17 ނޮވެމްބަރ 2019
އޭއެފްސީން ބަލާ މިންގަނޑުތަކަށް ފައްތައި ރާއްޖޭގެ ހަތް ކްލަބަކަށް އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ކްލަބް ލައިސަންސް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފި އެވެ.
އޭއެފްސީން ބަލާ މިންގަނޑުތަކަށް ފައްތައި ރާއްޖޭގެ ހަތް ކްލަބަކަށް އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ކްލަބް ލައިސަންސް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފި އެވެ.
ކްލަބް ލައިސަންސް ނުލިބުމުން މި އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނެވެ. އެކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބްތައް ނެތް މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެކަމަކު އެ ކޮމިޓީގެ މައްސަލަ ބޮޑުވެ، ފީފާގެ އިންޒާރާ އެކު މަަސައްކަތެއް ކުރިއަށް ނުގޮސް ޖެހުނީ ހުއްޓާލާށެވެ.
އެފްއޭއެމުން މި އަހަރު ކުރީކޮޅުގައި އަލުން ކްލަބް ލައިސަންސްގެ ކަންތައްތައް ރަނގަޅު ކުރުމުގެ ގޮތުން ކުރިން ވެލެންސިއާގެ މެނޭޖަރުކަންކުރި އަބްދުﷲ ޝިބާއު (ޝިބާ) ވަނީ އެފްއޭއެމް ކްލަބް ލައިސިންސިން ޑިޕާޓްމަންޓުގެ އިސް ވެރިއެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. ޝިބާއާ އެކު ވޭތުވެދިޔަ އަށް ވަރަކަށް މަސް ދުވަހު ކްލަބްތަކުން ކުރި ގިނަ މަސައްކަތަކާ އެކު އޭއެފްސީން މި ވަނީ ރާއްޖޭގެ ހަތް ކްލަބަކަށް ލައިސަންސް ދީފަ އެވެ.
ލައިސަންސް ލިބުނު ކްލަބްތަކަކީ މާޒިޔާ، ޓީސީ، ގްރީން ސްޓްރީޓްސް، އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ފޯކައިދޫ އެވެ. ފޯކައިދޫ އަށް ޝަރުތުތަކާ އެކު ލައިސަންސް ދޭން ނިންމީ އިދާރާ ގޮތުން ފުރިހަމަ ނުވެ ހުރި ކަންތައްތަކެއް ފުރިހަމަ ކުރުމަށް ފަހު އެވެ. ނުވަ ކްލަބަކަށް ލައިސަންސް ހޯދަން ރާއްޖޭން ހުށަހެޅިއިރު ނުލިބުނީ ވިކްޓްރީ އާއި ނިލަންދޫ ސްޕޯޓްސް ކްލަބް އަށެވެ.
އެފްއޭއެމް ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ނިލަންދޫގެ އަށް ލައިސަންސް ނުލިބުނީ މި ފަހަރު އެ ޓީމުން އަލަށް ކްލަބެއް ރަޖިސްޓްރީކޮށްގެން ފަށާފައިވާއިރު ކްލަބްގެ ނަމުގައި ފުޓްބޯޅަ ކުޅުނު އަހަރު މަދުވުމުން ކަމަށެވެ. އެއީ އެޑްމިނިސްޓްރޭޓިވް މައްސަލައެއް ނޫން ކަމަށާއި ނިލަންދޫ އަކީ އެންމެ އުނދަގޫކޮށް އޮވެ ހުރިހާ ކަމެއް ފުރިހަމަ ކުރި ކްލަބްކަން ވެސް ފާހަގަކުރާ ކަމަށެވެ. އެކަމަކު ވިކްޓްރީ އަށް ލައިސަންސް ނުލިބުނީ އެޑްމިނިސްޓްރޭޓިވް ކަންތައްތަކާއި އެ ނޫން ވެސް ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް ވިދާޅުވި އެވެ.
