Roadha Mihaaru
ޕްރީސްކޫލް ހިންގާނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

ހުޅުމާލެ ޕްރީސްކޫލް ހިންގާނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފި

28 އޮކްޓޯބަރ 2019

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މުހައްމަދު ގާސިމް ޕްރީ ސްކޫލު ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިން އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި ބީލަން ހުށަހަޅައި އެ ހުޅުވުން އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނާނެ ކަމަށް ބުންޏެވެ.

ދެ ބީލަމުގައި ބައިވެރިވާން 200ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. އަދި އެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން މީގެ ކުރިން އެޑިއުކޭޝަނުން ކުރި އިއުލާނު ބާތިލްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށެވެ. އެއީ ބީލަމާ ގުޅޭ ކަންކަމުގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ، 10 ކްލާސްރޫމްގެ ޕްރީ ސްކޫލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަނާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއާއެކު އެތަން ހިންގާނެ ބަޔަކު ހޯދަން ތިން ފަހަރަށް އިއުލާނުކުރި އެވެ.

އެންމެ ފަހުން މިދިޔަ މެއި މަހު ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން ބިޑް ހުށަހަޅާފައި ވެ އެވެ. އެއީ ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަނާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެކެވެ. ނަމަވެސް ލިޔެކިޔުންތައް ފުރިހަމަ ނުވެގެން މެރިޓައިމް އެކަޑަމީގެ ބިޑް ބާތިލްވީ އެވެ.

ކޮމްޕިއުޓާ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.