Roadha Mihaaru
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ

ސުޕްރީމް ކޯޓަށް ވެސް ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ

20 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުން "ގާނޫނު ހެދުމުގެ" މައްސަލަ އަކީ ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ފާޑުކިޔުން އަމާޒުވި މައްސަލަ އެކެވެ. އެއްވެސް ފަރާތަކުން މައްސަލަ ހުށަނާޅަނީސް އަދި މައްސަލަ ރައްދުވި ފަރާތެއް ވެސް ނެތި ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއި ގާނޫނުތަކުގައި އޮތްގޮތާ ދިމާ އިދިކޮޅަށް ކަންކަން ކުރަން އަންގައި، ސާކިއުލާތަކާއި ގަރާރުތަކާއި އާންމު ސިޓީތައް ނެރުން ފަދަ ކަންކަމަކީ އޭރު ގާނޫނީ ގިނަ ބޭފުޅުންގެ ފާޑު ކިޔުންތައް އަމާޒުވި ކަންކަމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުން "ގާނޫނު ހެދުމުގެ" މައްސަލަ އަކީ ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ފާޑުކިޔުން އަމާޒުވި މައްސަލަ އެކެވެ. އެއްވެސް ފަރާތަކުން މައްސަލަ ހުށަނާޅަނީސް އަދި މައްސަލަ ރައްދުވި ފަރާތެއް ވެސް ނެތި ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމާއި ގާނޫނުތަކުގައި އޮތްގޮތާ ދިމާ އިދިކޮޅަށް ކަންކަން ކުރަން އަންގައި، ސާކިއުލާތަކާއި ގަރާރުތަކާއި އާންމު ސިޓީތައް ނެރުން ފަދަ ކަންކަމަކީ އޭރު ގާނޫނީ ގިނަ ބޭފުޅުންގެ ފާޑު ކިޔުންތައް އަމާޒުވި ކަންކަމެވެ.

ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނުވަތަ ޖުޑީޝަލް އޯވަ ރީޗް ގޮތެއްގައި ނިންމުންތައް ނިންމި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދާދިފަހުން ބެލިއިރު، ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުގެ އިސް ނެގުމުގައި ބާތިލް ކުރުމުގެ ތިން މައްސަލައެއް އޭގެ ތެރޭގައި ފާހަގަކުރި އެވެ. އެއީ ޖޭއެސްސީގެ ގާނޫނާއި ކޯޓުތަކުގެ ބައެއް މާއްދާތަކެއް ބާތިލްކޮށް، ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކުރުމާއި ކުރިން އޮތް ވަކީލުންގެ ގަވާއިދު ބާތިލްކޮށް، ސުޕްރީމް ކޯޓުގެ ދަށަށް އެކަން ގެންދިއުމުގެ އިތުރުން އިސްތިއުނާފް މުއްދަތާ ބެހޭގޮތުން ބައެއް ގާނޫނުތަކުގައި ހުރި މާއްދާތައް ބާތިލްކުރި މައްސަލަ އެވެ.

ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ފަހުން ގެނައި އިސްލާހެއްގެ ދަށުން ޝަރުއީ ދާއިރާ ހިންގުން ޖޭއެސްސީގެ ދަށަށް އަލުން އަނބުރާ ގެންދިއުމާއި ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުން ރެގިއުލޭޓް ކުރުން މިހާރު ބާ ކައުންސިލްގެ ދަށަށް ދިއުމުން އެކަންކަމަށް މިހާރު އޮތީ ގާނޫނީ ގޮތުން ހައްލު ލިބިފަ އެވެ. އެކަމަކު އިސްތިއުނާފް މުއްދަތުގެ މައްސަލަ އަދިވެސް އޮތީ އޮތްގޮތަށެވެ.

ކޯޓުތަކުގެ ގާނޫނު ކުރިން އޮތް ގޮތުން ހުރިހާ ކޯޓުތަކެއްގެ ނިންމުންތައް ވެސް އިސްތިއުނާފް ކުރުމުގެ މުއްދަތަކީ އެ ނިންމުން ނިންމާ ދުވަހުން ފެށިގެން، ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 90 ދުވަހެވެ. އަދި އަތޮޅު ތެރޭގައި ހުރި މެޖިސްޓްރޭޓް ކޯޓެއްގެ ނިންމުމެއް ނަމަ، އެ ނިންމުން އިސްތިއުނާފް ކުރަން 180 ދުވަހުގެ އޭރު ގާނޫނު އޮތްގޮތުން ލިބެ އެވެ.

