Roadha Mihaaru
ބިދޭސީ މަސައްކަތްތެރިން އިމުގެ ތެރެއަށް ގެނައުން

އޮޅުން ބޮޅުން: ބިދޭސީ މަސައްކަތްތެރިން އިމުގެ ތެރެއަށް ގެނައުން

23 އޮކްޓޯބަރ 2019

ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ގާނޫނުގެ އިމުގެ އެތެރެއަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރަނގަޅު މަސައްކަތެކެވެ. އެއް ނަޒަރަކުން ބަލާ އިރު މަސައްކަތްތެރިންގެ ހާލާއި އެ މީހުންނަށް ނޭނގި ތިބެ ޖެހުނު ދަންތުރައިން ސަލާމަތްކޮށް ދިނުމަށް ސަރުކާރުން އެޅި ރަހުމާއި ހަމްދަރުދީގެ ފިޔަވަޅެކެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ގާނޫނުގެ އިމުގެ އެތެރެއަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރަނގަޅު މަސައްކަތެކެވެ. އެއް ނަޒަރަކުން ބަލާ އިރު މަސައްކަތްތެރިންގެ ހާލާއި އެ މީހުންނަށް ނޭނގި ތިބެ ޖެހުނު ދަންތުރައިން ސަލާމަތްކޮށް ދިނުމަށް ސަރުކާރުން އެޅި ރަހުމާއި ހަމްދަރުދީގެ ފިޔަވަޅެކެވެ.

ގަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ ކަންތައް ހައްލު ކުރުމަށް ވަގުތީ ގޮތުން އެޅޭނެ އެންމެ އަވަސް ފިޔަވަޅަކީ އެމީހުން އައި ގައުމަކަށް އަނބުރާ ފޮނުވާލުމެވެ. ގަވައިދުގެ ތެރެއިން ރާއްޖެ އަށް އެތެރެވި ބަޔަކު ކަމުގައި ވަނީ ނަމަ އެ މީހުން ރާއްޖެ އަށް އެތެރެވުމުގެ ކުރިން އެމީހުން ގެނައި ބަޔަކު އެމީހުން ގެ ގައުމަށް ދާން ޖެހިއްޖެ ހާލަތެއްގައި ފޮނުވާލެވޭނެ ވަރުގެ ސިކިއުރިޓީ ޑިޕޮސިޓެއް ސަރުކާރުގައި ބެހެއްޓިފައި ހުންނަން ވާނެ އެވެ. އެއީ ވެސް ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެންނަ އޭޖެންޓުންނާއި ސަރުކާރުގެ އެއިރެއްގައި އެފަދަ ކަންކަން ބަލަހައްޓާ އޮފީހަކުން ގަވައިދުން ކަންތައް ކޮށްފައި އޮތް ކަމުގައި ވަނީ ނަމަ އެވެ. ސިކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓިފައި ހުއްޓަސް، މިހާރުގެ ހާލަތަށް ބަލާ އިރު، ގަވައިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން ރާއްޖެ އަށް އައި ގައުމަކަށް ފޮނުވާލުން، އެހާ ފަސޭހައެއް ނުވާނެ އެވެ. އެ މީހުންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ދަތުރު ކުރުމުގެ އެއްވެސް ލިޔެކިއުމެއް ނެތުމުންނެވެ. އޭޖެންޓު އެމީހުންގެ ޕާސްޕޯޓު އަތުލައިފައި ވުމުންނެވެ. ބައެއް މީހުން ޕާސްޕޯޓެއް ނެތި ރާއްޖޭގައި ދިރިއުޅޭތާ ވެސް އެތައް އަހަރެއް ވެފައިވާ ކަމަށް ވެއެވެ.

އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމުގައި ވަގުތު ނަގާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެފަދަ މީހުން ޤާނޫނީ މަގުން ގެންދިއުމަށް ވެސް ވަގުތު ނަގާނެ އެވެ. އަދި ހުރަސްތަކާ ކުރިމަތި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ މީހުންގެ ގައުމު ކަމަށް ބުނާ ގައުމުން އެ މީހުންނަކީ އެ ގައުމުގެ މީހުން ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. އެ ގައުމުގެ މާދިރީ ބަހުން ވާހަކަ ދެއްކިއަސް މެ އެވެ. މިހާރު ވެސް އަވައްޓެރި ގައުމެއްގައި ދިރިއުޅޭ ދޮޅު މިލިއަނެއްހާ މީހުންނަކީ އެ ގައުމުގެ މީހުން ނޫން ކަމަށް ނިންމައިގެން އެބަ އުޅެ އެވެ. އެ މީހުންގެ ދަރިންނާއި މާމަ ދަރިންނާއި މުނިމާމަ އިން ފެށިގެން އެތައް ދަރިކޮޅެއް އެ ގައުމުގައި ދިރިއުޅެމުން ގޮސްފައި އޮތް އިރުގައި ވެސް މެއެވެ. އެ މީހުންގެ ވެސް މައްސަލައަކަށް ވެފައި އޮތް ކަމަށް ބުނަނީ ބޭނުންވާ ލިޔެކިއުންތައް ނެތުމެވެ. އެ ގައުމުގައި ހަރުކަށި ވިސްނުން (މިހާރު މިއީ ބޭނުން ކުރަން ރަނގަޅު ބަހެެއް ނޫން) ގެންގުޅޭ އިސް މީހަކު ބުނެފައިވާ ކަމަށް ވަނީ އެ މީހުން ކަނޑަށް ނުވަތަ ކޯރަށް އަޅާލާށެވެ. އަޅުގަނޑު މިދަންނަވަނީ މިކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައް ދިމާވެދާނެ ކަމުގެ ވާހަކައެއް ނޫނެވެ. ރާއްޖެ އަށް މީހުން އެތެރެކޮށްފައި ވަނީ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ގުޅުން އޮންނަ ގައުމުތަކުން ކަމަށް ވުމާ އެކު އެމީހުންގެ ގައުމު ކަމަށް ބުނާ ގައުމަށް އެނބުރި ދިއުމާ މެދު އެއްވެސް މައްސަލައެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ. މައްސަލައަކަށް ވާނީ ޤާނޫނީ ކަރުދާސް ތައްޔާރު ކުރުމުގަ އެވެ. ވަގުތު ނަގާނެތީ ވެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގައި އަވަސް ދުވެލީގައި ކަންތައް ކުރާ އިރު ވެސް ވަރަށް ޚާއްސަ މީހެއްގެ ނުވަތަ ވަރަށް ޚާއްސަ ގޮތަކަށް ކުރަން ނުޖެހޭ ކަންތަކުގައި ދުވެލި ހުންނަނީ ފިނިހަކަ ދުވެލީގަ އެވެ. ކޮފީއެއް ބޮއިގެން، ދުފައިގެން ކަންތައް ކުރެވޭ އިރު ވާ ވަރެވެ.

ބިދޭސީ މަސައްކަތު މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ކުރާ މަސައްކަތް ރަނގަޅެވެ. އަދި މީހުން އެތައް ގަޑިއިރެއް ވާންދެން ގަލޮޅު ދަނޑުގައި ހޭދަކުރާ އިރު ފެން ފޮދެއް ލިބުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އޯގާތެރިކަމެއް ކަމަށް ބެލެވޭނެ އެވެ.

ކަންކަން ހަމައަކަށް އެޅުވުމަށް ރައްޔިތުންގެ ފައިސާ އިން ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރުވުމުން، އެކަމުގެ ޒިއްމާ ނަގަން ޖެހޭ އޮފީސްތަކުގެ އެތެރޭގެ މަސައްކަތުގެ އޯޑިޓެއް ހެދެންވީ އެވެ. ރައްޔިތުންނަށް މިކަންތައްތައް ވީ ގޮތް އޮޅުން ފިލުވައިދޭން ޖެހެ އެވެ. މިހުންނަނީ ގައުމީ މައްސަލަ އެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅަކީ ކޮބައިތޯ އެވެ؟ ސަރުކާރުން ނަގާފައި އޮތް އިސް ބޭފުޅުންގެ ކުޑަ ކޮމިޓީއަކުން ނިންމި ކަމަށް ވަނީ އެ މީހުން ގެންގުޅެން ބޭނުންވާ މީހުންގެ އަތުން ނަގާ ބައެއް ފީތައް ބޮޑުކުރުމެވެ. އެއިރުން އެކަން ހައްލު ވާނެ ބާވަ އެވެ؟ ފައިސާ އަކީ، މިކަމުގައި އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ވާ ނަމަ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން ކުރިއަށް އޮތް އަހަރުގައި ޓެކްސް ނަގަން ފެށުމުން މި މައްސަލަ މުޅިން ހައްލުވެގެން ދާނެ އެވެ.

ގަބޫލުކުރަން ދަތި ވިޔަސް، ޤަބޫލު ނުކުރެވުނަސް، ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅުމުގެ މަގުމތަނަވަސްވީ ފާއިތުވި ތަނުގައި ވެރިކަން ކުރި ސަރުކާރުތަކުގެ ސިޔާސަތުގެ ދޯދިޔާކަމުންނެވެ. މި ކަމާ ހަވާލުވެފައިވާ އޮފީސްތަކުގެ ނުކުޅެދުމުންނެވެ. ފަރުވާކުޑަކުރުމުންނެވެ. ނުބެލެހެއްޓުމުންނެވެ. ނުވަތަ ކަރަޕްޝަނުގެ ސަބަބުންނެވެ. މިކަމުގައި، ރައީސް މައުމޫނެއް، ރައީސް ނަޝީދެއް، ރައީސް ވަޙީދެއް އަދި ރައީސް ޔާމިނެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. މަސައްކަތާ ހަވާލުކޮށްފައި ތިބި މީހުންގެ މަސައްކަތުގެ ފުއްދުން ތެރިކަމެއް ނެތީ އެވެ. މަސައްކަތް ކުރުވަން ތިބި މީހުންގެ ޤާބިލުކަން ނެތީ އެވެ. މިހެން ދެންނެވުމުން މި ވާހަކަ އަޑުއައްސަވަން އުނދަގޫ ވާނެ އެވެ. އަބަދުވެސް ގަބޫލުކުރަން ބޭނުން ނުވާ ހަގީގަތް އަޑު އައްސަވަން އުނދަގޫ ވާނެ އެވެ.

