Roadha Mihaaru
ތޯމަސް ކުކް ބަނގުރޫޓުވެ ރާއްޖެއަށް ވަރުގަދަ ފިލާވަޅެއް

ތޯމަސް ކުކްގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަރުގަދަ ފިލާވަޅެއް ލިބިއްޖެ!

05 ނޮވެމްބަރ 2019

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު ތޯމަސް ކުކް ބަނގުރޫޓުވެ، ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް މިލިއަން ގެއްލުންވި އިރު އެ ގެއްލުމުން އަރައިގަތުމަށް އިތުރު އެހެން އެޖެންޓުން ހޯދުމަށް ޑަބްލިއުޓީއެމްގައި މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ ކުންފުނިތަކުން ބުނެފި އެވެ. އަދި އެ ކުންފުނި ބަނގުރޫޓު ވުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެން ދިޔަ ވަރަށް ވަރުގަދަ ފިލާވަޅެއް ކަމަށް ވެސް ދިވެހި ވިޔަފާރިވެރިން ބުނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ލަންޑަން ފާތިމަތު ޝަނާ މުހައްމަދު

އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު ތޯމަސް ކުކް ބަނގުރޫޓުވެ، ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް މިލިއަން ގެއްލުންވި އިރު އެ ގެއްލުމުން އަރައިގަތުމަށް އިތުރު އެހެން އެޖެންޓުން ހޯދުމަށް ޑަބްލިއުޓީއެމްގައި މަސައްކަތް ކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ ކުންފުނިތަކުން ބުނެފި އެވެ. އަދި އެ ކުންފުނި ބަނގުރޫޓު ވުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެން ދިޔަ ވަރަށް ވަރުގަދަ ފިލާވަޅެއް ކަމަށް ވެސް ދިވެހި ވިޔަފާރިވެރިން ބުނެ އެވެ.

ރާއްޖޭގައި ދިވަ ވަރަކަށް ރިސޯޓު ހިންގާ ކްރައުން ކުންފުނީގެ ޑިރެކްޓާ އަހުމަދު ޝާހީން ވިދާޅުވީ، އެ ކުންފުނީގެ 12 ޕަސެންޓްގެ ބުކިން ހައްދަނީ ތޯމަސް ކުކް މެދުވެރިކޮށް ކަމަށާއި އެހެން ކަމުން ބޮޑު ގެއްލުމަކާ ކުރިމަތިވި ކަމަށެވެ.

އެކަމަކު އެ ކުންފުންޏަށް މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ނަމަވެސް އެ ގެއްލުން ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް އަވަހަށް ފޫބެއްދުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ކުންފުނިތައް ބޭންކްރަޕްޓް ވާއިރު އަނެއްކާ ވެސް ކޮންމެވެސް އާ ބަޔަކު އަންނާނެ. ވިޔަފާރީގައި ރިސްކުތައް ނަގަން ޖެހޭނެ. ތޯމަސް ކުކް ދިޔުމުން އިތުރު އޭޖެންޓުންނާ ގުޅުން ބަދަލި ކުރުމަށް ޑަބްލިއުޓީއެމް އަކީ ވަރަށް މުހިއްމު ފެއާއެއް،" އޭނާ ވިދާޅުވި އެވެ.

ތޯމަސް ކުކްގެ ސަބަބުން ވިލާ އަށް ވެސް 2.5 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވި އެވެ. އެ ކުންފުނީގެ ޑިރެކްޓަރު އަލީ ރަޝީދު އާދަމް ވިދާޅުވީ، ރާއްޖޭގެ އެހެން ބައެއް ކުންފުނިތަކާ އަޅާ ބަލާއިރު އެ ކުންފުންޏަށް ލިބުނު ގެއްލުން ކުޑަ ކަމަށާއި، ޖުމްލަކޮށް މުޅި ރާއްޖެ އަށް 100 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތޯމަސް ކުކް އެއާލައިން: މި ކުންފުނި ވަނީ ބަނގުރޫޓުވެފައި

