Roadha Mihaaru
އެމްބާޕޭ އަށް ނުފޫޒުފޯރުވާ ކަމުގެ ތުހުމަތު ޒިދާނަށް

އެމްބާޕޭ އަށް ނުފޫޒުފޯރުވާ ކަމުގެ ތުހުމަތު ޒިދާނަށް

08 ނޮވެމްބަރ 2019

ޕެރިސް (ނޮވެމްބަރު 8) - ޕީއެސްޖީގެ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ނުފޫޒު ފޯރުވާ ކަމަށް ބުނެ އޭނާ އަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ނޮވެމްބަރު 8) - ޕީއެސްޖީގެ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ނުފޫޒު ފޯރުވާ ކަމަށް ބުނެ އޭނާ އަށް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެމްބާޕޭ ދެން ފެންނާނީ ރެއާލް މެޑްރިޑުން ކަމަށް އޭނާގެ ކުރީގެ ކްލަބް މޮނާކޯގެ ރައީސް ވަޑިމް ވަސީލިއެވް ވިދާޅުވެފައިވަނިކޮށް ދާދި ފަހުން ޒިދާން ވެސް ވަނީ އެ ކަހަލަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ޒިދާން ބުނީ ކޮންމެ ޓީމަކުން ވެސް އެމްބާޕޭ ފަދަ ހުނަރުވެރި ކުޅުންތެރިއަކަށް ޝައުގުވެރިވާނެ ކަމަށާއި އަދި ފުޓްބޯޅަ ކުޅޭ ގިނަ ކުޅުންތެރިން ގޮތަށް އެމްބާޕޭ ވެސް ރެއާލް ކަހަަލަ ޓީމަކަށް ކުޅެން ބޭނުންވާނެ ކަމަށެވެ.

ޒިދާންގެ މި ވާހަކަތަކާ ގުޅިގެން ފްރާންސްގެ މީޑިއާ އިން ލިއޮނާޑޯއާ ސުވާލުކުރުމުން އޭނާ ބުނީ މިއީ ރެއާލުން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މިހާރު މިކަން ކުރަނީ ޒިދާން މެދުވެރިއަކަށް ހަދައިގެން ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ މިއީ ވަރަށް ކަންބޮޑުވާ ކަމެއް. މިއީ މި ފަދަ ގޮތަކަށް އެމީހުން އަމަލުކުރި ފުރަތަމަ ފަހަރެއް ވެސް ނޫން. އަހަރެން ނަޒަރުގައި މިއެއް ނޫން އެ ވާހަކަ ދައްކަން ޖެހޭ ގޮތަކީ. އެމްބާޕޭއާ އަހަރެމެންނާ (ޕީއެސްޖީ)އާ ހަދާފައިވާ އެއްބަސްވުމުގައި ދެ އަހަރާއި ބައި އެބައޮތް. އެހެން އެކަން އޮއްވައި އޭނަ (ޒިދާން) އެގޮތަށް ވާހަކަ ދެއްކުން ރަނގަޅެއް ނޫން. އެމްބާޕޭގެ ހުވަފެނުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ،" ލިއޮނާޑޯ ބުންޏެވެ.

މޮނާކޯ އިން މީދެ ތިން ސީޒަން ކުރިން ވިދާލި އެމްބާޕޭ، ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން އެ އެއްބަސްވުން ދާއިމީކުރަން ޕީއެސްޖީން ވަނީ 180 މިލިއަން ޔޫރޯ ދައްކައިފަ އެވެ. އުމުރުން 20 އަހަރުގެ އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރަން މިހާތަނަށް ޕީއެސްޖީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

"އެމްބާޕޭ އަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނަ އަށް ނުފޫޒުނުފޯރުވުން އެދެން. އަހަރެމެން މި އަންނަނީ އޭނާ އަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން،" ލިއޮނާޑޯ ބުންޏެވެ.

ފުޓްބޯޅައިގެ މަޝްހޫރު ގިނަ ކޯޗުންގެ ނަޒަރުގައި އެމްބާޕޭ ފުޓްބޯޅަ ކެރިއަރުގައި ހާސިލްކުރަން ބޭނުންވާ ބޮޑެތި ކާމިޔާބީތައް ދިގު މުއްދަތަކަށް ތަކުރާރުކޮށް ހޯދަން ބޭނުންނަމަ އޭނާ ޕީއެސްޖީ ދޫކޮށްލަން ޖެހެ އެވެ. އެގޮތަށް ވާހަކަ ދެއްކި ކޯޗުންގެ ތެރޭގައި ހޯސޭ މޮރީނިއޯ އާއި އާސެން ވެންގާގެ އިތުރުން ކާލޯ އަންޗެލޮޓީ ހިމެނެ އެވެ.