ކަންކަން ހަމައަކަށް އެޅުވުމަށް ރައްޔިތުންގެ ފައިސާ އިން ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރުވުމުން، އެކަމުގެ ޒިއްމާ ނަގަން ޖެހޭ އޮފީސްތަކުގެ އެތެރޭގެ މަސައްކަތުގެ އޯޑިޓެއް ހެދެންވީ އެވެ. ރައްޔިތުންނަށް މިކަންތައްތައް ވީ ގޮތް އޮޅުން ފިލުވައިދޭން ޖެހެ އެވެ. މިހުންނަނީ ގައުމީ މައްސަލަ އެވެ. ރައްޔިތުންގެ މަންދޫބުން އެންމެ ކުޑަ މިނުން ވާހަކަ ދައްކާ މަގެއް ފެނޭތޯ ބަލަންވީ މައްސަލަ އެވެ. ލައްކައެއް ހާ ބިދޭސީން ވިސާއެއް ނެތި، ޕާސްޕޯޓެއް ނެތި ރާއްޖޭގައި ދިރިއުޅެމުން ދަނީ އެވެ. މިއީ ކިހނެއް ވެގެން ހިގިކަމެއްތޯ ބަލަން ޖެހެ އެވެ. ހޯދަން ޖެހެ އެވެ. ޒިއްމާ އުފުލަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެ އެވެ. މިކަން ހިންގަން ތިބޭ މީހުން ޖަވާބު ދެ އެވެ. "ތިޔައީ ކުރީގެ ސަރުކާރުން ކުރި ކަމެކެވެ. ކުރީގެ ވެރިޔާ ނިންމާފައި އޮތް ކަމެކެވެ." މި ވަރުން ފުދޭނެ ބާވަ އެވެ؟ ޒިއްމާ އުފުލަން ޖެހޭ މީހުން އިންޞާފްގެ ކުރި މައްޗަށް ގެންދެވެންވީ އެވެ. ކޮންމެހެން އެ މީހުންނަށް އަދަބެއް ދިނުމުގެ ބޭނުމުގައެއް ނޫނެވެ. އެ ވަޒީފާ އަށް އަންނަ މީހުންނަށް ފިލާވަޅެއް ދިނުމުގެ ބޭނުމުގަ އެވެ. ގޯހެއް ހެދިއްޔާ ކޮންމެވެސް ދުވަހަކުން އަތުލާނެ ކަން ދައްކާށެވެ.

ބިދޭސީ މަސައްކަތު މީހުން ރާއްޖެ ގެނެސް ގަވައިދާ ޚިލާފަށް ރަށުތެރެއަށް ދޫކޮށްލި އޭޖެންސީތައް ނުވަތަ އޭޖެންޓުން އެމީހުންގެ ތެރެއިން ބައެއް މީހުންނަށް އެނގޭނެ އެވެ. އަދި އޮފީހުގެ ލިޔެކިއުންތަކުން ވެސް ފެންނާން ހުންނާނެ އެވެ. އެ އޭޖެންސީތަކާއި އޭޖެންޓުން ހޯދަންވީ އެވެ. އަދި އެ މީހުންނާ މެދު ޝަރީޢަތް މެދުވެރިވެގެން އެޅެން އޮތް ފިޔަވަޅެއް އަޅަންވީ އެވެ.

ގަލޮޅު ދަނޑުގައި މިި ހިނގާ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުން ރާވައިފައި އޮތް ގޮތެއް ހާމައެއް ނުކުރެ އެވެ. ގޮތެއް ރޭވިފައި އޮތް ކަމެއް ވެސް ނޭނގެ އެވެ. މިކަމުގައި މަޖިލީސް އޮތީ ހިމޭނުންނެވެ. މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ ވަނީ އެހެން ކަންކަމުގައި ޣާފިލުވެފަ އެވެ. ރައްޔިތުން ވަނީ ހާސްކަމުގަ އެވެ. ކޮންމެ ކަމެއްގައި އަޑު އުފުލަމުން ދާ ބަސްވިކޭ މީހުން ތިބީ ހިމޭނުންނެވެ. މި ހިމޭންކަމުން އަޅުގަނޑުމެންނަށް ލިބެނީ ހާސްކަމެކެވެ.