ކޯޓުތަކުގެ ގާނޫނުގެ އެ މާއްދާތައް ސުޕްރީމް ކޯޓުން 2015 ގައި ބާތިލްކުރީ އެ ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނެރުނު ރޫލިންއަކުންނެވެ. އެ މާއްދާތައް ބާތިލް ކުރުމުގެ އިތުރުން ދަށު ކޯޓުތަކުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 10 ދުވަސް ކަމަށް ހަމަޖައްސައި، ހައި ކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށް ހަމަޖެއްސުމަށް ފަހު އަދި އިސްތިއުނާފަށް ހުށަހެޅުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް ވެސް އިތުރު ސާކިއުލާއެއްގެ ދަށުން އޭރު ބަދަލު ގެނަ އެވެ.

ކޯޓުތަކުގެ ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ވަޒީފާއާބެހޭ ގާނޫނުން ދަށުން ދީފައި އޮތް 60 ދުވަހުގެ މުއްދަތާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލްތައް ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ދީފައި އޮތް 30 ދުވަހުގެ މުއްދަތުގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް މައްސަލަ ހުށަހަޅަން ލިބޭ 30 ދުވަހުގެ މުއްދަތު ވެސް ސުޕްރީމް ކޯޓުގެ އިތުރު ރޫލިންއަކުން ބާތިލްކޮށް، އެފަދަ މައްސަލަތައް ވެސް 10 ދުވަސް ތެރޭގައި އިސްތިއުނާފްކުރަން ޖެހޭ ގޮތަށް އޭރު ހަމަޖެއްސި އެވެ.

އިސްތިއުނާފްގެ މުއްދަތަށް ސުޕްރީމް ކޯޓުން ގެނައި ކުއްލި އެ ބަދަލާ އެކު ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުމަކަށް ވެފައި އޮތީ އެ މުއްދަތު އެކަށީގެންވާ މިންވަރަށް ވުރެ ކުޑަވުމެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދޫކުރަން ގާނޫނު ލާޒިމް ކުރަނީ 14 ދުވަސް ތެރޭގައި ކަމަށް ވާއިރު، އެ ރިޕޯޓް ލިބުމުގެ ކުރިން އަދި މައްސަލަ ރަނގަޅަށް ދިރާސާ ނުކޮށް، "މުބާރާތެއް ބާއްވާހެން" އަވަސް އަރުވާލައިގެން އިސްތިއުނާފަށް ހުށަހަޅަންޖެހޭކަން ގިނަ ވަކީލުން އޭރު ވެސް ފާހަގަކުރި އެވެ.

އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގައި މާލޭގެ ދަށު ކޯޓުތަކަށް ވުރެ ދިގު މުއްދަތެއް ލިބޭ ގޮތަށް ގާނޫނުގައި އޮއްވައި އެ ބަދަލުގައި ގެނައިއިރު، މެޖިސްޓްރޭޓް ކޯޓުތަކާއި މާލޭގެ ކޯޓުތައް ތަފާތުކޮށް ނެތުމަކީ ވެސް އަނެއް ކަންބޮޑުވުމެވެ. ވަކީލުން ލިބުމުގެ ދަތިކަން ރަށްރަށުގެ އޮތުމުން 10 ދުވަސް ތެރޭގައި މައްސަލަ އިސްތިއުނާފް ނުކުރެވި، އިސްތިއުނާފްގެ ހައްގަށް ހުރަސް އެޅުމުގެ ކަންބޮޑުވުން ވެސް އޭރު ވަކީލުން ފާހަގަކުރި އެވެ. އެ ކަންބޮޑުވުންތައް މިއަދު ވެސް އޮތީ އެގޮތަށެވެ.

އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއިން ބައެއް ވެސް ގާނޫނު އަސާސީއާ ޚިލާފްވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ސުޕްރީމް ކޯޓާއި ހައި ކޯޓަށް ގާނޫނު އަސާސީން ދީފައި އޮތް ބާރެކެވެ. އެކަމަކު އިސްތިއުނާފް މުއްދަތާ ގުޅޭގޮތުން މިދެންނެވި ގާނޫނުތަކުގެ މާއްދާތައް ސުޕްރީމް ކޯޓުގެ އިސް ނެގުމުގައި އޭރު ބާތިލްކުރީ އެ ބައިތައް ގާނޫނު އަސާސީއާ ޚިލާފްވާ ކަމަށް ބަޔާންކޮށްފައެއް ނޫނެވެ. އެ ރޫލިން އޮތްގޮތުން އެ ބައިތައް ބާތިލްކުރީ އޭރު ގާނޫނުތަކުގައި އިސްތިއުނާފް މުއްދަތުތައް ހުރީ އަވަސް ކަމާ އެކު އިންސާފަށް ވާސިލްވުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ވާތީ އެވެ.

