Roadha Mihaaru
ހުޅުމާލެ ޕްރީ ސްކޫލާ ގުޅޭ މައްސަލައެއް އޭސީސީ އަށް

ހުޅުމާލެ ޕްރީ ސްކޫލާ ގުޅޭ މައްސަލައެއް އޭސީސީ އަށް

16 ސެޕްޓެމްބަރ 2019

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލްގެ ބިޑިން ޕްރޮސެސްއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލްގެ ބިޑިން ޕްރޮސެސްއާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ޕްރީ ސްކޫލު ހަވާލުކުރުމުގެ ބިޑިން ޕްރޮސެސްގައި ކަން ހިނގާފައިވާ ގޮތާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އަދި އޮތީ އިވެލުއޭޝަން ސްޓޭޖުގައި ކަމަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

އިވެލުއޭޝަން ސްޓޭޖަކީ ކޮމިޝަނުން މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އޮންނަ މަރުހަލާ އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއާއެކު އެ ޕްރީ ސްކޫލު ހިންގާނެ ބަޔަކު ހޯދަން މިނިސްޓްރީން ދެ ފަހަރެއްގެ މަތިިން އިއުލާނުކޮށްގެން ވެސް ތަރުހީބެއް ނުލިބުނެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް އެޑިއުކޭޝަނަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް ސޮއިކުރެއްވުމަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެއަށް ފަހު ތިން ވަނަ ފަހަރަށް އިއުލާނުކުރުމުން ޕްރީސްކޫލު ހިންގަން ތިން ފަރާތަކުން ކުރިމަތިލި އެވެ. އެއީ ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަން އާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެކެވެ. ނަމަވެސް ލިޔެކިޔުންތައް ފުރިހަމަނުވެގެން މެރިޓައިމް އެކަޑަމީގެ ބިޑް ބާތިލްވީ އެވެ.

ކޮމްޕިއުޓާ ރޫމާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހުންނަ ޕްރީ ސްކޫލު މީގެ ކުރިން ބޭނުންކުރީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.