Roadha Mihaaru
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން މެކްރޮން ބޭނުންވޭ

އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ފްރާންސްގެ ރައީސް އެދިވަޑައިގެންފި

20 ފެބުރުއަރީ 2022

ޕެރިސް (ފެބްރުއަރީ 20) - ކިލިޔަން އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެދިވަޑައިގެންފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (ފެބްރުއަރީ 20) - ކިލިޔަން އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރުމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެދިވަޑައިގެންފި އެވެ.

އެމްބާޕޭ، 23، ޕީއެސްޖީއާ އެކު ހަދައިފައިވާ ކޮންޓްރެކްޓް ޖޫން 30 ގައި ހަމަވާނެ އެވެ. އޭގެ ފަހުން ހިލޭ ޓްރާންސްފާގައި އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ވާހަކައިގެ އަޑު ވަނީ ގަދަވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިދިޔަ ހަފުތާ ރެއާލްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުގައި އެމްބާޕޭ ލަނޑު ޖަހައި ޕީއެސްޖީ މޮޅުކޮށްދިނެވެ. އޭގެ ފަހުން އެމްބާޕޭ އެ ކްލަބްގައި މަޑުކުރުމަށް ފްރާންސްގެ އެކި ލެވަލްގެ ސީޔާސީ ފަރާތްތަކުން ވަނީ އެދިފަ އެވެ.

ފުޓްބޯޅަ އަށް ލޯބިކުރާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މެކްރޮން، އެމްބާޕޭއާ މުއާމަލާތްކޮށް އެކަމަށް އެދިފައިވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ވެސް އެމްބާޕޭގެ ގާތުން އެގޮތަށް އެދިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޕީއެސްޖީން މީގެ ކުރިން ވަނީ އެމްބާޕޭ އަށް ބޮޑު މުސާރައެއް ހުށަހަޅައި ކޮންޓްރެކްޓް އާ ކުރުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ހުށަހެޅުމަކަށް އޭނާ އެއްބަސްވެފައެއް ނުވެ އެވެ. ޕީއެސްޖީން ހުށަހަޅަނީ ލިއޮނެލް މެސީ އާއި ނޭމާ ޖޫނިއާ އަށް ދޭވަރުގެ މުސާރައެއް އެމްބާޕޭ އަށް ވެސް ދިނުމަށެވެ.

ޗެމްޕިއަންސް ލީގުގެ މެޗަށް ފަހު އެމްބާޕޭ ބުނެފައި ވަނީ އޭނާގެ ކުރިމަގާ ބެހޭގޮތުން އެއް ވެސް ނިންމުމެއް އަދި އޭނާ ނުނިންމާ ކަމަށެވެ.