Roadha Mihaaru
ރާއްޖޭ އިސްތިހާރުކުރަން ބޭނުމީ މެންޗެސްޓާ ޔުނައިޓެޑްގައި

ރާއްޖެ އިސްތިހާރު ކުރަން އެންމެ ބޭނުމީ މެންޗެސްޓާ ޔުނައިޓަޑްގައި: އަލީ ވަހީދު

06 ނޮވެމްބަރ 2019

ރާއްޖޭގެ އިސްތިހާރު ޖަހަން އެންމެ ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑްގައި ކަމަށާއި އެހެން ނަމަވެސް އެފަދަ ބޮޑު ކްލަބެއްގައި ރާއްޖޭގެ އިސްތިހާރު އިޝްތިހާރުކޮށްފި ނަމަ ބަޖެޓު އެއްކޮށް ހުސްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އިސްތިހާރު ޖަހަން އެންމެ ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑްގައި ކަމަށާއި އެހެން ނަމަވެސް އެފަދަ ބޮޑު ކްލަބެއްގައި ރާއްޖޭގެ އިސްތިހާރު އިޝްތިހާރުކޮށްފި ނަމަ ބަޖެޓު އެއްކޮށް ހުސްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި ހުންނަވައި އަލީ ވަހީދު ވިދާޅުވީ، ރާއްޖެ އިޝްތިހާރު ޖަހަން އެންމެ ބޭނުންވަނީ އެމަނިކުފާނު ވެސް ސަޕޯޓް ކުރައްވާ ކްލަބް މެންޗެސްޓާ ޔުނައިޓަޑްގައި ނަމަވެސް އެކަން ކޮށްފި ނަމަވެސް އެވާނީ ވަރަށް ބޮޑު ހަރަދަކަށް ކަމަށެވެ. ކްލަބްތަކުގައި އިޝްތިހާރު ޖެހުމުގެ ބޭނުމަކީ، އެ ކްލަބެއް ލައްވާ ޗެމްޕިއަންކަން ހޯދުން ނޫން ކަމަށާއި ބައި ބިލިއަން މީހުން ބަލާ، ލީގުތަކަށް ފޯކަސްކޮށް ރާއްޖެ އިތުރަށް އިސްތިހާރު ކުރުމަށް ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ވެސް ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށާއި އެ ދެ ލީގުގައި ރާއްޖެ އިސްތިހާރު ކުރުމުގައި ވެސް ބަލާނީ އެންމެ މޮޅު ކްލަބަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގައި އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނާ މަޝްވަރާކޮށް، ރަނގަޅު އަގެއްގައި އިސްތިހާރު ކުރެވޭނެ ކްލަބުތައް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެއް ކްލަބަކަށް ފަސް ވަރަކަށް މިލިއަން ޑޮލަރުދީގެން އިޝްތިހާރު ކުރުމުގެ ބަދަލުގައި ބޭނުންވަނީ ގިނަ ލީގުތަކެއްގައި ރާއްޖެ އިސްތިހާރު ކުރުމަށެވެ. އޭރުން ރާއްޖެ އަށް ލިބޭ އެކްސްޕޯޝާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ސްޕެނިޝް ލީގްގެ ކްލަބެއް ކަމަށްވާ ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖެ އިސްތިހާރު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެގޮތުން ތިން އަހަރަށް ހެދި މި އެގްރީމަންޓްގެ ދަށުން ކޮންމެ އަހަރު އެ ކްލަބަށް ނުވަ ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ. ރާއްޖޭގެ ނަން ހިމެނޭ ޖާޒީއާ އެކު އަންނަ ހޮނިހިރު ދުވަހު ބާސެލޯނާއާ ދެކޮޅަށް ސެލްޓަ ވީގޯ ނުކުންނާނެ އެވެ.

އަލީ ވަހީދު ވިދާޅުވީ، އެ ކްލަބުގައި ރާއްޖެ އިސްތިހާރު ކުރުމުން ހަމައެކަނި ރާއްޖެ އިސްތިހާރު ވަނީ ސްޕެއިންގައި ނޫން ކަމަށާއި އެހެން ނަމަވެސް މުޅި ދުނިޔެ އަށް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ތިން އަހަރު ފަހުން މި އަގެއް ވެސް ނުލިބޭނެ ކަން. ނުވަ ލައްކަ ޑޮލަރަކީ ބައެއް ރިސޯޓުތަކުގެ އިން ބިލްޓް މާކެޓިން ބަޖެޓަށް ވުރެ ކުޑަ އަދަދެއް،" އޭނާ ވިދާޅުވި އެވެ.

ސެލްޓަ ވީގޯގައި ރާއްޖެ އިޝްތިހާރު ކުރުމަށް އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، މިކަމުން ރާއްޖެ އަށް އެކްސްޕޯޝާ ލިބުމުގެ އިތުރަށް ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ވެސް މަގުފަހިވާނެ ކަމަށެވެ. އެގޮތުން އެކްލަބްގެ ފެސިލިޓީސްތަކުގައި ދިވެހިންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

އަލީ ވަހީދު ވިދާޅުވީ، 38 މެޗު ކުޅޭ ލީގެއްގައި 11 މެޗަކުން ކްލަބެއްގެ ރެލިގޭޝަނެއް ނުނިންމާނެ ކަމަށާއި ރެލިގޭޓް ވެއްޖެ ނަމަ، ޔޫތު މިނިސްޓްރީން ނުވަތަ އެފްއޭއެމް އިން އައިސް އެ ކޮންޓްރެކްޓް ނެގުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސެލްޓަވީގޯގައި ރާއްޖޭގެ އިސްތިހާރު ޖެހުމަށް ނިންމީ ރިސާޗު ވެސް ކުރުމަށް ފަހުގައި ކަމަށާއި އެ ކްލަބަކީ ކުޅުންތެރިން އުފެއްދުމުގައި ދުނިޔޭގައި ވެސް އެންމެ ވަރުގަދަ އެއް ފެސިލިޓީ ހުރިތަން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.