Roadha Mihaaru
ޕްލޭސްޓޭޝަން 5 އަންނަ އަހަރުގެ ފަހުކޮޅު ނެރެނީ

ޕްލޭސްޓޭޝަން 5 އަންނަ އަހަރުގެ ފަހުކޮޅު ނެރެނީ

10 އޮކްޓޯބަރ 2019

ޕްލޭސްޓޭޝަނުގެ އަހުލުވެރިންނަށް އޮތީ އުފާވެރި ޚަބަރެކެވެ. ސޮނީން މިހާރު މި ވަނީ ޕްލޭސްޓޭޝަން 5 އަންނަ އަހަރު ގެނެސްދޭނެކަން ޔަގީންކޮށް ދީފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި ގޭމުން ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ އަދި ކުރީގެ ވާޝަންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޕްލޭސްޓޭޝަން 5 ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލޭސްޓޭޝަނުގެ އަހުލުވެރިންނަށް އޮތީ އުފާވެރި ޚަބަރެކެވެ. ސޮނީން މިހާރު މި ވަނީ ޕްލޭސްޓޭޝަން 5 އަންނަ އަހަރު ގެނެސްދޭނެކަން ޔަގީންކޮށް ދީފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި ގޭމުން ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ އަދި ކުރީގެ ވާޝަންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޕްލޭސްޓޭޝަން 5 ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

އެ ގޭމް އަންނަ އަހަރު ނެރޭކަން ކަށަވަރުކޮށް ދީފައި މި ވަނީ ޕްލޭސްޓޭޝަން 4 ނެރުނުތާ 6 އަހަރު ފަހުންނެވެ. ނަމަވެސް އާ ކޮންސޯލް ވިއްކާނެ އަގެއް އަދި އިއުލާނެއްނުކުރެ އެވެ.

ސޮނީ އިންޓެރެކްޓިވް އެންޓަޓައިންމަންޓްގެ ރައީސް އަދި ސީއީއޯ ޖިމް ރަޔަން ވިދާޅުވި ގޮތުގައި ޕްލޭސްޓޭޝަން 5 ވާނީ އެ ކުޅޭ މީހުންނަށް ހުރިހާ ގޮތަކުން ވެސް ތަފާތެއް ގެނެސްދޭނެ ފުރިހަމަ އެއްޗަކަށެވެ.

"މި ޖީލަށް އެންމެ ފެތޭ ގޮތަށް ގޭމް ގެނެސްދޭން އަހަރެމެން މަސައްކަތްކޮށްފައި ހުންނަނީ. މުހިއްމު ގިނަ ބަދަލުތަކެއް ގޭމުން ފެންނާނެ،" އިތުރު ތަފުސީލު ހާމަނުކޮށް އޭނާ ވިދާޅުވި އެވެ. "އެގޮތުން ސްޕީޑާއި ގްރެފިކްސް އިން ބޮޑެތި ތަފާތުތަކެއް ފެންނާނެ.

ޕްލޭސްޓޭޝަނަކީ ވީޑިއޯ ގޭމް ކުޅޭ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ކޮންސޯލެވެ. ޖަޕާނުގެ ސޮނީ ކުންފުނިން މި ތައާރަފުކޮށްފައި ވަނީ 1994 ގަ އެވެ. އެ ކުންފުނި ހިމެނެނީ ވެސް ވީޑިއޯ ގޭމްގެ ވިޔަފާރީގައި އެންމެ ވަރުގަދަ ތިން ކުންފުނީގެ ތެރޭގަ އެވެ. މީގެ ތެރޭގައި ދެން ހިމެނެނީ މައިކޮރްސޮފްޓާއި ނިންޓެންޑޯ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސޮނީން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ޕްލޭސްޓޭޝަން 4 ގެ 100 މިލިއަން ޔުނިޓް ވިއްކައިލެވޭނެ އެވެ.