ޕެރިސް (ޖުލައި 22) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އެގައުމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ، މި ޓްރާންސްފާ ބާޒާރުގައި ވިއްކާލަން އެ ކްލަބުން ނިންމައިފި އެވެ.
22 ޖުލައި 2023
ޕެރިސް (ޖުލައި 22) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ އެގައުމުގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ، މި ޓްރާންސްފާ ބާޒާރުގައި ވިއްކާލަން އެ ކްލަބުން ނިންމައިފި އެވެ.
އެމްބާޕޭ، 24، ވިއްކާލަން ނިންމައި، ޕީއެސްޖީ އިން ވަނީ، އާ ކޯޗު ލުއިސް އެންރީކޭ އާއެކު އެ ކްލަބުން ޖަޕާނުގައި ކުރިއަށް ގެންދާ ޕްރީ ސީޒަން ޓުއާ އިން ވެސް އެމްބާޕޭ ބާކީ ކޮށްފަ އެވެ.
ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް އާ ނުކުރާނެކަން އެމްބާޕޭ ވަނީ މިދިޔަ މަހު އެ ކްލަބަށް އަންގައިފަ އެވެ. އެއްބަސްވުން އާ ނުކުރާ ނަމަ އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާގައި އޭނާ އަށް އެހެން ކްލަބަކަށް ބަދަލު ވުމުގެ ފުރުސަތު ލިބޭނެ އެވެ. މިއާ އެކު އެ ކްލަބްގެ ރައީސް ނާސިރު އަލް ހެލައިފީ ވަނީ އޭނާ ކޮންޓްރެކްޓް އާ ނުކުރާ ނަމަ މި ޓްރާންސްފާ ބާޒާރުގެ ނިމުމުގެ ކުރިން އޭނާ ވިއްކާލާނެ ކަން ހާމަ ކޮށްފަ އެވެ.
ޕީއެސްޖީ އިން އެމްބާޕޭ ގަތީ 2018 ވަނަ އަހަރު ވާދަވެރި މޮނާކޯ އަށް، ޓީނޭޖް ކުޅުންތެރިއަކަށް ރެކޯޑް 180 މިލިއަން ޔޫރޯގެ ފީއެއް ދައްކައިފަ އެވެ. ޕީއެސްޖީ އިން ވަނީ އަންނަ ސީޒަނުގެ ނިޔަލަށް އެމްބާޕޭ އެ ކްލަބުގައި ބަހައްޓަން، ހަފްތާއަކު 800،000 ޕައުންޑްގެ މުސާރައަކަށް މިދިޔަ އަހަރުގެ މެއި މަހު ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެ ކުރިން އެމްބާޕޭ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އެ ކްލަބާ އެކު މަޝްވަރާތައް ވެސް ކޮށްފަ އެވެ.
އެމްބާޕޭ އިތުރަށް ކޮންތްރެކްތް އާ ކުރަން ބޭނުން ނުވާކަން ހާމަ ކުރުމުން ޕީއެސްޖީން ދެކޭގޮތުގައި އޭނާ ވަނީ ކްލަބަށް ހިޔާނާތްތެރު ވެފަ އެވެ. އަދި ހިލޭ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލުވާން އޭނާ ނިންމާފައި ވާކަމަށް ވެސް ޕީއެސްޖީ އިން ދެކެ އެވެ. ނަމަވެސް ހިލޭ އޭނާ ދޫ ނުކޮށްލައި، މި ޓްރާންސްފާ ބާޒާރުގައި އޭނާ ވިއްކާލަން ޕީއެސްޖީ އިން މިވަނީ ނިންމައިފަ އެވެ.
އެމްބާޕޭ ވިއްކާލަން ނިންމިއަސް، އެޓީމުން ކުޅުނު ފުރަތަމަ ޕްރީސީޒަން މެޗުގައި އިއްޔެ 2-0 އިން ލެ ހާވްރޭ ބަލިކުރި އިރު، އޭނާ ވަނީ ގޯލެއް ޖަހައިފަ އެވެ.
ސްޕެއިންގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި ރެއާލް މެޑްރީޑާ ވާދައަށް އިންގްލެންޑުގެ ލިވަޕޫލުން ވަނީ އެމްބާޕޭ ހޯދަން 200 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފަ އެވެ. އަދި މި އަގުން ނުވެއްޖެ ނަމަ 300 މިލިއަން ޔޫރޯ ވެސް ހަރަދު ކުރަން ލިވަޕޫލުން ތައްޔާރަށް ތިބި ކަމަށް ވެސް ސްޕެއިންގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ.
މި ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ އިން ވަނީ މިހާތަނަށް އިންޓަ މިލާނަށް ކުޅުނު ޑިފެންޑަރު މިލާން ސްކްރިނިއާ އާއި ރެއާލް މެޑްރިޑަށް ކުޅުނު މިޑްފީލްޑަރު މާކޯ އަސެންސިއޯ ހިލޭ ޓްރާންސްފާގައި ގެނެސްފަ އެވެ. މީގެ އިތުރުން ސްޕޯޓިން އަށް ކުޅުނު އުރުގުއޭ މިޑްފީލްޑަރު މެނުއެލް އުގާޓޭ އަށް 60 މިލިއަން ޔޫރޯ ހޭދަ ކޮށްފައި ވާއިރު މަޔޯކާ އަށް ކުޅުނު ދެކުނު ކޮރެއާގެ މިޑްފީލްޑަރު ކަންގް އިން ލީ އަށް ވަނީ 22 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ. ހަމަ އެއާ އެކު ފްރާޏްސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ގެންނަން ބެޔާން މިއުނިކަށް 40 މިލިއަން ޔޫރޯ ހޭދަ ކުރިއިރު ބެންފީކާ އަށް ކުޅުނު ޒުވާން މިޑްފީލްޑަރު ޗާ އެންޑޫ ވެސް ވަނީ ގެނެސްފަ އެވެ.
ޕީއެސްޖީއާ ދެކޮޅަށް އެމްބާޕޭ ޝަކުވާ ފުންޏެއް
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
ރެއާލަށް ބަދަލުވާން އެމްބާޕޭ ނިންމައިފި: މީޑިއާ
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރީ ފައިސާ އާ ހެދިއެއް ނޫން
"ޔޫއެފާ އިން ކަންކުރަންވީ ގޮތް ކިޔައިދޭކަށް ނުޖެހޭ"
މިއީ ޕީއެސްޖީން ހިންގާ ޖަރީމާ އެއް: ލަލީގާ
ކޮންޓްރެކްޓް އާ ކުރުމަށްފަހު ހެޓްރިކާއެކު ރަން ބޫޓް
ރެއާލްއަށް ނޫނެކޭ ބުނެ އެމްބާޕޭ ޕީއެސްޖީގައި މަޑުކޮށްފި
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން މެކްރޮން ބޭނުންވޭ