Roadha Mihaaru
ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި

ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި

22 ޖޫން 2020

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތައް ކޮމިޝަނުން ދޮގުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތައް ކޮމިޝަނުން ދޮގުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ދެއްކެވި އެ ވާހަކަތަކާ ގުޅިގެން، އެތައް ބައެއްގެ ފާޑުކިޔުން މަރު ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށް، ނެރުނު ބަޔާނެއްގައި ބުނީ، ކޮމިޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށާއި ތަހުގީގުތައް ހުއްޓާލައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހަށް އަންގައިފައި ނުވާނެ ކަމަށެވެ.

މަރު ކޮމިޝަނުން ބުނީ، އެ ކޮމިޝަންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އަންގަން އެދިފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު، އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގައިފައި ނުވާނެ ކަމަށް ބުންޏެވެ.

"މި ފުރުސަތުގައި ކޮމިޝަންގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

ހަރުކަށި ފިކުރާ ގުޅޭ ސުވާލެއް މެމްބަރަކު ކުރެއްވުމާ ގުޅިގެން، މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ނޮވެމްބަރު 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަންގެ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް އެ ކޮމިޝަނުން މަޖިލީހުގެ އިދާރާ އަށް ފޮނުވި ސިޓީގައި އަންގާފައި އޮތީ ޑްރާފްޓް ރިޕޯޓު އާއްމުވުމުން ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިޔުއްވާފައި އެބަ އޮތް އެ ބޭފުޅުންނަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓު ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެ ބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގުގެ ޑްރާފްޓް ރިޕޯޓު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމުން ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނުނިމި އޮތް އެ ރިޕޯޓުގެ ބައެއް މައުލޫމާތުތައް އެ ކޮމިޝަނުން އޭރު އާންމު ކޮށްފައިވާއިރު، އެހެން ބައެއް ގޮތްގޮތުން ވެސް ބައެއް ކަންކަން ލީކުވެފައި ވެ އެވެ.

މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި ޖަރީމާއާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވި އެވެ. ކޮމިޝަނުން އަމިއްލައަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކުރި ނަމަވެސް މުޅި ރިޕޯޓް އާއްމުކުރީ މަޖިލީހުންނެެވެ. އެކަމާ ބެހޭ ހޫނު ބަހުސްތަކެއް އޭރު މަޖިލީހުގައި ވެސް ހިނގި އެވެ.