Roadha Mihaaru
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް އަލީ އާރިފް

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް އަލީ އާރިފް

24 އޮކްޓޯބަރ 2019

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އިއްޔެ އައްޔަންކޮށްފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އިއްޔެ އައްޔަންކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ފަސް އަހަރު ވަންދެން ވެރިކަން ކުރި ޕީޕީއެމުން ވަކިވެވަޑައިގެން މިދިޔަ އޯގަސްޓް މަހު ޖޭޕީއާ ގުޅިވަޑައިގެންނެވި އަލީ އާރިފަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ލީޑަރު ގާސިމް އިބްރާހީމެވެ.

އެންމެ ފަހުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ. އޭނާ އެ މަގާމު ފުރުއްވީ ހަތް ވަރަކަށް މަސް ވަންދެނެވެ.

ޖޭޕީގެ ހިންގުންތެރިކަން ކުރިއަށް ވުރެ ހަރުދަނާކޮށް، ކުރިމަގަށް ތަފާތު ޕްލޭންތައް ހަދަން ފަށާފައިވާއިރު، އެކަމުގައި އިސްކޮށް މިހާރު ފެންނަނީ ޕީޕީއެމްގައި ކުރިން އުޅުއްވި ބޭފުޅުންނެވެ.

އޭގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އޭރުގެ ލީޑަރު އަހުމަދު ނިހާނާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމީން ރަޝީދާއި ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީންގެ އިތުރުން ޕީޕީއެމްގެ ސަރުކާރުގައި އެންމެ ފަހުން ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު ފާހަގަކުރެވެ އެވެ. ދެން އިސްކޮށް އެކި ކޮމިޓީތަކުގައި އުޅުއްވާ ތަން ފެންނަނީ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމާ އަބަދުވެސް ގާތްގުޅުމެއް ބާއްވަވާ އިލްހާމް އަހުމަދެވެ.