Roadha Mihaaru
ރާއްޖެ ޕްރޮމޯޓްކުރަން ބޮޑު ވަފުދެއް ޑަބްލިއުޓީއެމްގައި!

ރާއްޖެ ޕްރޮމޯޓްކުރަން 195 މީހުން ހިމެނޭ ބޮޑު ވަފުދެއް ޑަބްލިއުޓީއެމްގައި!

07 ނޮވެމްބަރ 2017

ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފެންވަރުގެ 195 މީހުން ހިމެނޭ ވަފުދަކުން ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު ލަންޑަނުން އަބްދުﷲ ޖަމީލު

ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފެންވަރުގެ 195 މީހުން ހިމެނޭ ވަފުދަކުން ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގެ އެކްސެލްގައި ބާއްވާ ފެއާގައި ހުންނަ ރާއްޖޭގެ ސްޓޯލް ރަސްމީކޮށް ހުޅުވައި ދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާ ފެއާގައި ރާއްޖެ ޕްރޮމޯޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އެވެ. އެ ކުންފުނިން ބުނީ މިފެއާގައި ރާއްޖޭގެ 70 ކުންފުންޏަކުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ހޮޓާ، ގެސްޓް ހައުސް، ޓްރެވަލް އެޖެންސީތަކާއި އެއާލައިންތައް ވެސް ހިމެނެ އެވެ.

ލަންޑަންގައި މިހާރު ކުރިޔަށްދާ ޑަބްލިއުޓީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަނިލް އާއި މަޓީގެ ވައިސް ޗެއާމަން ޗަމްޕާ އަފީފް އާއި ދިވެހި ސަފީރު ޝިފާން ބައިވެރިވެވަޑައިގަންނަވަނީ.

އެމްއެމްޕީއާރުސީން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާގައި ރާއްޖެ އިން ފުރަތަމަ ދުވަހު ކުރިޔަށް ގެންދިޔައީ ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއާ ބެހޭ ގޮތުން ބޭރުގެ އެކި ފަރާތްތަކަށް މައުލޫމާތު ދިނުން ކަމަށެވެ.

ފެއާއަށް ޒިޔާރަތް ކުރި ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަނިލް އާއި މަޓީގެ ވައިސް ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފާއި އިނގިރޭސިވިލާތަށާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ޝިނާން ވެސް ބައިވެރިވެވަޑަައިގެންނެވި އެވެ. އިނގިރޭސިވިލާތާއި އެހެން ގައުމުތަކުގެ 70 އަށް ވުރެ ގިނަ ނޫސްވެރިން އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ލަންޑަންގައި ކުރިޔަށްދާ ޑަބްލިއުޓީއެމް ފެއާގައި އެޓާނީ ޖެނެރަލް އަނިލް ރާއްޖެއާ ބެހޭ މައުލޫމާތު ބޭރުގެ އެކި ފަރާތްތަކަށް ދެއްވަނީ.

ލަންޑަންގައި ކުރިޔަށްދާ ޑަބްލިއުޓީއެމް ފެއާގައި އެޓާނީ ޖެނެރަލް އަނިލް ރާއްޖެއާ ބެހޭ މައުލޫމާތު ބޭރުގެ އެކި ފަރާތްތަކަށް ދެއްވަނީ.

ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާލަން ވަނީ 276 އަކަމީޓަރުގެ ސްޓޭންޑެއް ހަދައިފަ އެވެ. އަދި މި ސްޓޭންޑަށް ވަރަށް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން މައުލޫމާތު ދިނުމަށް ބާއްވާ 37 ވަނަ ފެއާގައި 5،000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.

އިނގިރޭސި ވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް މާކެޓެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 101،843 އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.8 ޕަސެންޓްގެ ކުރިއެރުމެކެވެ.