Roadha Mihaaru
ފިފްޕްރޯ ޓީމުގައި ސްޕެނިޝް ލީގުގެ ނުފޫޒް

ފިފްޕްރޯ ޓީމުގައި ސްޕެނިޝް ލީގުގެ ނުފޫޒް

24 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޯބަރު 24) - ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވި ފިފްޕްރޯ ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމު ސްޕެނިޝް ލީގުން މި ފަހަރު ވެސް ޑޮމިނޭޓްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޮކްޓޯބަރު 24) - ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވި ފިފްޕްރޯ ދުނިޔޭގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމު ސްޕެނިޝް ލީގުން މި ފަހަރު ވެސް ޑޮމިނޭޓްކޮށްފި އެވެ.

މި ފަހަރުގެ ޓީމުގައި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑައި ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި ކުޅުނު އަށް ކުޅުންތެރިން ހިމެނުނުއިރު ދެން ހިމެނެނީ އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ކުޅުނު ތިން ކުޅުންތެރިންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި ދެން ހިމެނޭ އިނގިރޭސި ޕްރިމިއާ ލީގާއި ޖަރުމަން ލީގު އަދި ފްރާންސް ލީގުގެ ކުޅުންތެރިއަކަށް ފުރުސަތެއް ނެތެވެ.

މި ޓީމުގެ ފޯވާޑުންނަކީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި މިދިޔަ އަހަރު އެ ޓީމަށް ކުޅުމަށް ފަހު މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވެފައިވާ ނޭމާ އެވެ.

ތިން މިޑްފީލްޑަރުންގެ ގޮތުގައި ތިބީ ބާސެލޯނާގެ އަންދްރޭ އިނިއެސްޓާ އާއި ރެއާލް މެޑްރިޑުގެ ޓޯނީ ކްރޫޒާއި ލޫކާ މޮޑްރިޗެވެ. ޑިފެންޑަރުންނަކީ ރެއާލް މެޑްރިޑުގެ މާސެލޯ އާއި ސާޖިއޯ ރާމޯސް އާއި ޔުވެންޓަސް އަށް މިދިޔަ ސީޒަނުގައި ކުޅުމަށް ފަހު މިހާރު ޕީއެސްޖީ އަށް ބަދަލުވެފައިވާ ޑެނިއަލް އަލްވެސް އާއި މި ސީޒަނުގައި އޭސީ މިލާނަށް ބަދަލުވެފައިވާ ލިއޮނާޑޯ ބޮނޫޗީ އެވެ. ގޯލްކީޕަރަކީ ޔުވެންޓަސްގެ ޖިއަންލުއިޖީ ބުފޮން އެވެ.

މި ޓީމުގައި ރެއާލް މެޑްރިޑުގެ ފަސް ކުޅުންތެރިން ހިމެނޭއިރު ދެން ހިމެނެނީ ޔުވެންޓަސްގެ ތިން ކުޅުންތެރިންނާއި ބާސެލޯނާގެ ތިން ކުޅުންތެރިންނެވެ. މާނައަކީ 11 ކުޅުންތެރިންގެ ތެރެއިން އަށް ކުޅުންތެރިންނަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ކުޅުންތެރިންނަށް ވުމެވެ. އެ މެޗުގައި ޔުވެންޓަސް 4-1 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރެއާލް މެޑްރިޑެވެ.

މިދިޔަ އަހަރުގެ ފިފްޕްރޯ ޓީމުން މި ފަހަރު ބަދަލު އައީ ތިން ކުޅުންތެރިންނަށެވެ. އެއީ ބާސެލޯނާގެ ޖެރާޑް ޕީކޭގެ ބަދަލުގައި ބޮނޫޗީ އެރުމާއި ބަޔާން މިއުނިކުގެ ގޯލްކީޕަރު މެނުއަލް ނޯޔާގެ ބަދަލުގައި ބުފޮން އެރުން އަދި ބާސެލޯނާގެ ލުއިސް ސުއަރޭޒުގެ ބަދަލުގައި ނޭމާ ހިމެނުނެވެ.

ފީފާ އިން 2005 ވަނަ އަހަރު ހޮވަން ފެށި ފިފްޕްރޯ ޓީމުގައި އެންމެ ގިނައިން މިހާތަނަށް ހިމެނިފައިވަނީ 11 ފަހަރު ހިމެނިފައިވާ މެސީ އާއި ރޮނާލްޑޯ އެވެ. އިނިއެސްޓާ ނުވަ ފަހަރު ހިމެނިފައިވާއިރު ސާޖިއޯ ރާމޯސް ވަނީ އަށް ފަހަރު ޓީމަށް އަރައިފަ އެވެ.

މި ޓީމުގައި އެންމެ ގިނައިން ހިމެނިފައިވަނީ ބާސެލޯނާގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ކުޅުންތެރިން 50 ފަހަރު ހިމެނިފައިވާއިރު ރެއާލް މެޑްރިޑުގެ ކުޅުންތެރިން ވަނީ 39 ފަހަރު ހިމެނިފަ އެވެ. ދެން އެންމެ ގިނައީ 11 ފަހަރު ހިމެނިފައިވާ އޭސީ މިލާނުގެ ކުޅުންތެރިންނެވެ.

ގައުމުތަކަށް ބަލާއިރު ސްޕެއިނުގެ ކުޅުންތެރިން 40 ފަހަރު ހިމެނިފައިވާއިރު ބްރެޒިލްގެ ކުޅުންތެރިން ވަނީ 27 ފަހަރު ފުރުސަތު ހޯދައިފަ އެވެ. އާޖެންޓީނާ ކުޅުންތެރިން ވަނީ 12 ފަހަރު ހިމެނިފަ އެވެ. އެއީ މެސީ 11 ފަހަރު އަދި އެންހެލް ޑި މަރިއާ އެއް ފަހަރެވެ.