Roadha Mihaaru
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 181 މަންދޫބުން ބައިވެރިވެއްޖެ

ވޯލްޑް ޓްރެވެލް ފެއާގައި ރާއްޖޭގެ 181 މަންދޫބުން ބައިވެރިވެއްޖެ

07 ނޮވެމްބަރ 2023

ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 93 ކުންފުންޏަކުން 181 ބައިވެރިންނާ އެކު އިނގިރޭސި ވިލާތުގެ ލަންޑަންގައި އިއްޔެ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ދިވެހި 93 ކުންފުންޏަކުން 181 ބައިވެރިންނާ އެކު އިނގިރޭސި ވިލާތުގެ ލަންޑަންގައި އިއްޔެ ފަށައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ، ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ކަމަށެވެ.

މާދަމާގެ ނިޔަލަށް ބާއްވާ މި ފެއާގައި ޓޫރިޒަމް ދާއިރާގެ ފަރާތްތައް ބައްދަލުކޮށް، މަޝްވަރާކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ބޭރުގެ އެކި ޓްރެވެލް އެޖެންސީތަކާ ގުޅުން ބަދަހިކޮށް ބީޓުބީ ބައްދަލުވުންތައް ކުރިއަށް ގެންދާނެ އެވެ.

ޑަބްލިއުޓީއެމްގެ ރާއްޖޭގެ ސްޓޭންޑް. އެ ފެއާގައި ރާއްޖޭގެ 93 ކުންފުންޏަކުން ބައިވެރިވި -- ފޮޓޯ: އެމްއެމްޕީއާރްސީ

ޑަބްލިއުޓީއެމްގެ ރާއްޖޭގެ ސްޓޭންޑް. އެ ފެއާގައި ރާއްޖޭގެ 93 ކުންފުންޏަކުން ބައިވެރިވި -- ފޮޓޯ: އެމްއެމްޕީއާރްސީ

މި ފަހަރު ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެ ފެއާގައި ވަނީ 500 އަކަފޫޓުގެ ޑަބަލް ޑެކާ ސްޓޭންޑެއް ހަދައިފަ އެވެ. އެ ސްޓޭންޑުގައި އެގްޒިބިޓަރުންގެ 90 ކައުންޓަރާއި 51 ބީޓުބީ މީޓިން ޓޭބަލް ވަނީ ހުރެ އެވެ.

އެމްއެމްޕީއާރުސީން ބުނީ، މި އަހަރުގެ ޑަބްލިއުޓީއެމް ފެއާ ހާއްސަ ކުރަނީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ކުރާ މަސައްކަތަށް ކަމަށެވެ. މި ފެއާގައި މޯލްޑިވްސް ސިއްރު ފެންފުއްޓާއި ޝެރެޓަން އާއި ފުލްމޫން ރިޒޯޓުން ބާއްވާ ހާއްސަ ޕްރެޒެންޓޭޝަނެއްގައި، މުރަކަ އިންދުމުގެ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މުރަކަ ހައްދަން ބޭނުން ކުރާ ފްރޭމެއްގެ ރެޕްލިކާއެއްގައި އެ ފަރާތްތަކުގެ ނަން ޖެހޭނެ އެވެ.

އިނގިރޭސި ވިލާތް ހިމެނިފައި ވަނީ ރާއްޖެ އަށް މި އަހަރު ހަތަރު ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ. އެ ގައުމުން ވަނީ އެއް ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން 7.9 ޕަސެންޓެވެ.