Roadha Mihaaru
ފެބްރުއަރީ 7 ގެ މައްސަލަ ހަމަ ބަލަންވީ: ނާޒިމް

ޖަޒުބާތުގައި ޖެހިގެން، ފެބްރުއަރީ 7 މައްސަލަ ހަމަ ބަލަންވީ: ނާޒިމް

08 އޮކްޓޯބަރ 2019

ކުރީގެ ރަައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ގޮތް އަލުން ރަނގަޅަށް ބަލަން އެދިވަޑައިގަންނަވާ ކަމަށް އެ ދުވަހުގެ ހާދިސާއާ ގުޅިގެން އެމްޑީޕީން އެންމެ ބޮޑަށް އިނގިލި ދިއްކުރާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިއަދު، މަޖިލިހުގެ ކޮމިޓީގައި، ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރަައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވި ގޮތް އަލުން ރަނގަޅަށް ބަލަން އެދިވަޑައިގަންނަވާ ކަމަށް އެ ދުވަހުގެ ހާދިސާއާ ގުޅިގެން އެމްޑީޕީން އެންމެ ބޮޑަށް އިނގިލި ދިއްކުރާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިއަދު، މަޖިލިހުގެ ކޮމިޓީގައި، ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 7 އަކީ "ބަޣާވާތެއް" ކަމަށް ތުހުމަަތުކޮށްް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އޮގަސްޓްމަހު އަމިއްލަ މީހަކު ފޮނުވި ސިޓީއަކާ ގުޅިގެން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ފެބްރުއަރީ 7 ގެ މައްސަލަަ ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އޭނާ ދެން ސުވާލުކުރެއްވީ "އަބަދު މާޒީގެ ފަހަތުން ދުވާނީތޯ "އެވެ.

އިސްމާއީލް އަބްދުލް ހަމީދު ނަމަކަށް ކިޔާ މީހަކު ފޮނުވި ސިޓީގައި ތުހުމަތުކޮށްފައިވާ ބޭފުޅުންގެ ތެރެއިން އެކަކީ ނާޒިމެވެ. ދެން ހިމެނިވަޑައިގަންނަވަނީ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

އެސިޓީއާ މެދު ކުރި ބަހުސްގައި ފުރަތަމަ ވެސް ވާހަކަ ދެއްކެވީ ނާޒިމެވެ. އޭނާ ވިދާޅުވީ ޖަޒުބާތުގައި ޖެހިގެން ފެބްރުއަރީ 7 ގެ މައްސަލަ "އަލުން ހަމަ ބަލަންވީ" ކަމަށެވެ.

"ހަތެއް ފެބްރުއަރީގެ މައްސަލަޔަކީ އޭރުގެ ހުރިހާ ސިޔާސީ ފަރާތްތައް އެއްބަސްވެގެން ކޯނީ ރިޕޯޓެއްގެ ނަމުގައި ބޭރުގެ ތަހުގީގުކުރާ އިދާރާތައް [ވެސް] ބައިވެރިވި، ކަނޑައެޅި ބަޔަކާ ގުޅިގެން ނިމި މި ހަގީގަތްތައް ހާމަކުރެވިފައި [ވާ މައްސަލައެއް]،" ނާޒިމް ވިދާޅުވި އެވެ.

"ހަމަ އެއާ އެކީގައި މިއީ ގާތްގަނޑަކަަށް މިހާރު ހަތް ވަރަކަށް އަހަރު ވޭތިވެގެން ގޮސްފައި އޮތް މައްސަލައެއް. ދެން މި މައްސަލައިގެ ޖަޒުބާތުގައި ޖެހިގެން މި މައްސަލަ ބައްލަަވާ ކަމަށް ވަންޏާ އަޅުގަނޑަށް ފެންނަނީ ހަމަ މި މައްސަލަ އަލުން ހަމަ ބަލަން."

ސިޓީގައި އެދިފައިވާ ގޮތަށް އެ މައްސަލަ ބަލަން ފެންނަ ކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ތާއީދުކުރެއްވި އެވެ. ނަމަވެސް ފެބްރުއަރީ 7 ގެ މައްސަލަޔާ އެކުގައި ފެބްރުއަރީ 8 ގެ މައްސަލަ ވެސް ބަލަން މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އެވެ.

ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުން ކަމަށް އެމަނިކުފާނު ވިދާޅުވުމުން ސަޕޯޓަރުން ކުރި މުޒާހަރާތަކުގައި ދައުލަތުގެ މުދަލުގައި ހުޅު ޖަހައި، ފެބްރުއަރީ 8 ގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި މާލޭގައި އޮތް ބޮޑު މުޒާހަރާ ރޫޅާލަން ފުލުހުން ކުރިމަތިލައި، ވަރަށް އަނިޔާވެރި ގޮތަކަށް އަމަލްތައް ބެހެއްޓި އެވެ.

"ގާތްގަނޑަކަށް ބިިލިޔަނެއްހާ ރުފިޔާގެ [މުދާ]. ނުވަަތަ އެހާ ގިނަ މުދާ ދައުލަތުގެ އަނދައި އަޅިޔަށް ވެގެން ދިޔައިރު އެ މައްސަލަ ވެސް ބަލަން ޖެހޭ،" ތޯރިގު ވިދާޅުވި އެވެ.

އެކަމަކު ތޯރިގުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ނާޒިމް އެކަންޏެވެ.

ފެބްރުއަރީ 7 ގެ މައްސަ ބަލައިދޭން އެދި ފޮނުވި ސިޓީއާ މެދު ގޮތެއް ނިންމަން ވޯޓަކަށް އެހޭނީ މަޖިލީހުގެ ކޮންސުލް ޖެނެރަލްގެ ފަރާތުން ގާނޫނީ ލަފައެއް ހޯދައިގެން ކަމަށް މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވި އެވެ. އޭނާގެ އެ ހުށަހެޅުއްވުމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ ކޮމިޓީގެ ބައްދަލުވުން ނިންމާލީ، ގާނޫނީ ލަފާ ލިބުމުން އަލުން ބައްދަލުވުމެއް ބާއްވައި، ސިޓީއާ މެދު ގޮތެއް ނިންމާ ގޮތަށެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު މަޝްވަރާކުރި އަނެއް މައްސަލަޔަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ރައީސްކަމުގެ ދައުރަށް ވުރެ އިތުރަށް ހަ ދުވަހު ވެރިކަމުގައި ހުންނެވި މައްްސަލަ އެވެ. އެ މައްސަލަ ބަލައިދޭން ވެސް ސިޓީ ފޮނުވީ އިސްމާއިލް އަބްދުލް ހަމީދެވެ. އޭނާގެ އެޑްރެހާއި އިތުރު އެއްވެސް މައުލޫމާތެއް މުގައްރިރު ވިދާޅެއް ނުވެ އެވެ.