Roadha Mihaaru
ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް އިލްމުވެރިން އެކުގައި

ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް އިލްމުވެރިން އެކުގައި މަސައްކަތް ކުރަން ނިންމައިފި

05 އޮކްޓޯބަރ 2019

އިސްލާމް ދީނަށް ފުރައްސާރަކުރުން ރާއްޖޭގައި އިތުރުވާތީ އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ދީނީ އިލްމުވެރިންތަކެއް އެއްބަސްވެ ވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމް ދީނަށް ފުރައްސާރަކުރުން ރާއްޖޭގައި އިތުރުވާތީ އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރެއްވުމަށް ދީނީ އިލްމުވެރިންތަކެއް އެއްބަސްވެ ވަޑައިގެންފި އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި، ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ލިޔެފައި ވާތީ އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އިލްމުވެރިން ވަނީ މާލޭގައި ބައްދަލުވުންތަކެއް ބާއްވަން ފައްޓަވައިފަ އެވެ. އެފަދަ ބައްދަލުވުމެއް ރޭ ބޭއްވިއިރު މިއަދު މެންދުރު ނަމާދަށް ފަހު، އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ވެސް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތަކަކަށް ނުވާތީ، މަޝްވަރާތަކުގެ ތަފްސީލެއް ނޭނގެ އެވެ.

ދީނީ އިލްމުވެރިންގެ ތެރޭގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ހިންގާ ޖަރީމާތަކާ މެދު ދިވެހި ރައްޔިތުންގެ މެދުގައި އުފެދެމުން ދާ ނުތަނަވަސްކަމާ ގުޅޭގޮތުން، އިލްމުވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ރޭ މަޝްވަރާކުރި ކަމަށެވެ.

"އެ މަޝްވަރާތަކުގައި މިފަދަ ކަންކަމާގުޅިގެން ކުރިއަށް ދާނެ ގޮތްތަކާމެދު މަޝްވަރާކޮށް، ކަންތައްތަކެއް ކުރުމަށް ކަނޑައެޅުނު،" ޑރ. އިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން، ބައްދަލުވުމުގެ އެހެން ބައިވެރިޔަކު ވިދާޅުވީ ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. ނަމަވެސް ފަހުންވެސް އަންނަނީ އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

އެމްޑީއެންގެ އަމަލު ކުށްވެރިކޮށް އެ މައްސަލަ ބަލައި ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކުން ވަނީ ގޮވާލާފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.