޭގެ ޖަމިއްޔާއެއްގެ ތެރޭގައި އުފެދޭ ރޫހެއްގެ ސަބަބުން ނުކުމެވޭނެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެކެވިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަނުން، އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓްގައި އަފްރާޝިމްގެ މަރާ ގުޅޭ ގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގައި ޝާމިލްވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތައް ތަފްސީލްކޮށްދީފައިވާ އިރު، އޭގެ ތެރޭގައި ސަލަފް ހިމެނެ އެވެ. ސަލަފްގެ އިތުރުން ދެން ހިމެނެނީ ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތާއި އައިއެސް އަށް ބައިއަތު ހިފި ޖަމާއަތާއި ޖަބްހަތުއްނުސްރާ އަށް ވާގިވެރިވާ އަލްގައިދާ ޖަމާއަތެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރެވިފައިވާ ގޮތް ދެނެގަތުމަށް ސަލަފްގެ 2012 އިން ފެށިގެން 2008 އަށް ހަރަދު ހިނގާފައިވާ ގޮތާއި އަހަރީ ހިސާބުތަކުގެ ތަފްސީލުތައް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހޯދަން މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.
ހަރުކަށި ފިކުރު ނުހުއްޓުވިއްޖެ ނަމަ ގައުމު ހަރާބުވެދާނެ
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
މެމްބަރުންގެ އާއިލީ މާލީ ބަޔާން ހާމަނުކުރަން ފާސްްކޮށްފި
މެމްބަރުންނާ ގުޅޭ "ރެއިޑް"ތަކެއް އެބަ އުޅޭ: ނަޝީދު
ތަހުގީގުތަކާ ގުޅިގެން ނަޝީދުގެ ކަންބޮޑުވުން ކޮމިޓީ އަށް
ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
ޖަލްސާތައް އޮންލައިންކޮށް ގެންދަން ނިންމައިފި
މެމްބަރުންގެ ކުރީގެ ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް