Roadha Mihaaru
ލަމްޕާޑާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް: ހަޒާޑް

ލަމްޕާޑާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް: ހަޒާޑް

20 ނޮވެމްބަރ 2019

ލަންޑަން (ނޮވެމްބަރު 20) - ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވެ ފްރޭންކް ލަމްޕާޑް އަންނަނީ ފެންވަރު ސާބިތުކޮށްދެމުން ކަމަށާއި އޭނާ ކުރި މަސައްކަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް މި ސީޒަނުގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާާޑް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 20) - ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވެ ފްރޭންކް ލަމްޕާޑް އަންނަނީ ފެންވަރު ސާބިތުކޮށްދެމުން ކަމަށާއި އޭނާ ކުރި މަސައްކަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް މި ސީޒަނުގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާާޑް ބުނެފި އެވެ.

ލަމްޕާޑަށް ޗެލްސީގައި ޓީމެއް ބިނާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ އިން ދީފައިވާ އަދަބުގެ ސަބަބުން ކުޅުންތެރިޔަކު ގެނެވެން ނެތުން ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރި ނަމަވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ ލަމްޕާޑް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ހަޒާޑް ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ދެކެވުނު ވާހަކަތަކަށް ވެސް ލަމްޕާޑް ވަނީ ޖަވާބު ދީފަ އެވެ.

"ތެދެއް އެ ޓީމަކު ހަޒާޑެއް ނެތް. އެކަމަކު އެ މީހުން އެ އަންނަނީ ގިނަ ގޯލުތަކެއް ޖަހައި މެޗުތަކުން މޮޅުވަމުން. މި ވަގުތު ލީގުގެ ތިން ވަނައިގައި އެ އޮތީ. ލަމްޕާޑް އެ ކުރާ މަސައްކަތުގެ ކާމިޔާބުކަން އެބަފެނޭ. ހަގީގަތުގައި އޭނަގެ ކޮލިޓީ އާއި އެ ހުރިހާ ކަމަކާ ބެހޭގޮތުން ސުވާލު އުފެއްދޭނެ ޖާގައެއް ނެތްކަން އެބަފެނޭ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލަށް 112 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ބަދަލުވުމަށް ފަހު މިހާތަނަށް އޭނާގެ އެންމެ މޮޅު ކުޅުން ވަނީ ދައްކަން އުނދަގޫވެފަ އެވެ. އެކަމަކު އޭނާ ބުނީ އާ ލީގަކަށް ހޭނެން ވަގުތު ނަގާނެ ކަމަށެވެ. ހަޒާޑް ބުނީ ޗެލްސީގައި ހުރެ ލަމްޕާޑްގެ ކޯޗުކަމުގައި ކުޅެލަން ލިބުނު ނަމަ އެވެސް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ ކަމަށެވެ.

"ލަމްޕާޑް ހުރުމުން ޗެލްސީގެ ނަތީޖާތައް ރަނގަޅުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަޕޯޓަރުންގެ ހިތްހަމަޖެހުން،" ހަޒާޑް ބުންޏެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ފަހު އަލުން ލީގު މެޗުތަކުގެ ކުޅުން މި ހަފްތާ ބަންދުގައި ފަށާނެ އެވެ. ލީގުގައި މި ހަފްތާގައި ޗެލްސީ ކުޅޭ މެޗުގައި ރަށުންބޭރުގައި ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ހަޒާޑް ބުނީ ސިޓީ ދަނޑުގައި މޮޅުވެވޭނެ ފެންވަރު ޗެލްސީގެ ކިބައިގައި އެބަހުރި ކަމަށެވެ.