އޭއެފްސީ ކްލަބް ލައިސަންސް ކަންތައްތައް ފަސޭހަ ކުރުމުގެ ގޮތުން މި އަހަރު މާޗް މަހު އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމީ މި އަހަރު ރާއްޖޭގެ ޕްރިމިއާ ލީގުގައި ކުޅޭ ކްލަބްތަކަށް ދޭ ލޯކަލް ލައިސަންސްގައި ވެސް އޭއެފްސީ ކްލަބް ލައިސަންސްއާ އެއް ފެންވަރަށް ގެންދިއުމެވެ. އެ މަސައްކަތުގަައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގަސްދުގައި ކްލަބްތަކުގެ ކުޅުންތެރިންގެ މެޑިކަލް ހެދުމަށާއި އޮޑިޓް ކުރުމުގެ ކަންތައްތަކަށް އެފްއޭއެމުން މާލީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ.
ޖަވާ ވިދާޅުވީ ލޯކަލް ލައިސަންސް ދޫކުރުމުގައި ލުއި ގޮތްތަކެއް މި އަހަރު ކްލަބްތަކަށް ދިނީ ފުޓްބޯޅައި މަސްލަހަތު ހިފެހެއްޓުމަށާއި ކްލަބްތަކަށް ވެސް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާޒް (ކ) އާއި ޝިބާ ވާހަކަދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި އަހަރު އަޅުގަނޑުމެން ވަރަށް ސްޓްރިކްޓް (ހަރުކަށި) ކޮށްލާފައި ވެސް ދުލެއް ދިނީ އެ ދުވަހު ވިކްޓްރީ އަށް ފުރުސަތު ނުދިންނަމަ އަޅުގަނޑުމެންނަށް އަންނާނީ އެހެން އިޝޫސްތަކެއް. ރާއްޖޭގެ ބޮޑު ކްލަބަކަށް ފުރުސަތު ނުލިބުމާއި ނިއު ރޭޑިއަންޓަށް ފަހު ވިކްޓްރީ އަށް ލީގުގައި ނުކުޅެވުނީމާ އޭގެ ބެކްލެޝް އަންނާނީ އަޅުގަނޑުމެންނަށް. އެހެންވެ ވިކްޓްރީ އަށް ލީނިއަންސީއެއް (ލުޔެއް) ދިނީ،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމުން މި އަހަރު ނިންމާފައިވާ ގޮތުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭން ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އާއި ރަނަރަޕް މާޒިޔާ އެވެ. އެ ދެ ޓީމަށް އެފްއޭއެމުން ވަނީ މި އަހަރު ރާއްޖޭން ބޭރުން ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމުގެ ފުރުސަތު ދީފަ އެވެ.
އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ލައިސަންސް ހޯދަން މި ސަރަހައްދުގެ އެހެން ގައުމުތަކުން ކުރި މަސައްކަތާ ބަލާއިރު ރާއްޖޭން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެ ގޮތުން ރާއްޖޭން ނުވަ ކްލަބުން ހުށަހަޅައިގެން ހަތް ކްލަބަށް ލައިސަންސް ލިބުނުއިރު، އިންޑިއާ އިން 19 ކްލަބަކުން ހުށަހަޅައިގެން ލިބުނީ ހަ ކްލަބަކަށެވެ. ބަންގްލަދޭޝްގެ ހަ ކްލަބަކުން ހުށަހަޅައިގެން ތިން ކްލަބަކަށް ލައިސަންސް ލިބުނުއިރު، ބޫޓާނުން 10 ކްލަބަކުން ހުށަހަޅައިގެން ލިބުނީ ފަސް ކްލަބަކަށެވެ. ނޭޕާލުގެ ކްލަބަކަށް އަދި ލައިސަންސް ނުލިބެ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާޒްގެ އިތުރުން ޝިބާ ވެސް ވަނީ މި ކުރެވުނު މަސައްކަތުގެ ހުރިހާ ކްރެޑިޓެއް ކްލަބްތަކަށް ހައްގުވާކަން ފާހަގަކޮށްފަ އެވެ.
