Roadha Mihaaru
ކޮންޓްރެކްޓް އާ ކުރުމަށްފަހު ހެޓްރިކާއެކު ރަން ބޫޓް

ކޮންޓްރެކްޓް އާ ކުރުމަށްފަހު ހެޓްރިކާއެކު އެމްބާޕޭ ރަން ބޫޓް ހޯދައިފި

22 މެއި 2022

ޕެރިސް (މެއި 22) - މި ސީޒަނުގައި ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު ފަހު މެޗުގައި މެޓްޒްއާ ދެކޮޅަށް އެމްބާޕޭ ހެޓްރިކް ހަދައި، ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދައިފި އެވެ. ،

ޕެރިސް (މެއި 22) - މި ސީޒަނުގައި ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު ފަހު މެޗުގައި މެޓްޒްއާ ދެކޮޅަށް އެމްބާޕޭ ހެޓްރިކް ހަދައި، ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދައިފި އެވެ. ،

އަދި އެމެޗު ފެށުމުގެ ކުރިން ޕީއެސްޖީއާއެކު އެމްބާޕޭ 2017 ގައި ހެދި އެއްބަސްވުން ހަމަވާން، ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހު އެވެ. ހިލޭ ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލުވާން އޭނާ އެކްލަބާއެކު މަޝްވަރާތައް ވެސް ކުރި އެވެ. އެކަމަކު މިމަހު ޕީއެސްޖީން ވަނީ އެމްބާޕޭ އަށް އެކްލަބުން ހުށަހެޅި ޕެކޭޖް ބޮޑު ކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި މެޓްޒްއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 5-0 އިންނެވެ. މި މެޗުގެ ކުރިން ލަނޑު ލިސްޓުގެ ކުރީގައި އެމްބާޕޭ އޮތީ، ދެވަނައިގައި އޮތް މޮނާކޯގެ ފޯވާޑް ވިސާމް ބިން ޔެޑާ އަށް ވުރެ އެއް ގޯލު ކުރީގަ އެވެ.

ބެން ޔެޑާ ވަނީ ރޭ މޮނާކޯއިން ރަށުން ބޭރުގައި ލެންސްއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ލަނޑު ޖަހައި 25 ލަނޑު ހަމަކޮށް ލިސްޓުގެ ކުރީގައި އޮތް އެމްބާޕޭއާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ރޭގެ މެޗުގެ ކުރިން ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާކުރި އެމްބާޕޭ ވަނީ މެޓްޒް ކޮޅަށް ހެޓްރިކް ހަދައި 28 ގޯލާ އެކު ސީޒަން ނިންމާލައިފަ އެވެ.

އެމްބާޕޭގެ އިތުރުން ދެން މެޗުގައި ލަނޑު ޖެހީ ނޭމާ އާއި އެންހެލް ޑި މާރިއާ އެވެ. މިއީ ޑި މާރިއާ ޕީއެސްޖީ ޖޯޒީގައި ކުޅުނު ފަހު މެޗެވެ. މުޅިއަކު ހަތް ސީޒަނުގައި ޕީއެސްޖީއާ އެކު ޑި މާރިއާ ވަނީ ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާ ގައުމީ ޓީމުން ވެސް ރިޓަޔާ ވާން ނިންމާފައިވާ ޑި މާރިއާ އަންނަ ސީޒަނުގައި ފެނުން އެންމެ ގާތީ އިޓަލީގެ ޔުވެންޓަސް އިންނެވެ.

އެމްބާޕޭ ރޭގެ މެޗުގައި ލަނޑެއް ޖެހުމަަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ ރޭގެ މެޗުގައި ލަނޑެއް ޖެހުމަަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މީގެ ކުރީ ތިން ސީޒަނުގައި ވެސް ލީގު ޓޮޕް ސްކޯރާ މަގާމު ހޯދީ އެމްބާޕޭ އެވެ. މިދިޔަ ސީޒަނުގައި 27 ލަނޑު ޖެހިއިރު، އޭގެ ކުރީ ސީޒަނުގައި އޭނާ ޓޮޕް ސްކޯރާ ހޯދީ ބެން ޔެޑާއާ ދެ ކުޅުންތެރިން ވެސް 18 ގޯލު ޖަހައިގެންނެވެ. އޭގެ ކުރީ ސީޒަނުގައި އެމްބާޕޭ ވަނީ 33 ލަނޑު ޖަހައިފަ އެވެ. އެއީ އޭނާ ދާއިމީކޮށް ޕީއެސްޖީ އަށް ކުޅެންފެށި ފުރަތަމަ ސީޒަނެވެ.

ލީގުގައި އެންމެ ގިނަ އެސިސްޓް ވެސް ކޮށްފައި ވަނީ އެމްބާޕޭ އެވެ. އޭނާ ވަނީ ޖުމްލަ 17 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އެސިސްޓް ލިސްޓުގެ ދެވަނައިގައި އޮތީ 14 އެސިސްޓް ކުރި ޕީއެސްޖީގެ ލިއޮނެލް މެސީ އެވެ.

ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ޕީއެސްޖީން ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފައި ވާއިރު، ޕީއެސްޖީ އަތުން ބަލިވެ، 19 ވަނައާ އެކު މެޓްޒް ވަނީ ރެލިގޭޓް ވެފަ އެވެ. ލީގު ފުލަށް ދިޔައީ ބޯޑޯ އެވެ. އަދި 18 ވަނައިގައި ނިންމި ސެއިންޓް އެޓިއަނީ އަށް ރެލިގޭޝަނުން ސަލާމަތްވާނީ މިމަހު ފަހުކޮޅު ދެވަނަ ޑިވިޝަނުގެ ތިންވަނައިގައި ނިންމި އޮކްސެރޭއާ ދެކޮޅަށް ކުޅޭ ދެ ލެގުގެ ޕްލޭއޮފް ކާމިޔާބު ކޮށްގެންނެވެ.

ސެއިންޓް އެޓިއަނީ އާއި ޕީއެސްޖީ އަޖީ އެންމެ ގިނަފަހަރު ފްރާންސް ލީގު ކާމިޔާބުކުރި ދެ ޓީމެވެ. ދެ ޓީމު ވެސް ވަނީ 10 ފަހަރު ލީގު ނަގައިފަ އެވެ.