Roadha Mihaaru
ޓޮޓެންހަމުން ޕޮޗެޓީނޯ ވަކިކޮށްފި، މޮރީނިއޯ ގެންނަނީ؟

ޓޮޓެންހަމުން ޕޮޗެޓީނޯ ވަކިކޮށްފި، މޮރީނިއޯ ގެންނަނީ؟

20 ނޮވެމްބަރ 2019

ލަންޑަން (ނޮވެމްބަރު 20) - ޓޮޓެންހަމްގެ ކޯޗުގެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކޮށްފައިވާއިރު، އެ ޓީމާ ދެން ހާވަލުވާނީ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ކަމަށް މީޑިއާގައި އަޑުފެތުރިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 20) - ޓޮޓެންހަމްގެ ކޯޗުގެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކޮށްފައިވާއިރު، އެ ޓީމާ ދެން ހާވަލުވާނީ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ކަމަށް މީޑިއާގައި އަޑުފެތުރިއްޖެ އެވެ.

އުމުރުން 47 އަހަރުގެ ޕޮޗެޓީނޯ، ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހު އެވެ. މިދިޔަ ސީޒަނުގައި އެއްވެސް ހަރަދެއް ނުކޮށް ޓޮޓެންހަމަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދިން ނަމަވެސް ޕޮޗެޓީނޯ އަށް މި ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ 14 ވަނައިގަ އެވެ.

ކުރިން އެސްޕަންޔޯލާއި ސައުތުހެމްޓަނަށް އިރުޝާދުދިން ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ޓޮޓެންހަމަށް އިނގިރޭސި ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީ އަހަރުން އަހަރަށް އެ ޓީމު ޑިވެލޮޕްކޮށް މިހާރު އެ ކްލަބްގައި އޮތް ޓީމު އެކުލަވާލުމާއި އާ ސްޓޭޑިއަމެއް އަޅައި ކްލަބްގެ މިސްރާބު ބަދަލުކޮށްލުމުގެ ބޮޑު ކްރެޑިޓެއް ޕޮޗެޓީނޯ އަށް ހައްގުވެ އެވެ. އެކަމަކު ކްލަބް ދެން އޮތް ލެވެލަށް ގެންދަން ޕޮޗެޓީނޯ އަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ތަށްޓެއްގައި އަތްލުމުގެ ނަސީބު ނުލިބުމެވެ.

ޓޮޓެންހަމްގައި ޕޮޗެޓީނޯ ކުރި މަސައްކަތުގެ ސަބަބުން އޭނާ އަށް ޔޫރަޕްގެ މަޝްހޫރު ކްލަބްތަކުގެ ހުށަހެޅުން ލިބުނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ޔުވެންޓަސް އަދި ރެއާލް މެޑްރިޑް ހިމެނެ އެވެ. އެކަމަކު އޭރު ޓޮޓެންހަމުގައި މަޑުކުރަން ޕޮޗެޓީނޯ ނިންމީ އެ ކްލަބްގެ ވެރިންގެ އިތުބާރު އޭނާ އަށް އޮތުމުންނެވެ. އެކަމަކު މި ސީޒަނުގައި ބޮޑު ހަރަދުތަކެއްކޮށް ނަތީޖާ ނުނެރެވުމުން އެންމެ ފަހުން ޕޮޗެޓީނޯ ވަކިކުރަން ޓޮޓެންހަމް ބޯޑުން ނިންމީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ މި ވަގުތު ޓީމަކާ ހަވާލުނުވެހުރިއިރު، ދާދި ފަހުން އޭނާ އަށް ފްރާންސްގެ ލިޔޯނުން ލިބުނު ފުރުސަތު ދޫކޮށްލީ އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭން ބޭނުންވާތީ އެވެ. ބަޔާން މިއުނިކާ ވެސް މަޝްވަރާކުރި މޮރީނިއޯ ވަނީ މީގެ ހަފްތާއެއް ކުރިން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީއާ ލިޒްބަންގައި ބައްދަލުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯގެ ޑިމާންޑްތަކަށް ލީވީ އެއްބަސްވެއްޖެނަމަ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި މޮރީނިއޯ އެ ކްލަބާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.

ސްކައިސްޕޯޓްސް އިން ގެނެސްދޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކަވަރޭޖްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މޮރީނިއޯ ވަނީ މި ލީގުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެއްވެސް އިރެއްގައި ނުގެއްލޭނެ ކަމަށް ދާދި ފަހުން ވެސް ބުނެފަ އެވެ. ޓޮޓެންހަމާ މި ވަގުތު ވާހަކަ ދައްކަމުން އައި މޮރީނިއޯ މީގެ ކުރިން ވަނީ އާސެނަލްގެ ވެރިންނާ އެކު ވެސް ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.