މި އަހަރު ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި ކަމަށާއި އެ ކަންތައްތައް ދިމާވީ އެންމެ ރަނގަޅު މައުލޫމާތު އެކި ފަރާތްތަކަށް ނުލިބި ހުރުމުން ކަމަށް އެފްއޭއެމުން ވަނީ ފާހަގަކޮށްފަ އެވެ. ޖަވާ ވިދާޅުވީ އަމާޒުވި ފާޑުކިޔުންތަކާ ހުރިހާ ކަމަކަށް ޖަވާބުދިނީ ކްލަބްތަކުގެ ބުރަ މަސައްކަތުން ކަމަށާއި އެ މަސައްކަތުގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ފުޓްބޯޅައާ ތަންކޮޅެއް ދުރު މީހުން ކްލަބްތަކަށް ނިސްބަތްކޮށް ގްރޫޕްތަކޭ ކިޔޭ. ނޫނީ ވަރަށް ހަޑިކޮށް ގޭންގްތަކޭ. އަޅުގަނޑު ގަބޫލެއް ނުކުރަން އެކަން. އެއީ މި ވަރުގެ މަސައްކަތެއް ނުކުރެވޭނެ. މި އަށް ޕެޝަން ނެތް ލޯބި ނެތް ބަޔަކަށް. މިއީ ފައިސާގެ ގޮތުން ބެލިޔަސް އިދާރީ ގޮތުން ބެލިޔަސް ވަރަށް ގިނަ މަސައްކަތް. މީގެ ކްރައިޓީރިއާތައް ވެސް ވަރަށް ގިނަ. އޯޑިޓޭ ބުންޏަސް ރަނގަޅު އޯޑިޓް. އޭއެފްސީން ބަލައި ބަދަލު ގެންނަން ވެސް ބުނެފައި އެބަހުރި،" ޖަވާޒް ވިދާޅުވި އެވެެ.
އޭއެފްސީން ބުނާ ކަންތައްތައް ފުރިހަމަކުރަން ކްލަބްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރިކަން ފާހަގަކުރަމުން ޝިބާ ބުނީ ލައިސަންސް ކްލަބެއްގެ ގޮތުގައި ދެމި އޮންނަން އަންނަ އަހަރު ފުރިހަމަ ކުރަން ޖެހޭ އިތުރު ކްރައިޓީރިއާތައް ހުންނާނެ ކަމަށެވެ. އެ ގޮތުން ކްލަބްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮލިޓީ އިތުރުކުރުމާއި ޕްރިމިއާ ލީގުގެ ކޮންމެ ކްލަބެއްގައި 18 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ޓީމެއް އޮތުން ލާޒިމު ކަމަށް އޭނާ ބުންޏެވެ.
ޖަވާ ވިދާޅުވީ އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން ކުރެވޭ މަސައްކަތުގައި ގިނަ ޔޫތު މުބާރާތްތަކެއް ބާއްވަމުން އަންނާތީ އަންނަ އަހަރަށް ފުރިހަމަކުރަން ހުރި ކްރައިޓީރިއާތަކުގައި ވެސް އުނދަގޫ މަސައްކަތްތަކެއް ނެތް ކަމަށެވެ.
ކްލަބް ލައިސަންސަށް ހޭލުންތެރި ކުރުމުގެ ގޮތުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށް ވެސް ކަންތައްތައް ފުރިހަމަކުރަން ލާޒިމުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެފްއޭއެމްގެ ވިސްނުމަކީ ކޮންމެ ކްލަބެއް ވެސް ފުރަތަމަ ޑިވިޝަނާ ހަމައަށް އަންނައިރު އޭއެފްސީގެ ލައިސަންސް ލިބޭ ފެންވަރުގެ ކްލަބަކަށް ހެދުމެވެ.
އެފްއޭއެމްއާ ދެކޮޅަށް އޭއެފްސީން ފިޔަވަޅު އަޅަނީ
ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕް ފަސްނުކުރަން ނިންމައިފި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ރާއްޖެއަށް އެހީވާނެކަމުގެ ޔަގީންކަން އިންފަންޓީނޯ ދީފި
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