މިކަން ކުރިން އޮތްގޮތަށް ބަދަލުކުރާނީ ކިހިނެއް؟

ހަތަރު އަހަރު ފަހުން، ޖޭއެސްސީން މިހާރު އެ އޮތީ އިސްތިއުނާފް މުއްދަތަށް ސުޕްރީމް ކޯޓުން ބަދަލު ގެނައީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފަ އެވެ. އަދި އެ މައްސަލަ ވެސް ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން އެ ކޯޓުގެ އެހެން ބައެއް ނިންމުންތަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ހުށަހެޅި ހުށަހެޅުމަކަށް ބިނާކޮށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވެސް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިހާރު އެ ވަނީ ފާސްކޮށްފަ އެވެ.

އިސްތިއުނާފްގެ މުއްދަތު ސުޕްރީމް ކޯޓުން އަމިއްލައަށް ކަނޑައެޅީ ނުވަތަ ކުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ފަނޑިޔާރުންގެ ބެލެނިވެރި މުއައްސަސާ ކަމަށްވާ ޖޭއެސްސީންނާއި ގާނޫނު ހެދުމުގެ ބާރު އޮތް މަޖިލީހުން ނިންމާފައި ވާއިރު، އެއަށް އަމަލު ކުރުމުގައި ނުވަތަ އަދިވެސް އެ "ގޯސް" މަތީގައި މި ތިބީ ކީއްވެތޯ އެއީ އުފައްދަން ޖެހޭ ސުވާލެކެވެ.

ޖޭއެސްސީގެ މެމްބަރުންތަކެއް -- ފޮޓޯ/މިހާރު

ޖޭއެސްސީގެ މެމްބަރުންތަކެއް -- ފޮޓޯ/މިހާރު

އިސްތިއުނާފް މުއްދަތު ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ޖޭއެސްސީން ނިންމިޔަސް، ސުޕްރީމް ކޯޓުގެ އެ ރޫލިން އަށް ޖޭއެސްސީން ބަދަލު ގެނެސް ނުވަތަ ބާތިލްކުރީއެއް ނުވެ އެވެ. ކޯޓެއްގެ ނިންމުމެއް ބަދަލު ކުރުމަކީ ގާނޫނީ ގޮތުން ޖޭއެސްސީއަށް އޮތް ބާރެއް ވެސް ނޫނެވެ. އެހެންވެ، މި ރޫލިންތައް އަދިވެސް ދެމި އޮތުމުން ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ވެސް އިސްތިއުނާފް މުއްދަތު ގުނުމުގައި އަމަލުކުރަން މި ޖެހެނީ އެއާ އެއްގޮތަށެވެ.

އެހެންވީއިރު، ދެން އެކަން އިސްލާހު ކުރަން ޖެހޭނީ ކޮން ބައެއްތޯ މިއީ މިހާރު އޮތް ސުވާލެވެ. ސުޕްރީމް ކޯޓުގެ ރޫލިންގެ ދަށުން މަރުވެފައިވާ ނުވަތަ ނެތި ގޮސްފައިވާ މާއްދާތަކެއް އަނެއްކާވެސް ސުޕްރީމް ކޯޓުގެ އިތުރު ރޫލިންއަކުން ނުވަތަ ނިންމުމަކުން އަނބުރާ ގެނެވޭނެ ހެއްޔެވެ؟. ނުވަތަ މިހާރު އެކަމަށް އޮތް މަގަކީ މަޖިލީހުން ގާނޫނު އަލުން އިސްލާހު ކުރުން ހެއްޔެވެ؟.

މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު އަދި އެ ކޯޓުން ކުރިން އަމަލުކުރި އުސޫލަށް ބަލާ ނަމަ، އިސްތިއުނާފްގެ މުއްދަތު ކުރިން އޮތްގޮތަށް އަނބުރާ ރުޖޫއަ ކުރުމުގެ ފުރުސަތު އެ ކޯޓަށް އެބައޮތެވެ. އޭގެ އެއް މިސާލަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ބައެއް ކަންކަމެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، ފްލޯ ކްރޮސިންއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2017 ގައި ކުރި ހުކުމް އެ ކޯޓުގެ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުން ބާތިލްކުރި އެވެ. އެ ހުކުމް ބާތިލް ކަމަށް އެ އަމުރުގައި ކަނޑައެޅި ބައި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން އޭރު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން ހުކުމް ބާތިލް ކަމަށް އެ އަމުރުގައި އޮތް ބައި ބާތިލްކުރި އެވެ. މާނަ އަކީ ސުޕްރީމް ކޯޓުން ބާތިލްކުރި އެއްޗެއް އެ ކޯޓުން އަނެއްކާ އަނބުރާ ރުޖޫއަކޮށް ދިނީ އެވެ. ނުވަތަ ދިރުން ގެނެސްދިނީ އެވެ.

