Roadha Mihaaru
ސާކުގެ ތައުލީމާބެހޭ ވަޒީރުންގެ ބައްދަލުވުން ރާއްޖޭގައި

ސާކު ގައުމުތަކުގެ ތައުލީމާބެހޭ ވަޒީރުންގެ ބައްދަލުވުން ރާއްޖޭގައި ފަށަައިފި

10 އޮކްޓޯބަރ 2019

ސާކު ގައުމުތަކުގެ އެޑިއުކޭޝަނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސާކު ގައުމުތަކުގެ އެޑިއުކޭޝަނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

އަލަށްހުޅުވި "ކްރޮސްރޯޑްސް މޯލްޑިވްސް" ގައި ބާއްވާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ފަގީރުކަން ނައްތާލުމަށް އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ތައުލީމް ކަމަށެވެ. އަދި ހަލުއި ދުވެއްޔެއްގައި ގައުމުގެ ކުރިއަރައި ތަރައްގީވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރަނީ ތައުލީމް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަކީ އެންމެ ތުއްތުއިރުން ފެށިގެން އުމުރުން ދުވަސްވީ މީހުން ވެސް ތައުލީމާއި މައުލޫމާތު ހޯދުމުގައި ވަރަށް އިސްކަންދޭ ގައުމެއް ކަމަށް ވިދާޅުވި އެވެ.

ކްރޮސްރޯޑްސްގައި މިއަދު ފެށި ސާކު ގައުމުތަކުގެ ތައުލީމާ ބެހޭ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން .- ފޮޓޯ: ފޮރިން މިނިސްޓްރީ

ކްރޮސްރޯޑްސްގައި މިއަދު ފެށި ސާކު ގައުމުތަކުގެ ތައުލީމާ ބެހޭ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން .- ފޮޓޯ: ފޮރިން މިނިސްޓްރީ

ޝާހިދު ވަނީ ސާކުގެ މެމްބަރު ގައުމުތަކުން، ރައްޔިތުންގެ ކުރިއެރުމަށް މިހާރަށްވުރެ ލާބަހުރި މަސައްކަތްތައްކުރަން ގޮވާލައްވައިފަ އެވެ.

ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާއާ ގުޅުންހުރި މިނިސްޓަރުން ފިޔަވައި އެހެނިހެން އިސް އޮފިޝަލުންނާއެކު އިއްޔެ ބައްދަލުވުންތަކެއް ބާއްވާފައި ވެ އެވެ. އޭގައި، 2014 ވަނަ އަހަރު ބޭއްވި މިފަދަ ދެ ވަނަ ބައްދަލުވުމުގައި ނިންމި ކަންކަން ތަންފީޒުކުރަމުންދާ މިންވަރު އެ ގައުމުތަކުން ހުށަހަޅާފައި ވެ އެވެ.

މިނިސްޓަރުންގެ ބައްދަލުވުމަށް ދެ ޕޭޕަރެއް ހުށަހަޅަން އިއްޔެ ބޭއްވި އިިސް އޮފިޝަލުންގެ ބައްދަލުވުމުގައި ނިންމާފައި ވެ އެވެ. އެ ދެ ޕޭޕަރަކީ "މާލޭ ޑެކްލަރޭޝަން" އަދި "އެޑިއުކޭޝަން 2030: ސާކް ފްރޭމްވޯކް ފޯ އެކްޝަން" އެވެ.