Roadha Mihaaru
ލިވަޕޫލްގެ ތާރީހަކީ އަހަންނަށް ޕްރެޝަރެއް ނޫން: ކްލޮޕް

ލިވަޕޫލްގެ ތާރީހަކީ އަހަންނަށް ޕްރެޝަރެއް ނޫން: ކްލޮޕް

27 އޮކްޓޯބަރ 2019

ލިވަޕޫލް (އޮކްޓޫބަރު 27) - ލިވަޕޫލަކީ މުއްސަނދި ތާރީހެއް އޮތް ޓީމެއް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން އޭނާ ވަކި ކަމެއް ހާސިލްކުރަން ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (އޮކްޓޫބަރު 27) - ލިވަޕޫލަކީ މުއްސަނދި ތާރީހެއް އޮތް ޓީމެއް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން އޭނާ ވަކި ކަމެއް ހާސިލްކުރަން ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި މިދިޔަ ސީޒަނުގެ ބޮޑުބައިގައި ކުރީގައި ލިވަޕޫލް އޮތް ނަމަވެސް ލީގުގެ ވަކި ހިސާބަކުން ނަތީޖާ ނެރުމުގައި ދިމާވި މައްސަލަތަކެއްގެ ފައިދާ ނަގައި ޗެމްޕިއަންކަން ހޯދީ މެންޗެސްޓާ ސިޓީ އެވެ. ލިވަޕޫލުން އިނގިރޭސި ލީގު ތަށި 18 ފަހަރު ހޯދާފައިވީ ނަމަވެސް އެންމެ ފަހުން އެ ޓީމުން އެކަން ހާސިލްކުރީ މީގެ 30 އަހަރު ކުރިންނެވެ.

ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ އޭނާ އަށް އޮންނަ ޕްރެޝަރަކީ އަމިއްލަ ކޮންޓްރޯލްގައި އޮންނަ ކަންތައްތައް ކަމަށެވެ.

"މީގެ މުހިއްމީ ބަޔަކު އަހަންނަށް ކުރާ ޕްރެޝަރެއް ނޫން. މީގެ މުހިއްމީ އަހަރެން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި މި ކްލަބް ކުރިއަށް ގެންދަން ކުރާ މަސައްކަތް ރަނގަޅު ޓްރެކުގައި ބޭއްވުން. ލީގު ތަށި ހޯދުމަކީ ހުރިހާ ކަމެއް ނޫން އެކަން ހާސިލްކޮށްފައި އަހަރެމެންގެ ހާލަތު ކުރިއަށް ވުރެ ގޯސްވަންޏާ. މީގައި ބޭނުންވޭ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ ގޮތެއް ހޯދުން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލްގައި ފާއިތުވި ހަތަރު ވަރަކަށް އަހަރު ކްލޮޕަށް ހޯދުނު ހަމައެކަނި ކާމިޔާބީ އަކީ މިދިޔަ ޖޫން މަހު ޓޮޓެންހަމް ބަލިކުރުމަށް ފަހު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭއިރު ލިވަޕޫލްގެ އަމާޒަކީ މެޗުން މޮޅުވެ އަލުން ފޯމަކަށް އެޅުމެވެ. ކްލޮޕް ބުނީ މި ސީޒަނުގައި ޓޮޓެންހަމްގެ ފޯމު ދަށްވި ނަމަވެސް އެމީހުންގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.

"އަހަރެމެންނަށް ފެނިއްޖެ ޓޮޓެންހަމް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗު. އެއީ އެ މީހުންނަށް ކުރެވޭނެ ކަމެއްކަން ދައްކައިދީފި. އެކަމަކު އަހަރެމެން ތައްޔާރުވާނީ އެންމެ މެޗަކަށް ބަލައިގެނެއް ނޫން. މެޗުން މޮޅުވެވޭނެ ކަމަށް ވިސްނައިގެން." ކްލޮޕް ބުންޏެވެ.

ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވުމާ އެކު ލީގުގެ އެއް ވަނައިގައި ލިވަޕޫލްގެ ލީޑުވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. މި ވަގުތު ލީގުގެ 10 ވަނައިގައި އޮތް ޓޮޓަންހަމަށް މިރޭގެ މެޗުން މޮޅުވެ ލީގުގެ ފަސް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.