Roadha Mihaaru
މި އަހަރުގެ ބަޖެޓް ޑެފިސިޓް 5.3 ބިލިއަން ރުފިޔާއަށް

މި އަހަރުގެ ބަޖެޓް ޑެފިސިޓް 5.3 ބިލިއަން ރުފިޔާ އަށް އަރާނެ

28 އޮކްޓޯބަރ 2019

މި އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް 5.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް 5.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއީ މި އަހަރު ފާސްކުރި ބަޖެޓް ޑެފިސިޓާ އަޅާ ބަލާއިރު 1.3 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މި އަހަރު ބަޖެޓް ޑެފިސިޓުގެ ގޮތުގައި ފާސްކޮށްފައި ވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ޑެފިސިޓް ވަނީ ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދުތަައް އިތުރުވުމުންނެވެ. އެގޮތުން، މި އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ޖުމްލަ ހަރަދު 29.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ، މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އާމްދަނީ އާއި ހިލޭ އެހީއާ އަޅާ ބަލާއިރު 4.1 ޕަސެންޓް އިތުރުވާނެ ކަމަށެވެ. އެއީ ހިލޭ އެހީގެ ގޮތުގައި އިތުރަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އާއި ޓެކުހުން ލިބޭ އާމްދަނީގެ ސަބަބުން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ލަފާ ކުރާ ހަރަދު އިތުރުވަނީ މުވައްޒަފުން އިތުރުވުމާއި، އާސަންދަ ސްކީމް ކަވަރެޖް ފުޅާވުމާއި، މަތީ ތައުލީމަށް ދޫކުރާ ލޯނާއި ސްކޮލާޝިޕް އިތުރުވުމާއި ރާއްޖޭގެ ހުރިހާ ރަށެއްގައި މާލެއާ އެއް އަގެއްގައި ކަރަންޓާއި ކާބޯތަކެތި ފޯރުކޮށްދޭން ސަބްސިޑީ އިތުރުވުމުންނެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން ލަފާކުރި މިންވަރަށްވުރެ 2.8 ޕަސެންޓް އިތުރަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފިނޭންސުން ބުނެ އެވެ.

ފިނޭންސުން ބުނީ މި އަހަރުގެ ބަޖެޓް ޑެފިސިޓް އިތުރުވި ނަމަވެސް ދައުލަތުގެ ހަރަދުތައް އެއްވަރެއްގައި ހިފެހެއްޓޭ ނަމަ 2021 ވަނަ އަހަރުން ފެށިގެން މި އަދަދު ދަށްވާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް ބަޖެޓް އަރަނިވެރިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.