އޭރު ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި މައިގަނޑު ހުއްޖަތަކީ ސުޕްރީމް ކޯޓުގެ ނިންމުމެއް އެ ކޯޓަށް ބާތިލް ކުރެވޭނެ ގޮތެއް ގާނޫނީ ގޮތުން ނެތް ކަމެވެ. ގާނޫނީ އެ ބަހުސަށް ޖަވާބުދީ، އެ ކޯޓުން އޭރު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖާ ކުރަން އެކަށީގެންވާ ސަބަބަކާ އެކު ހުށަހަޅައިފި ނަމަ، އެ ނިިިންމުމާ މެދު އަލުން ގޮތެއް ނިންމުމުގެ ބާރު ގާނޫނީ ގޮތުން އެ ކޯޓަށް އޮންނާނެ އެވެ. އެހެންވެ، އިސްތިއުނާފްގެ މުއްދަތާ މެދު އަލުން ގޮތެއް ނިންމުމުގެ ބާރު މިހާރު ވެސް ސުޕްރީމް ކޯޓަށް ގާނޫނީ ގޮތުން އެބަ އޮތް ކަމަށް ބުނެވެން އެބައޮތެވެ.

މަޖިލިސް މެދުވެރިކޮށް އެ ގާނޫނުގެ މާއްދާތައް އިސްލާހުކޮށް، އިސްތިއުނާފް މުއްދަތު އަލުން ކަނޑައެޅުމަށް ބެލިޔަސް، އެއީ މިހާރު މަޖިލީހުގައި އޮތް ބޮޑު ސުޕަ މެޖޯރިޓީއާ އެކު ސަރުކާރަށް ދާދި ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެކަމަކު މިހާތަނަށް ވެސް އެފަދަ އިސްލާހެއް ގެންނަން މަޖިލީހަށް ހުށަހެއް ނާޅަ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުން ރޫލިންއަކުން ބާތިލްކޮށްފައި އޮތް މާއްދާތަކެއް ނުވަތަ މުއްދަތުތަކެއް އެ ކޯޓުގެ އެހެން ނިންމުމަކުން އަނބުރާ ގެނެވޭނެ ގޮތެއް ނޯންނާނެ އެވެ. ގާނޫނެއްގެ މާއްދާއެއް ނުވަތަ ބައެއް ބާތިލް ކޮށްފައިވާ ނަމަ، ގާނޫނު އިސްލާހު ކޮށްގެން އެކަމެއް ބަދަލު ކުރުމުގެ ބާރު އޮންނާނީ މަޖިލީހަށް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ބާތިލް ކުރީމަ އެ އެއްޗެއް މަރުވީ. ދުސްތޫރީ މައްސަލަ ހުށަހަޅައިގެން ނުވަތަ ކޯޓުގެ ތެރެއިން ރޫލިން ނެރެގެން އެކަން ކުރަންޏާ އަނެއްކާވެސް ކޯޓުން ގާނޫނު ހަދަން އެ ފުރުސަތު ދެނީ. އެއީ ރަނގަޅު ޕްރެސީޑެންޓަކަށް ނުވާނެ. މަޖިލީހުން އެ ގާނޫނުތައް އިސްލާހު ކުރަން ޖެހޭނީ. މަޖިލީހުން އެ މީހުންގެ ފަންކްޝަން އަދާ ކުރަންވީ." ދުސްތޫރީ ބައެއް މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

އިސްތިއުނާފްގެ މުއްދަތަށް ސުޕްރީމް ކޯޓުން ބަދަލު ގެނައީ ގާނޫނާ ޚިލާފަށް ކަމަށް ޖޭއެސްސީ އާއި މަޖިލީހުން އެއްބަސްވެފައި ވާއިރު، މިހާރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތު ވެސް އެކަން ގަބޫލު ކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވީއިރު، އެކަން އިސްލާހު ނުކުރެވި، އަދިވެސް އެ "ގޯސް މަތީގައި" އަދި އެއަށް އަމަލު ކުރުމުގައި އެންމެން މި ތިބީ ކީއްވެގެންތޯ އެއީ ސުވާލު އުފައްދަން ޖެހޭ ކަމެކެވެ. އެކަމަކު ގޯހެއް ރަނގަޅު ކުރުމަށްޓަކައި ވެސް ގޯސް މަގު އިހްތިޔާރު ކުރުމަކީ ވެސް ގޯހެކެވެ.