Roadha Mihaaru
އަނެއްކާވެސް ބޮޑު ކްރޫޒް ލައިނާއެއް އަންނަނީ

އަނެއްކާވެސް ބޮޑު ކްރޫޒް ލައިނާއެއް އަންނަނީ

25 ނޮވެމްބަރ 2019

ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު ކްރޫޒް ލައިނާ ޑިސެމްބަރު 6 ގައި މާލޭގައި ބަނދަރުކުރާނެ ކަމަށް، ޔޮޓް އެޖެންޓުންގެ މައި ޖަމިއްޔާ، މާޔާ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު ކްރޫޒް ލައިނާ ޑިސެމްބަރު 6 ގައި މާލޭގައި ބަނދަރުކުރާނެ ކަމަށް، ޔޮޓް އެޖެންޓުންގެ މައި ޖަމިއްޔާ، މާޔާ އިން މިއަދު ބުނެފި އެވެ.

ނޯވޭގެ "ނޯވީޖިއަން ޖޭޑް" އެއް ދުވަހަށް މާލޭ ބަނދަރުގައި އޮންނަ އިރު އެ ބޯޓުން 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާނެ އެވެ. އިންޑިޔާއިން ފުރައިގެން އަންނަ މި ބޯޓު ރާއްޖޭގައި މަޑުކުރުމަށް ފަހު ދެން ދާނީ ސްރީ ލަންކާއަށެވެ.

ނޯވީޖިއަންގެ ޑެކް: ރާއްޖެ އަށް ދުނިޔޭގެ ބޮޑެތި ކްރޫޒް ލައިނާއަށް އާދޭ -- ފޮޓޯ: ގޫގުލް

ނޯވީޖިއަންގެ ޑެކް: ރާއްޖެ އަށް ދުނިޔޭގެ ބޮޑެތި ކްރޫޒް ލައިނާއަށް އާދޭ -- ފޮޓޯ: ގޫގުލް

މިހާތަނަށް ރާއްޖެއަށް އައި އެންމެ ބޮޑު ޕެސެންޖާ ލައިނާ އައީ މިދިޔަ އޭޕްރީލް މަހު ބަނދަރުކުރި އެމްއެސްސީ މެގްނިފިކާ އެވެ. އޭގެ ދިގުމިނުގައި 964 ފޫޓު ހުރެ އެވެ. އެ ބޯޓުން 2،500 ޓޫރިސްޓުން އަ އެވެ.

ނޯވީޖިއަން ޖޭޑްގެ ދިގުމިނުގައި 965 ފޫޓު ހުރެ އެވެ. އެއް ފަހަރާ 3،500 ޓޫރިސްޓުންނަށް އެ ބޯޓުގައި ދަތުރުކުރެވޭ އިރު ފަޅުވެރިންގެ އަދަދު 1،000 އަށް އަރަ އެވެ.

ކްރޫޒް ލައިނާތަކުން އަންނަ މީހުން ކައިރި ރަށްރަށާއި ރިސޯޓުތަކަށް ވެސް ޒިޔާރަތްކުރެ އެވެ. މީގެ އިތުރުން މާލޭގެ ސްވެނިޔާ ފިހާރަތަކާއި ބައެއް ރެސްޓޯރެންޓްތަކުން ވިޔަފާރިކުރެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަލީ (ބަނީ) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ބޮޑެތި ބޯޓުތައް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކްރޫޒް ލައިނާތައް އައުން ގިނަވި ނަމަވެސް، ޓޫރިސްޓުންނަށް މާލެއަށް ފައިބާ މަޑުކޮށްލާނެ ތަނެއް ނެތުމުން ދިމާވާ ދަތިތައް ގިނަ އެވެ.

ނޯވީޖިއަން ޖޭޑްގެ ބޯލް ރޫމެއް: މިއީ ޒަމާނީ ހިދުމަތްތައް ލިބެން ހުރި ބޯޓެއް -- ފޮޓޯ: ގޫގުލް

ނޯވީޖިއަން ޖޭޑްގެ ބޯލް ރޫމެއް: މިއީ ޒަމާނީ ހިދުމަތްތައް ލިބެން ހުރި ބޯޓެއް -- ފޮޓޯ: ގޫގުލް

"ވާރޭ ވެހިއްޖެއްޔާ އަންނަ ޓޫރިސްޓުން ވަންނާނެ ތަނެއް ނުހުންނާނެ. މިއީ އަދިވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުން،" ބަނީ ވިދާޅުވި އެވެ.

ކްރޫޒް ލައިނާތަކަށް ހާއްސަ ޓާމިނަލެއް ކުރީގެ މަސްވެރިންގެ ޕާކްގައި އެޅުމުގެ މަސައްކަތް، ސީއެސްއާރުގެ ދަށުން އެމްޑަބްލިޔުއެސްސީ އިން އަންނަނީ ކުރަމުންނެވެ.

ބަނީ ވިދާޅުވީ ހަމައެކަނި މާލެއަށް ކައިރި ކުރުމުގެ ބަދަލުގައި އެހެން ބައެއް ރަށްރަށަށް ކައިރި ކުރެވޭނެ އިންތިޒާމުތައް ފަސޭހަ ގޮތަކަށް ހަމަޖެހިއްޖެ ނަމަ ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ކްރޫޒް ލައިނާތައް ދާނެ އެވެ. އެގޮތުން ގއ އާއި ގދގެ އިތުރުން އައްޑު އަތޮޅަށް، ދުނިޔޭގެ ބޮޑެތި ކްރޫޒް ލައިނާތައް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުގެ އަދަަދު އަހަރުން އަހަރަށް ގިނަވެ އެވެ. އެގޮތުން މި އަހަރު ވެސް 2،000 މީހުންގެ ޖާގައިގެން 70 ވަރަކަށް ކްރޫޒް ލައިނާ ރާއްޖެ ޒިޔާރަތްކުރި އެވެ. އެއީ ގާތްގަނޑަކަށް 140،000 ޓޫރިސްޓުންނެވެ.