ތޯމަސް ކުކް އެއާލައިން: މި ކުންފުނި ވަނީ ބަނގުރޫޓުވެފައި

މިދިޔަ އަހަރުތަކުގައި ޓްރެވެލް އިންޑަސްޓްރީ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، ތޯމަސް ކުކް ފަދަ ކުންފުނިތަކަށް އެހާ ބޮޑު ގެއްލުމަކާ ކުރިމަތިވީ، އެންމެ އެކަށީގެން ވަރަށް ޒަމާނީ ނުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ޓްރެވެލް އޭޖެންސީތަކުގެ ރޯލު މިހާރަށް ވުރެ ވެސް ކުޑަވާނެ. ޑައިރެކްޓްލީ ރިސޯޓުތަކުން ބުކިން ހައްދާވަރު އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ، މި ދާއިރާ އަށް އަންނަމުންދާ ބަދަލުތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ވިލާގެ ރިސޯޓުތަކުގެ ވެބްސައިޓް މެދުވެރިކޮށް ޑައިރެކްޓް ބުކިން މިހާރު ހެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އޮންލައިން ޕޭމެންޓްގެ ނިޒާމެއް އެންމެ ފުރިހަމަ އަށް ގާއިމްވެފައި ނެތުމުން އޮންލައިންކޮށް ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ވެސް ރިސޯޓުން ރޫމް ބުކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާ އެންމެ ގިނަ ދުވަސްވީ އެއް ކުންފުނި ކަމަށްވާ ކެޕިޓަލް އެންޑް ޓެވެލް ޓުއާސްގެ ވެރިޔާ ޔޫސުފް ރިފްއަތު ވިދާޅުވީ، ޒަމާނީ ވަސީލަތްތައް ގާއިމް ނުކުރުމުގެ ސަބަބުން ރާއްޖޭގެ ގިނަ ޓްރެވެލް އޭޖެންސީތައް ވެސް އޮތީ ބަނގުރޫޓްވުމުގެ މަރުހަލާގައި ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް އޭޖެންސީ ތޯމަސް ކުކް އިން ފިލާވަޅު ހާސިލުކޮށް، އޮންލައިން ފުރިހަމަ ނިޒާމެއް ރާއްޖޭގެ ޓްރެވެލް އޭޖެންސީތަކުން ގާއިމްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ، ރިސޯޓުތަކުން ވެސް ސީދާ ބުކިން ހެދޭނެ އިންތިޒާމުތައް ހަމަޖައްސާތީ، ޓުއާ އޮޕަރޭޓަރުންގެ ރޯލު ކޮންމެވެސް ވަރަކަށް ކުޑަވަމުންދާ ކަމަށެވެ.

"ކެޕިޓަލް މިހާރު އެއޮތީ އެ ނިޒާމް ގާއިމްކޮށްފައި. މިހާރު ޕްލެޓްފޯމެއް ހަދާފައިވާނީ. އޭޖެންޓުންނާއި އިންޑިވިޖުއަލްކޮށް ގަންނަން ބޭނުންވާ މީހުންނަށް. ކެޕިޓަލުން އިނީ އޭޖެންޓުންގެ ބައި ވެސް ޕްރޮޓެކްޓް ކުރެވިފައި." އޭނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ، ތޯމަސް ކުކް 1841 ވަނަ އަހަރު އުފައްދައި އެންމެ ވަރުގަ އަށް ހިންގި އިރު އާމްދަނީގެ ގޮތުގައި އަހަރަކު ނުވަ ބިލިއަން ޕައުންޑް ލިބެ އެވެ. އަހަރެއްގެ މައްޗަށް 19 މިލިއަން ކަސްޓަމަރުންނަށް ހިދުމަތް ދޭ އިރު އެ ކުންފުނި މެދުވެރިކޮށް 16 ގައުމެއްގެ މީހުން ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރެ އެވެ. އެކުންފުނި ބަނގުރޫޓުވީ، ހަރަދާއި ދަރަނި އިންތިހާ އަށް ބޮޑުވެ، ކުންފުނީގެ ހިންގުން މެނޭޖްނުކުރެވުމުގެ ސަބަބުންނެވެ.