Roadha Mihaaru
ލިވަޕޫލް ސީޒަން ސަލާމަތްކުރަން ޓޮޓެންހަމާ ދެކޮޅަށް

ލިވަޕޫލް ސީޒަން ސަލާމަތްކުރަން ޓޮޓެންހަމާ ދެކޮޅަށް

11 ފެބުރުއަރީ 2017

ލިވަޕޫލް (ފެބްރުއަރީ 11) - މި އަހަރު މިހާތަނަށް ފޯމު ގެއްލުމުގެ ސަބަބުން ލީގު ކަޕާއި އެފްއޭ ކަޕުން ކަޓާފައިވާ ލިވަޕޫލް މިރޭ ޓޮޓެންހަމާ ދެކޮޅަށް ނުކުންނައިރު ހުރިހާ ވިސްނުމެއް އޮތީ ތިން ޕޮއިންޓް ހޯދައި ރަނގަޅު ފޯމަކަށް އެޅުމަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ފެބްރުއަރީ 11) - މި އަހަރު މިހާތަނަށް ފޯމު ގެއްލުމުގެ ސަބަބުން ލީގު ކަޕާއި އެފްއޭ ކަޕުން ކަޓާފައިވާ ލިވަޕޫލް މިރޭ ޓޮޓެންހަމާ ދެކޮޅަށް ނުކުންނައިރު ހުރިހާ ވިސްނުމެއް އޮތީ ތިން ޕޮއިންޓް ހޯދައި ރަނގަޅު ފޯމަކަށް އެޅުމަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކުޅުނު 24 މެޗުން ލިބުނު 50 ޕޮއިންޓާ އެކު ޓޮޓެންހަމް ލީގުގެ ދެ ވަނައިގައި އޮތްއިރު، ލިވަޕޫލް ލީގުގެ ފަސް ވަނައިގައި އޮތީ 24 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި މި އަހަރު މިހާތަނަށް ފަސް މެޗު ކުޅުނުއިރު ލިވަޕޫލަށް އެއްވެސް މެޗަކުން މޮޅެއްނުވެވެ އެވެ. ތިން މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުންވީ ބައްޔެވެ.

ލީގުގައި ބާކީ 14 މެޗު އޮތްއިރު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އަމާޒަކީ ވީހާވެސް ގިނަ މެޗުން މޮޅުވެ ރަނގަޅު ހިސާބެއްގައި ލީގު ނިންމާލުމަށް ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ލިވަޕޫލަށް ދެން އޮތް 14 މެޗުން ވެސް މޮޅުވެވިދާނެ. އެކަމަކު އެއީ އެހެންވާނެއެކޭ އެއް ނޫން. ޖެހޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން ހިތްވަރު ކޮށްގެން މަސައްކަތް ކުރަން،" ކްލޮޕް ބުންޏެވެ.

ޓޮޓެންހަމާ ދެކޮޅަށް ލިވަޕޫލް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައިނުވެ އެވެ. ލިވަޕޫލް ހަ މެޗުން މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލިވަޕޫލް ފޯމު ދަށްވެފައި އޮތުމުން މި މެޗުގެ އުނދަގޫކަން ބޮޑުވާ ކަމަށެވެ.

"ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފޯމު ދަށްކޮށް އޮތުމުން އެ ޓީމުން މި މެޗަށް ނުކުންނާނީ އިތުރަށް ސަމާލުވެގެން. ބޮޑެތި ޓީމުތަކާ ކުޅޭއިރު އަބަދުވެސް ލިވަޕޫލް އޮންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. މި މެޗު އެއްވެސް ގޮތަކަށް ފަސޭހަ ނުވާނެ،" ޕޮޗެޓީނޯ ބުންޏެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބި ލިވަޕޫލްގެ ޑޭޔާން ލޮވްރެން އާއި ރަގްނާ ކްލާވަން އަދި އެޑަމް ލަލާނާ މިރޭގެ މެޗުގައި ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ ފަހު ވަގުތު ޓެސްޓްތަކެއް ހެދުމަށް ފަހު އެވެ. އެހެން ނަމަވެސް ޓޮޓެންހަމްގެ ފަހަތަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޔެން ވަޓޮންގެން އާއި ޑެނީ ރޯސް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

ލިވަޕޫލް އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.